ދުނިޔޭގެ ކަނޑުމަހުގެ އުފެއްދުންތަކުގެ އެންމެ ބޮޑު މައުރަޒުގައި ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ބައެއް ކުންފުނިތަކުން ބައިވެރިވެއްޖެއެވެ.
މި މައުރަޒު ކުރިއަށްގެންދިޔައީ މިމަހުގެ 21 އިން 23އަށް ސްޕެއިންގެ ބާސެލޯނާގައެވެ.
ދުނިޔޭގެ ކަނޑުމަހުގެ އުފެއްދުންތަކުގެ އެންމެ ބޮޑު އެ މައުރަޒަކީ، ދުނިޔޭގެ މަސްވެރިކަމުގެ ވިޔަފާރިތައް އެއްތަނަކަށް ޖަމާކޮށްދޭ، އަދި ދިވެހި އެކްސްޕޯޓަރުންނަށް ބައިނަލްއަޤްވާމީ އިންވެސްޓަރުންނާއި މަސް ގަނެ ވިއްކާ ފަރާތްތަކާ ބައްދަލުކުރުމަށް ލިބޭ ފުރުސަތެކެވެ.
ބާސެލޯނާގައި އޮތް "ގްލޯބަލް ސީފުޑް މާކެޓްޕްލޭސް" ގެ ތެރެއިން ރާއްޖޭގެ ޕެވީލިއަންގައި ވަނީ ޚާއްސަ ހަރަކާތެއް ބާއްވާފައެވެ.
"ފްރޮމް މޯލްޑިވްސް ޓު ދަ ވޯލްޑް"ގެ ނަމުގައި ކުރިއަށްގެންދިޔަ މި ހަރަކާތުގައި މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމާއި، މޮންޓްރޭ ބޭ އެކުއޭރިއަމްގެ ޕޮލިސީ އެންސް ސްޓޭކްހޯލްޑަރ އެންގޭޖްމަންޓް ޑައިރެކްޓަރ ޖޯޝް މަޑެއިރާގެ އިތުރުން މިފްކޯގެ ސްޓްރެޓީޖިކް ކޮންސަލްޓަންޓް އާތިފް ޝަކޫރު ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި ދެމެހެއްޓެނިވި އުސޫލުތަކުގެ ސަބަބުން މަސްވެރިކަމުގެ ސިނާޢަތަށް ލިބޭނެ ކުރިއެރުންތަކަށާއި، ޒިންމާދާރުކަމާއެކު ކުރާ މަސްވެރިކަން ބަލައިގަނެ އެކަމަށް ހިތްވަރު ދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި މޮންޓްރޭ ބޭ އެކުއޭރިއަމް ސީފުޑް ވޮޗްގެ އެންމެ ފަހުގެ އެސެސްމެންޓްތަކާއި ގުޅޭގޮތުންވެސް މަޝްވަރާކޮށްފައިވެއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވީ، ރާއްޖޭގެ ތިބާވެއްޓާ ރައްޓެހި ދޮށީގެ މަސްވެރިކަން ދެމެހެއްޓުމުގައި ލިބުނު ކާމިޔާބީގެ އަސާސަކީ ދިވެހީންގެ ސަޤާފަތާއި ހަރުދަނާ ސިޔާސަތުތައް ކަމަށެވެ.
ރާއްޖޭގެ މަސްވެރިކަން ފާހަގަކުރައްވާ ތިމާވެއްޓަށް ގެއްލުންދެނިވި މަސްވެރިކަމުގެ އުސޫލުތަކާ ގުޅިގެން މަސްވެރިކަމުގެ ޤާނޫނީ އޮނގަނޑުގެ ދަށުން އަޅާފައިވާ ފިޔަވަޅުތަކާއި މަސްވެރިކަން މޮނިޓަރކޮށް ބެލެހެއްޓުމުގެ ނިޒާމުތަކަށް ކުރެވޭ އިންވެސްޓްމަންޓްތަކަށްވެސް ވަޒީރު އަލިއަޅުއްވާލެއްވިއެވެ.
އެމެރިކާގެ މަސްވިއްކާ ކުންފުނިތަކުންނާއި، އެހެނިހެން ފަރާތްތަކުން މަސް ގަތުމުގައި ރިއާޔަތްކުރާ މޮންޓަރޭ ބޭ އެކުއޭރިއަމްގެ "ސީފުޑް ވޮޗް" ޕްރޮގްރާމުން މިމަހު އާންމުކުރި މިންގަނޑުގައި ރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަމަށް ޚާއްސަ ރޭޓިން ކަނޑައަޅާފައިވެއެވެ. މިއީ "ސީފުޑް ވިޗް"ގެ ތާރީޚުގައިވެސް ވަކި ޤައުމަކަށް ޚާއްސަކޮށްގެން ކަނޑުމަހުގެ މަސްވެރިކަމަށް ރޭޓިންއެއް ކަނޑައެޅި ފުރަތަމަ ފަހަރެވެ.
ރާއްޖޭގައި ކުރާ ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމަށް ލިބިފައިވާ މެރިން ސްޓުވަރޑްޝިޕް ކައުންސިލް ސެޓިފިކޭޝަން ވަނީ މިދިޔަ މަހު ރާއްޖެއިން ކަންނެލީގެ އަތުނަނުގެ މަސްވެރިކަމަށް ވެސް ލިބިފައެވެ. މީގެސަބަބުން ދުނިޔޭގެ ނިސްބަތުން ކަންޑުމަހުގެ މަސްވެރިކަން ސެޓިފައި ކުރެވިފައިވާ މަދު ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިގެންދެއެވެ.