ތިމާވެށި

ހުރާ ބަނދަރުގެ އެއްގަމު ތޮށީގެ މަސައްކަތް ނިމިއްޖެ


  • މިއީ 27.23 މިލިޔަން ރުފިޔާގެ މަޝްރޫޢެއް

  • އަންނަ އަހަރު ނިންމުމަށް ދަނީ މަސައްކަތް ކުރަމުން

ކ.ހުރާ ބަނދަރު އިތުރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ އެއްގަމު ތޮށީގެ ހުރިހާ މަސައްކަތްތަކެއް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ވިދާޅުވެއްޖެއެވެ.

އެމްޓީސީސީން ދަނީ، މި މަޝްރޫޢުގެ އިތުރުން އެރަށުގައި އުމްރާނީ ތަރައްޤީގެ 3 މަޝްރޫޢެއްގެ މަސައްކަތް ކުރަމުންނެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އެމްޓީސީސީން ވިދާޅުވީ، މުޅި މަޝްރޫޢުގެ ޖުމްލަ 50 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ބަނދަރުގެ ދުވާރު ހެދުމުގެ މަސައްކަތުގެ 95 އިންސައްތަ ނިމިފައިވާ ކަމަށެވެ. މީގެއިތުރުން ކޮންކްރީޓް ޖެޓީ ހެދުމުގެ މަސައްކަތުގެ 30 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތުދެއްވައެވެ.

އެމްޓީސީސީން ވިދާޅުވީ، މި މަޝްރޫޢު އެއްކޮށް ނިންމާލުމަށް ކަނޑައަޅާފައިވާ ތާރީޚަކީ، 2027 ވަނަ އަހަރުގެ އޭޕްރީލް މަސް ކަމަަށެެވެ. އަދި މިހާރު މަސައްކަތް ކުރިއަށްދާ ދުވެއްޔަށް ބަލާލާއިރު، ކުރިއަށް އޮތް 11 މަސް ދުވަހުގެ ތެރޭގައި ބަނދަރުގެ ހުރިހާ މަސައްކަތްތަކެއް ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެމްޓީސީސީން ވިދާޅުވިއެވެ.

ބިނާރާ ގެދޮރުވެރިކަމާ އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން މި މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފަައިވަނީ، 2023 ވަނަ އަހަރުގެ ޖޫންމަހުގައެވެ.

ހުރާ ބަނދަރު އިތުރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢަކީ، އެ ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ، 27.23 މިލިޔަން ރުފިޔާއަށެވެ.

މި މަސައްކަތް ނިމުމުން ބަނދަރުގެ ބޭނުންކުރާ ފަރާތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބިނާރާ ގެދޮރުވެރިކަމާ އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. 1380 މީހުންގެ އާބާދީއެއް އޮންނަ ހުރާގައި އެމްޓީސީސީގެ އިތުރުން އަމިއްލަ ކުންފުނިތަކާއި ޙަވާލުކޮށްގެން ދަނީ، އުމްރާނީ ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.