ޚަބަރު

"ޚަބަރު ފެތުރުމުގެ އުސޫލުތަކާއި ޚިލާފުވާނަމަ މުޖުތަމަޢުއަށް ނުރައްކާ ބޮޑު"


  • ނޫސްވެރިން މިހާރަށްވުރެ ބޮޑަށް ޒިންމާދާރުވުމަށް އިލްތިމާސް ކުރެއްވި

  • ސައްޙަ މަޢުލޫމާތު ހޯދުމަށް ރައްޔިތުން ބަރޯސާވަނީ ނޫސްވެރިންނަށް ކަމަށް ވިދާޅުވި

ޚަބަރު ފެތުރުމުގެ އަޚުލާޤީ މިންގަނޑާ ޚިލާފުވުމުން، ޙަޤީޤަތާ ޚިލާފު ވާހަކަތައް ފެތުރުމަށް މަގުފަހިވެ، މުޖުތަމަޢުގެ ހަމަޖެހުން ގެއްލިގެން ހިނގައިދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސެއިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް ވިދާޅުވީ، ސައްޙަ މަޢުލޫމާތު ލިބިގަތުމަށް އާންމުން ބަރޯސާ ވަނީ ނޫސްވެރިންނަށް ކަމަށެވެ.

ނޫސްވެރިކަމުގެ މިނިވަންކަމާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސެއިން މުޙައްމަދު ލަތީފް ވިދާޅުވީ، އަޚްލާޤީ މިންގަނޑުން ކުރާ ނޫސްވެރިކަމުން ފެންވަރު ރަނގަޅު މަޢުލޫމާތު ހާމަކޮށްދީ، ޒިންމާދާރު ކުރުވުމުގެ އިތުރުން ދެފުށް ފެންނަ ނިޒާމެއް ޤާއިމުކުރެވޭނެ ކަމަށެވެ. އަދި ޑިމޮކްރަސީގެ އުސޫލުތައް ނެގެހެއްޓިގެންދާނެ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ނޫސްވެރިކަމުގެ އަޚުލާޤީ މިންގަނޑުން ނެއްޓިގެން ދިޔުމުގެ ނަތީޖާއެއްގެ ގޮތުން، ޙަޤީޤަތާ ޚިލާފު މަޢުލޫމާތު ފެތުރުމުން ހަމަނުޖެހުމަށް މަގުފަހިވެ، ރައްޔިތުންނަށް ސައްޙަ މަޢުލޫމާތު ލިބުމަށް ހުރަސް އެޅިގެންދާނެ ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސްވަނީ، ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި މިހާރަށްވުރެ ބޮޑަށް ޒިންމާދާރުވެ، ނޫސްވެރިކަމުގެ އަސާސީ މިންގަނޑުތަކާއި އުސޫލުތަކަށް ހުރިހާ ނޫސްވެރިންވެސް އަމަލުކުރުމަށް އިލްތިމާސް ކުރައްވާފައެވެ.