ޚަބަރު

ޕީއެސްއެމް ނިއުސް އެވޯޑްސް: ސްޓާފް އޮފް ދަ އިޔަރ، ހަފީޒާ!


  • ހަފީޒާއަށް ވަނީ އެންމެ މޮޅު ނިއުސް އެޑިޓަރގެ އެވޯޑުވެސް ލިބިފަ

  • އެންމެ މޮޅު ނިއުސް ޕްރެޒެންޓަރގެ އެވޯޑު ސީނިއަރ އެޑިޓަރ އަޙުމަދު ރިޟުވާނަށް

ޕަބްލިކް ސަރވިސް މީޑިއާގެ ޚަބަރު ޗެނަލް، ޕީއެސްއެމް ނިއުސްގެ އަހަރީ އެވޯޑު ޙަފްލާ ބާއްވައިފިއެވެ.

މި ޙަފްލާގައި އެކި ދާއިރާތަކުން އެންމެ ފާހަގަކޮށްލެވޭ މުވައްޒަފުންނަށް ޚާއްސަ އެވޯޑު ވަނީ ދީފައެވެ. މި ޙަފްލާ ބާއްވާފައިވަނީ ޕީއެސްއެމް ނިއުސްގެ 9 ވަނަ އަހަރީ ދުވަހާ ގުޅުވައިގެންނެވެ.

ޕީއެސްއެމް ނިއުސްގެ އެވޯޑު ޙަފްލާ ޝަރަފުވެރިކޮށްދެއްވީ ފަންނާއި ސަޤާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދުއެވެ. އަދި މި ރަސްމިއްޔާތުގައި ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބު، ޗެއަރމަން އައިމިނަތު ނަމްޒާ، އެގްޒެކެޓިވް ޑިރެކްޓަރ ނިއުސް އެންޑް ކަރަންޓް އެފެއާޒް ހުސެއިން އަމީން ނަސީރުގެ އިތުރުން، ކުންފުނީގެ މުވައްޒަފުން ބައިވެރިވިއެވެ.

އެވޯޑު ޙަފްލާގައި ވާހަކަދައްކަވަމުން ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބު ވަނީ ޕީއެސްއެމް ނިއުސްގެ މި ނިއުސްރޫމަށް އެންމެ 9 އަހަރު ފުރުނުކަމުގައިވީނަމަވެސް މި ނިއުސްރޫމަކީ 48 އަހަރުގެ ދިގު ތާރީހެއް އޮތް ނިއުސް ރޫމެއްކަން ފާހަގަކުރައްވާފައެވެ. އަދި މި ދިގު ތާރީހެއް މިއަދު ލިިބިގެންމިދިޔައީ މި ޑިޕާޓްމެންޓުގައި މަސައްކަތްކުރަމުންދާ މުވައްޒަފުންގެ މެދުގައި މި އޮންނަ އެއްބައެއްވަންތަކަމާއި އެކުވެރިކަމުގެ ސަބަބުން ކަމަށް އެމްޑީ ފާހަަގަކުރެއްވިއެވެ.

އެމްޑީގެ ވާހަކަފުޅުގައި ޕީއެސްއެމް ނިއުސްއަށް 9 އަހަރު ފުރި 10 ވަނަ އަހަރު ގުނަމުންދާއިރު އަންނަ އަހަރަށް ކުންފުނިން ހުރި ތަސައްވުރުތައްވެސް ފާހަގަކުރެއްވިއެވެ. އެގޮތުން އަންނަ އަހަރު މި ދާއިރާއިން މީހުން ބިނާކުރުމުގެ މުހިންމު މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށް އެމްޑީ ޝަކީބު ވިދާޅުވިއެވެ.

ޕީއެސްއެމް ނިއުސް އެވޯޑްސްގައި ގިނަ ދާއިރާތަކަކުން އެވޯޑު ދީފައިވެއެވެ. އެގޮތުން އަހަރުގެ އެންމެ މޮޅު މުވައްޒަފަކަށް ހޮވިފައިވަނީ ސީނިއަރ އެޑިޓަރ ހަފީޒާ އަބްދުއްސައްތާރުއެވެ. ހަފީޒާއަށް ވަނީ އެންމެ މޮޅު ނިއުސް އެޑިޓަރގެ އެވޯޑުވެސް ލިބިފައެެވެ. އެންމެ މޮޅު ނިއުސް ޕްރެޒެންޓަރގެ އެވޯޑު ސީނިއަރ އެޑިޓަރ އަޙުމަދު ރިޟުވާނަށް ލިބުނުއިރު، އެންމެ މޮޅު ނުސްވެރިޔާގެ އެވޯޑު ލިބިފައިވަނީ މޫސާ މަތުލޫބަށެވެ. އަދި އެންމެ މޮޅު ސްޕޯޓްސް ޖާނަލިސްޓް އެވޯޑު ލިބިފައިވަނީ ސާއިދު އަޙުމަދަށެވެ.

މީގެ އިތުރުން އެންމެ މޮޅު ވީޑިއޯ އެޑިޓަރުގެ އެވޯޑު ޝުހާންއަށް ލިބުނުއިރު، އެންމެ މޮޅު ކެމެރާމަންގެ އެވޯޑު ލިބުނީ ޝާޔަދު މުހައްމަދު ދީދީއަށެވެ. އެންމެ މޮޅު ފޮޓޯގްރަފަރަކަށް ޖަލްވާން ޖަމީލު ހޮވިފައިވާއިރު އެންމެ މޮޅު އޮން-އެއަރ އޮޕަރޭޓަރަކަށް ހޮވިފައިވަނީ ހުސެއިން އިބްރާހީމެވެ. އެޓެންޑެންސް އެވޯޑު ޙާސިލުކޮށްފައިވަނީ ސާއިދު އަޙުމަދަށެވެ.

އެންމެ މޮޅު ނިއުސް ޕްރޮޑިއުސަރުގެ އެވޯޑު ފާޠިމަތު ޝިޔާޒާއަށް ލިބުނުއިރު، ބެސްޓް ޕްރޮގުރާމް ޕްރޮޑިއުސަރުގެ އެވޯޑާއި، އެންމެ މޮޅު ޑޮކިއުމެންޓްރީ، އަދި އެންމެ މޮޅު ޕްރޮގްރާމު އެވޯޑު ލިބުނީ އަޙްމަދު ޝާފީޢުއަށެވެ. އެންމެ މޮޅު އޮންކެމް ރިޕޯޓުގެ އެވޯޑު މަރިޔަމް ވަފާއަށް ލިބުނުއިރު، ބެސްޓް ސެކެޓްރީގެ އެވޯޑު ލިބުނީ އައިޝަތު ނީޒާއަށެވެ. އަދި ބެސްޓް ސޯޝަލް މީޑިއާ ކޮންޓެންޓު ކްރިއޭޓަރގެ އެވޯޑު ލިބިފައިވަނީ އަޙުމަދު ޒޫޝަނަށެވެ.

ހަމަ އެހެންމެ ދައުލަތުގެ މީޑިއާއަށް 20 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކޮށްފައިވާ އަދި މިވަގުތުވެސް ނިއުސް ޗެނަލްގެ މުވައްޒަފުންގެ ގޮތުގައި މަސައްކަތްކުރަމުންދާ ކެމެރާމެން ޝާޔަދު މުހައްމަދު ދީދީއަށް ލިބިފައިވެއެވެ.