ޚަބަރު

އައިޕީޔޫގެ ބައްދަލުވުމަށްފަހު މަޖިލީހުގެ ރައީސް ރާއްޖެއަށް


  • ތުރުކީވިލާތަށް ވަޑައިގެންނެވީ މި މަހުގެ 13ގައި

  • ބައްދަލުވުމުގައި ތަޤްރީރު ކުރެއްވި

އިންޓަރ-ޕާލަމަންޓްރީ ޔޫނިއަން، އައިޕީޔޫގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ރާއްޖެ ވަޑައިގެންފިއެވެ.

އައިޕީޔޫގެ 152ވަނަ ބައްދަލުވުގައި ބައިވެރިވެ ވަޑައިގެންނެވުމަށް މަޖިލީހުގެ ރައީސް ތުރުކީވިލާތުގެ އިސްތަންބުލަށް ފުރާ ވަޑައިގެންނެވީ، މި މަހުގެ 13ވަނަ ދުވަހުއެވެ. އެމަނިކުފާނުގެ އަރިހުގައި ބައެއް މަޖިލިސް މެންބަރުންނާއި އަމީން އާންމުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މަޖިލީހުގެ ރައީސް ވަނީ، މި ބައްދަލުވުމުގައި ތަޤްރީރު ކުރައްވާފައެވެ. އެގޮތުން، ދުނިޔެއަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމާއި، ހަނގުރާމަތަކާއި އަދި ތަފާތުކުރުންތަކުން އުފެދިފައިވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމުގައި ޤާނޫނު ހަދާ މަޖިލީސްތަކުގެ ޒިންމާ ބޮޑު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އައި.ޕީ.ޔޫގެ މިއަހަރުގެ އެސެމްބްލީގެ މައުޟޫއަކީ، "އަންނަން އޮތް ޖީލުތަކަށްޓަކައި އުންމީދު އާލާކޮށް، ސުލްޙަ މަސަލަސްކަން ޤާއިމުކޮށް އަދި އިންސާފު ކަށަވަރުކޮށްދިނުން" މިއެވެ. އެމަނިކުފާނުގެ ތަޤްރީރުގައި ތަޢުލީމާއި، ޞިއްޙީ ޚިދުމަތާއި، ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ އިތުރުން ގޮތް ނިންމުމުގެ މަރުޙަލާތަކުގައި ޝާމިލު ކުރުމުގެ ތެރެއިން ރައްޔިތުން، ޚާއްޞަކޮށް ޒުވާނުންނާއި އަންހެނުން ބާރުވެރި ކުރުވުމުގެ ބޭނުންތެރިކަން ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުންގެ އުންމީދުތަކަށް ނަތީޖާ ނެރެވޭ ފަދަ ޤާނޫނުތަކާއި، ސިޔާސަތުތަކާއި އަދި ބަޖެޓުތައް ބަދަލު ކުރުމުގައި ޤާނޫނު ހަދާ މަޖިލީސްތަކުން މުހިންމު ދައުރެއް އަދާކުރާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އިންޓަރ-ޕާލިމެންޓަރީ ޔުނިއަންގެ 152 ވަނަ އެސެމްބްލީގައި ބައިވެރިވެ ވަޑައިގެންނެވުމަށް ތުރުކީވިލާތުގެ އިސްތަންބުލަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މަޖިލީހުގެ ރައީސް ރާއްޖެއަށް ވަޑައިގެންނެވީ، މިއަދު ހެނދުނެވެ.