ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލްތަކުގެ ކަންކަމުގައި ޒިންމާވާނީ ދައުލަތުގެކޮން ވަޒީރެއްކަމާމެދު ބައެއް ފަރާތްތަކުން ދަނީ ސުވާލުއުފައްދަމުންނެވެ. މި ސުވާލުތައް އުފެދެން ފެށީ ކައުންސިލްތަކުގެ ކަންކަން ބަލަހައްޓަމުންދިޔަ، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުވާލެއްވުމުންނެވެ.
ރާއްޖޭގައި ލާމަރުކަޒީ ނިޒާމަކީ މިހާރު އައު ނިޒާމެއް ނޫނެވެ. 2010 ވަނަ އަހަރުން ފެށިގެން ވަކި ޤާނޫނެއްގެ ދަށުން ލާމަރުކަޒީ ނިޒާމަށް ރާއްޖޭގައި ދަނީ އަމަލުކުރަމުންނެވެ. މިއާއެކު ކައުންސިލްތަކުގެ ޒިންމާވާ ފަރާތެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭއެވެ.
2023ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއެއް އުފެއްދެވީ ކައުންސިލްތަކުގެ މަސައްކަތްތައް ހަރުދަނާކޮށް، ކައުންސިލްތަކާއި ސަރުކާރާ އޮންނަ ގުޅުން އިތުރަށް ރަނގަޅުކުރުމުގެ މަގުސަދުގައެވެ. މީގެ ނަތީޖާވެސް ވަރަށް ފުރިހަމަ ކަމަށް ގިނަ ކައުންސިިލްތަކުން ގަބޫލުކުރެއެވެ.
ކުރިން މިގޮތަށް އޮތް ނަމަވެސް ރައީސުލްޖުމްހޫރިއްޔާ މިދިޔަ މަހު އެމަނިކުފާނުގެ ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލުތަކާއެކު ބައެއް ވުޒާރާތަކުގެ މެންޑޭޓުތައް ވަނީ އެހެން ވުޒާރާތަކަށް ބަދަލުކުރައްވާފައެވެ. މީގެތެރޭގައި ސިޓީތަކާބެހޭ ވުޒާރާ އުވާލައްވައި، އެ ވުޒާރާގެ މެންޑޭޓު ވަނީ މާލީ ވުޒާރާގެ ދަށަށް ބަދަލުކުރައްވާފައެވެ. މިގޮތަށް މެންޑޭޓުތައް ބަދަލުކުރެއްވީ އެ ވުޒާރާއަކާ އެންމެ ގުޅުންހުރި ވުޒާރާތައް ބެއްލެވުމަށްފަހު ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ލާމަރުކަޒީ ނިޒާމުގައި ޒިންމާވާ މިނިސްޓަރަކަށް މިހާރު އެލްޖީއޭގެ ރައީސްގެ މަޤާމަށް، ނުވަތަ މަޖިލީހަށް ޖަވާބުދާރީވާންޖެހޭ މިނިސްޓަރެއްގެ ގޮތުގައި އަޅުގަނޑުމެން ކަނޑައަޅާފައިމިވަނީ ފިނޭންސް މިނިސްޓަރ. އެއީ ހުރިހާ ކަމަކަށް ކޮމަންވާ މިނިސްޓަރަކީ ފިނޭންސް މިނިސްޓަރަށްވީމަ. އެލްޖީއޭއަކީ ޤާނޫނުގައި ކަނޑައަޅާފައި އޮންނަ ގޮނޑި ލާމަރުކަޒީ ނިޒާމު އެޑްމިނިސްޓަރ ކުރަން. އެހެންވީމަ އެލްޖީއޭއިން އެލްޖީއޭގެ ޒިންމާ އަދާކުރަމުންދާނެ،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ގެންނެވި ބަދަލުތަކާއެކު މާލީ ވުޒާރާގެ މެންޑޭޓުވެސް މިހާރު ވަނީ އާންމުކޮށްފައެވެ. އެ މެންޑޭޓުގައި ބުނާ ގޮތުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ތަރައްޤީކުރުމާއި، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ސިޔާސަތު ކަނޑައަޅައި ހިންގާނީ އެ ވުޒާރާއިންނެވެ. އެހެންކަމުން، ކުރިން ސިޓީތަކާބެހޭ ވުޒާރާއަށް އެޑްރެސްކޮށް ފޮނުވި ސިޓީތަކާއި ހުށަހަޅާ ކަންކަން މިހާރު ހުށަހަޅަންވާނީ މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވުޒާރާއަށެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާގޮތުން ކައުންސިލްތަކުގެ މަސައްކަތްތަކާއި ޙަރަކާތްތައް ހިނގަމުންދާގޮތް ބަލައި، ކައުންސިލްތަކުގެ މަސައްކަތްތައް ވިލަރެސްކުރާނީ އެލްޖީއޭއިންނެވެ. އެލްޖީއޭގެ ރައީސަކަށް ރައީސުލްޖުމްހޫރިއްޔާ މާލީ ވަޒީރު މޫސާ ޒަމީރު އައްޔަންކުރައްވާފައިވާތީ މަޖިލީހުގައި ޖަވާބުދާރީ ވާންޖެހޭނީ ވަޒީރެވެ. ޤާނޫނުގައި ބުނެފައިވާ ގޮތުން ކައުންސިލްތަކުގެ ކަމުގައި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ ވަޒީރެވެ.
އަތޮޅު ކައުންސިލްތަކާއި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާ އުވާލުމުން ޤާނޫނީ ހުސްކަމެއް ނާންނާނެ ކަމަށް އެލްޖީއޭއިންވެސް ވަނީ ފާހަގަކުރައްވާފައެވެ. އަތޮޅު ކައުންސިލްތައް އުވިގެންދާއިރު، ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ޤާނޫނަށް ގެނެވުނު 17 ވަނަ އިސްލާހުގައި، އެ ކައުންސިލްތަކުން ފޯރުކޮށްދެމުން ދިޔަ ޚިދުމަތްތައް އެލްޖީއޭގެ ދަށުން ދިނުމަށް ވަނީ ހިމަނާފައެވެ. އަދި އަތޮޅު ކައުންސިލްތަކުގެ ވަސީލަތްތަކާއި މުދަލާއި ޤާނޫނީ ގޮތުން ހަވާލުވަނީ އެލްޖީއޭއިންނެވެ.
އެހެންކަމުން އެލްޖީއޭގެ އޮފީސްތައް ޤާއިމްކުރުމުގެ އިޚްތިޔާރު އެލްޖީއޭއަށް ޤާނޫނުން ވަނީ ލިބިދީފައެވެ. މީގެ ސަބަބުން ސިޓީތަކާބެހޭ ވަކި ވުޒާރާއެއް ނެތް ނަމަވެސް ކުރިންވެސް އެލްޖީއޭއިން ކައުންސިލްތަކުގެ ޒިންމާތައް ނަގަމުން އައިގޮތަށް ޒިންމާތައް ނަގަމުންދާނެއެވެ. އަދި އެލްޖީއޭގެ ރައީސްގެ ހައިސިއްޔަތުން އެ ހުރިހާ ޒިންމާއަކާ ހަވާލުވެ ހުންނަވާނީ މާލީވަޒީރު މޫސާ ޒަމީރެވެ.