ޚަބަރާއި މައުލޫމާތު 24 ގަޑިއިރު ފެތުރުމަށް ރާއްޖޭގައި އުފެދުނު ފުރަތަމަ ޗެނަލް "ޕީއެސްއެމް ނިއުސް" ވުޖޫދުވީ 2017 ވަނަ އަހަރުގެ މެއިމަހުގެ 3 ވަނަ ދުވަހުއެވެ. މިއަދު ޕީއެސްއެމް ނިއުސްއަށް 9 އަހަރު ފުރުނުއިރު މި ޗެނަލްގެ އެންމެ މުހިންމު ބޭނުމަކީ ވީހާވެސް އަވަހަށް ތާޒާކަމާއެކު ރައްޔިތުންނަށް ޚަބަރާއި މައުލޫމާތު ފޯރުކޮށްދިނުމެވެ. ފާއިތުވެދިޔަ 9 އަހަރު ތެރޭގައި މިޗެނަލުން ކޮށްފައިވާ ބުރަ މަސައްކަތް އާންމުން ބަލައިގަނެފައިވަނީ ހެޔޮހިތުންނެވެ.
ޕީއެސްއެމް ނިއުސްއަކީ ޕީއެސްއެމް ކުޑައިގެ ދަށުން ހިންގާ ޗެނަލެކެވެ. މި ޗެނަލްގެ އެންމެ ބޮޑު ބޭނުމަކީ ސައްޙަ ތެދު މަޢުލޫމާތު ވަގުތުން ވަގުތަށް އެންމެ އަވަހަށް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމެވެ.
ޕީއެސްއެމް ނިއުސްއަށް 9 އަހަރު ފުރުނުއިރު މިއަދު މި ޗެނަލަކީ ބެލުންތެރިންނާއި ވަރަށް ގާތް ގުޅުމެއް އުފެދިފައިވާ ބެލުންތެރިން ނުހަނު ލޯބިވާ ޗެނަލަކަށް ވަނީ ވެފައެވެ. 9ވަނަ އަހަރީ ދުވަހާއި ގުޅިގެން ބެލުންތެރިން ނިއުސްއާއި މެދު ދެކޭގޮތް ބަލާލީމެވެ. އެ ފަރާތްތަކުން ފާހަގަކުރާގޮތުގައި ޕީއެސްއެމް ނިއުސް ދެކެނީ ވަރަށް ގާތް ތަނެއްގެ ގޮތުގައެވެ. އަދި މި ޗެނަލަކީ ރަށްރަށަށް ވަރަށް މުހިންމު ޗެނަލެއްކަން ވަނީ ފާހަގަކޮށްފައެވެ. ރަށުގައި ކިތަންމެ ކުޑަ ކަމެއް ހިނގިޔަސް މުޅި ރާއްޖެއަށް ފަތުރާލުމަށް މިހާތަނަށް ލިބިގެންދިޔަ އެންމެ ރަނގަޅު ޕްލެޓްފޯމެއްގެ ގޮތުގައި ވަނީ ބުނެފައެވެ.
"އަމިއްލަ ތަނެއްގެ ގޮތުގައި ދެކެނީ. ޕީއެސްއެމް ނިއުސްއިން މި ރަށަށް އަންނަ މުވައްޒަފުންނަކީވެސް ވަރަށް ގާތް ބައެއްގެ ގޮތުގައި ދެކެނީ." އާންމު ފަރާތަކުން ބުންޏެވެ.
މި ޗެނަލަކީ އެންމެ އަވަހަށް އެންމެ ތާޒާކަމާއެކު ރައްޔިތުންނާއި ހަމައަށް ޚަބަރާއި މައުލޫމާތު ފޯރުކޮށްދޭ ޗެނަލްގެ ގޮތުގައި އާންމުން ފާހަގަކުރެއެވެ.
