ދިވެހިރާއްޖެއާއި ސްރީލަންކާގެ ސިޔާސީ ގުޅުމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ހަނދާނީ ގަސް އިންދުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ.
ކޮލަމްބޯގެ ވިހާރަ މަހާ ދޭވީ ޕާކްގައި ބޭއްވި މި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން، އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ސްރީލަންކާގެ ރައީސް، އަނޫރާ ކުމާރާ ޑިސަނާޔަކެއެވެ.
މިރަސްމިއްޔާތުގައި ދެ ބޭފުޅުން އިންދަވާފައިވަނީ ''ހޯސްފީލްޑިއާ އިރީއޫގެޑީ'' ނަމަކަށް ކިޔާ ގަހެކެވެ. މި ގަހަކީ ސްރީލަންކާއަށް ޚާއްޞަ އަދި ނެތިދިއުމުގެ ބިރު ހީވެފައިވާ ގަހެކެވެ.
ހަނދާނީ ގަސް އިންދުމުގެ ހަރަކާތަކީ، ދެޤައުމުގެ އެކުވެރިކަމުގެ ބަދަހި ގުޅުމާއި، ސިޔާސީ ގުޅުމާއި ޒަމާންވީ އެކުވެރިކަން ދެމިއޮތްކަން ރަމްޒުކޮށްދޭ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވިއެވެ. އަދި މިއީ ތިމާވެށީގެ ދެމެހެއްޓެނިވިކަމަށާއި އަންނަން އޮތް ޖީލުތަކުގެ ލާބައާއި މަންފާއަށްޓަކައި ދެ ޤައުމުން ކުރާ، ގުޅިފައިވާ މަސައްކަތްތައް ހާމަކޮށްދޭ ރަމްޒެއް ކަމަށްވެސް ވިދާޅުވިއެވެ.
މި ގަސްއިންދުމުގެ ހަރަކާތަކީ ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ރަސްމީ އެޖެންޑާގެ ތެރޭގައި ހިމެނިގެން ކުރިއަށްދިޔަ ހަރަކާތެކެވެ. މި ދަތުރުފުޅަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށާއި، ދެ ޤައުމަށް ފައިދާހުރި ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށްޓަކައި ކުރައްވާ މަތީ ފަންތީގެ ދަތުރުފުޅެކެވެ.
26 ޖުލައި 1965 ގައި ރާއްޖެއާއި ލަންކާއާ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރިފަހުން މިއަދާއި ހަމައަށްވެސް، ދެ ޤައުމުގެ ދެމެދު އޮންނަނީ ބަދަހި އެކުވެރި ގުޅުމެކެވެ. މި ގުޅުން ބިނާވެފައިވަނީ ދެ ޤައުމުގެ މެދުގައި އޮތް އިހްތިރާމާއި، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ޒަމާންވީ ގާތް ގުޅުމުގެ މައްޗަށެވެ.