ޚަބަރު

ސަރވިސް ޗާޖާއި ގުޅޭގޮތުން ޤާނޫނަށް ހުށަހެޅި އިސްލާޙު ކޮމިޓީއަށް


  • ބިލު ބަލައިގަނެ ފާސްކުރާނެ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު ވިދާޅުވި

  • ބިލު ބަލައިގަންނަން ފާސްކުރީ ވޯޓު ދެއްވި މެންބަރުންގެ އިއްތިފާޤުން

ސަރވިސް ޗާޖާ ގުޅޭގޮތުން ވަޒީފާއާބެހޭ ޤާނޫނަށް ހުށަހެޅި އިސްލާޙު ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފިއެވެ.

މި ބިލަކީ، އެމްޑީޕީގެ މެންބަރެއް ކަމަށްވާ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ހުށަހެޅުއްވި އިސްލާޙެކެވެ. ބިލުގެ ބަހުސް މަރުޙަލާގައި ގިނަ މެންބަރުން ވަނީ، ބިލު އިތުރަށް ދިރާސާކުރަން ޖެހޭކަން ފާހަގަކުރައްވާފައެވެ.

ކެންދޫ ދާއިރާގެ މެންބަރު ހުށަހެޅުއްވި އިސްލާޙުގައި މައިގަނޑުގޮތެއްގައި ދެ ކަމެއް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން، ސާރވިސް ޗާޖުގެ ގޮތުގައި މުވައްޒަފުންނަށް ދޭ ފައިސާއަކީ، ފަތުރުވެރިން އަތުން ސާރވިސް ޗާޖުގެ ގޮތުގައި ނަގާ ފައިސާއަކުން ދޭ އެއްޗަކަށް ހެދުމަށާއި، ކޮންޓްރެކްޓް މުވައްޒަފުންގެ ގޮތުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވެސް ސާރވިސް ޗާޖު ދޭންޖެހޭ ގޮތަށް އިސްލާޙު ގެނައުމަށް ވަނީ ހިމަނާފައެވެ.

މި ބިލު ހުށަހެޅުއްވި ސަބަބެއް ކަމަށް މެންބަރު މައުރޫފު ވިދާޅުވީ، ބައެއް ރިސޯޓުތަކުން ސާރވިސް ޗާޖުގެ ގޮތުގައި ފަތުރުވެރިން އަތުން ބޭރު ފައިސާ ނެގުމަށްފަހު މުވައްޒަފުންނަށް ދިވެހި ރުފިޔާއިން ސާރވިސް ޗާޖު ދޭތީ ކަމަށެވެ.

"ޤާނޫނުގައި ވަރަށް ސާފުކޮށް ތަފާތު ކުރުމެއް ނެތި، ސީދާ ގޮތުންނާއި ނުސީދާ ގޮތުންވެސް އެ ސާރވިސް ޗާޖު ލިބިދޭން ޖެހޭނެ ކަމަށް ބަޔާން ކޮށްދީފައި އެބައޮތް. އެހެންނަމަވެސް ފަތުރުވެރި ކަމުގައި ޚިދުމަތް ދޭ ވިޔަފާރިތަކުން ސާރވިސް ޗާޖު މުވައްޒަފުންނަށް ދިނުމުގައި މިފަހަކަށް އައިސް، ޚާއްސަކޮށް ސަރުކާރުގެ ފަރާތުން ޑޮލަރުގެ ސިޔާސަތަށް ގެނެވުނު ބަދަލާ ގުޅިގެން ވަރަށް ބޮޑަށް ސާރވިސް ޗާޖުގެ ގޮތުގައި ނަގާ ފައިސާ ދިވެހި ރުފިޔާއިން މުވައްޒަފުންނަށް ދިނުމަށް ބަދަލު ކުރަމުން ދަނީ. އެހެންވުމުގެ ސަބަބުން ފަތުރުވެރި ކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ލިބޭ އާމްދަނީ ވަރަށް ބޮޑުތަނުން ދަށްވެގެންދާ ހާލަތެއް މި ދިމާވަނީ،" ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ވިދާޅުވިއެވެ.

މި ބިލު ހުށަހެޅުއްވުމާ ގުޅިގެން ބަހުސްގައި ބައިވެރިވެ ވަޑައިގެންނެވި ގިނަ މެންބަރުން ވަނީ، ބިލު ހުށަހެޅުއްވި ނިޔަތާ މެދު ސުވާލު އުފައްދަވާފައެވެ. އެގޮތުން 19ވަނަ މަޖިލީހުން އެ އިސްލާޙުތައް ނުގެނެސް 20ވަނަ މަޖިލީހުގައި ހުށަހެޅުއްވީ، ސަރުކާރުގެ މެޖޯރިޓީ އޮތް މަޖިލީހުން ރައްޔިތުންނާ ގުޅުންހުރި އެފަދަ މައްސަލަތައް ބަލައި ނުގަންނަ ކަމަށް ދައްކައި، މަޖިލީހުގެ ވަގުތު ބޭކާރު ކުރުމަށް ކަމަށް މެންބަރުން ވަނީ ވިދާޅުވެފައެވެ.

މި ބިލަށް ބަހުސް ކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވީ މިބިލަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނާއި ވިޔަފާރިވެރިންނާ ގުޅުންހުރި ބިލަކަށްވާތީ އެ ބިލުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށެވެ. އަދި ކޮމިޓީގެ މަރުހަލާގައި އެ ދާއިރާގެ ފަރާތްތަކާ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވި ބިލަށް ގެންނަންޖެހޭ މުހިންމު އިސްލާހުތައް ގެނައުމަށްފަހު ބިލު ފާސްކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި އިސްލާހު މިއަދު އެހެން ނަމަވެސް ބަލައިގަންނާނަން މަޖިލީހަށް އިނގޭތޯ. އެއީ ރިސޯޓްތަކުގެ ވަޒީފާ އަދާކުރާ މުވައްޒަފުންގެ ހައްގުގައި، އަޅުގަނޑުމެންގެ ރައީސުލް ޖުމްހޫރިއްޔާ ބޭނުންފުޅުވާ ގޮތް. ބަލައިގަނެފައި ކޮމިޓީ މަރުހަލާއަށް ފޮނުވާފައި ކޮމިޓީ މަރުހަލާގައި ރިސޯޓްތަކުގެ އޯނަރުންނާއި މި ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނާއި ހުރިހާ ބޭފުޅުންނާ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައި، ގެންނަންޖެހޭ އިސްލާހެއް އޮވެއްޖިއްޔާ ގެނެސްފައި، ރިސޯޓް އޯނަރުންނަށް ވެސް މުވައްޒަފުންނަށް ވެސް އެންމެ ފައިދާ ހުރި ގޮތަކަށް މި އިސްލާހު ފާސްކުރާނެ ވާހަކަ ދަންނަވަން،" މެންބަރު ފަލާހު ވިދާޅުވިއެވެ.

މި ބިލު މަޖިލީހަށް ބަލައިގަތުމަށް ފާސްކުރީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 67 މެންބަރުންގެ އިއްތިފާގުންނެވެ. މި ބިލު ދިރާސާކުރުމަށް ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.