"ޕީއެސްއެމް ނިއުސްއަކީ މުޅި ރާއްޖޭގެ ޚަބަރުތައް ވަރަށް ތަފްސީލްކޮށް ވަރަށް އަވަހަށް ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދޭ އެންމެ މުހިންމު ދައުލަތުގެ މީޑިއާ. އެހެންވީމަ އެ މީޑިއާގެ މުހިންމުކަން އެ ޚަބަރުތަކުން މުޅި ރާއްޖޭގެ އެންމެންނަށް ކިހާވަރެއްގެ ކަމެއްކަން މިހާތަނަށް ސާފުވެގެން ހިނގައްޖެ. އެންމެ ގާތުން، އެންމެ އަވަހަށް އެންމެ ތެދުވެރިކަމާއިއެކު ޚަބަރު ފޯރުކޮށްދޭ ޗެނަލް." އާންމު ރައްޔިތަކު ބުންޏެވެ.
"ޕީއެސްއެމް ނިއުސްއަކީ ހަޤީގީ ކަންތައްތަކަށް ބިނާކޮށް ރައްޔިތުންނަށް ޚަބަރު ފޯރުކޮށްދެމުންދާ ނިއުސްއެއްކަމަށް ފާހަގަކުރަން. އެންމެ މުހިންމު ކަމެއްކަމަށް ފާހަގަވަނީ ޕީއެސްއެމުން ގެނެސްދޭ ކުޅިވަރު ޚަބަރުތައް. އެންމެ ފަހުގެ ތަފްސީލާއެއްކޮށް ޚަބަރު ޕީއެސްއެމް ނިއުސްއިން ގެނެސްދޭކަން ހަމަ ފާހަގަކުރަން." އާންމު ރައްޔިތަކު ބުންޏެވެ.
ޚަބަރުގެ އިތުރުން ޕީއެސްއެމް ނިއުސްއިން ދަނީ އާންމުންނާއި ހަމައަށް ތަފާތު ގިނަ ޕްރޮގްރާމްތަކާއި ޑޮކިއުމެންޓްރީތައްވެސް ގެނެސްދެމުންނެވެ. މި ޕްރޮގްރާމްތަކަކީވެސް ބެލުންތެރިންގެ މެދުގައި މަޤްބޫލު ޕްރޮގްރާމްތަކަށް ވަނީ ވެފައެވެ.
"ޕީއެސްއެމް ނިއުސްގެ ޕްރޮގްރާމްތަކަކީ ވަރަށް ޝައުގުވެރިވާ ވަރަށް ބަލާހިތްވާ ޕްރޮގްރާމްތަކެއް. ގިނަ ވަގުތު ހޭދަކުރަން ޕްރޮގްރާމްތައް ބެލުމަށް." ބެލުންތެރިއަކު ބުންޏެވެ.
ޕީއެސްއެމް ނިއުސްއިން ޓީވީ މެދުވެރިކޮށް ޚަބަރާއި ޕްރޮގްތާމްތައް ގެނެސްދެމުންދާއިރު ނިއުސްގެ ވެބްސައިޓަކީވެސް ތާޒާކަމާއެކު އާންމުންނާއި ހަމައަށް މައުލޫމާތުތައް ފޯރުކޮށްދޭ ވެބްސައިޓެއްކަން އާންމުން ފާހަގަކުރެއެވެ.
"ޕީއެސްއެމް ނިއުސްއަކީ ވެބްސައިޓް މެދުވެރިކޮށްވެސް ދުނިޔެއާއި ރާއްޖޭގެ ޚަބަރުތައް ދުވަހުން ދުވަހަށް ވަރަށް ތާޒާކަމާއިއެކު ފޯރުކޮށްދޭ ނިއުސް މީޑިއާއެއް." ބެލުންތެރިއަކު ބުންޏެވެ.
ޕީއެސްއެމް ނިއުސްއަށް 9 އަހަރު ވީއިރު މި ޗެނަލުން އާންމުންނަށް އަދި ބެލުންތެރިންނަށްދޭ ޔަޤީންކަމަކީ ކުރިއަށްއޮތް ތަނުގައިވެސް މި ޗެނަލުން އާންމުންނަށް ޝައުގުވެރި ގިނަ ޕްރޮގްރާމްތަކެއް ގެނެސްދީ މިގޮތުގައި ދެމިތިބޭނެކަމެވެ.