އޭޓީއެމް ނެޓްވަރކް ފުޅާކުރުމާއި ގެދޮރުވެރިކަމުގެ ސިނާޢަތަށް ބޭންކުން ވަންނަން ނިންމި ނިންމުމަކީ ސިޔާސީ ނިންމުންތަކެއް ނޫންކަމަށް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
މުޙައްމަދު ޝަރީފް ވިދާޅުވީ އެނިންމުންތަކަކީ، ބޭންކުގެ ބޯޑުގައި މަޝްވަރާކުރެވި، ބޭންކަށް ފައިދާ ލިބޭނެކަމަށް އަންދާޒާކޮށް ނިންމާފައިވާ ނިންމުންތަކެއްކަމަށެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ކުރާ އަސަރުތަކާއި އަދި ބޭންކުން ވިޔަފާރިތަކަށް އެހީވުމަށް ކުރަމުންދާ މަސައްކަތުގެ އިތުރުން ބޭންކާއި ބެހޭގޮތުން އެކި ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކާއި ގުޅިގެން ބޭންކުންވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ.
ބޭންކުގެ ނިންމުންތަކަކީ ސިޔާސީ ނިންމުންތަކެއްކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކާއި ގުޅިގެން، ޕީއެސްއެމް ނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ އެފަދަ ވާހަކަތަކެއް ދެކެވޭ މައިގަނޑު ސަބަބެއްކަމަށް ޤަބޫލުކުރައްވަނީ ބޭންކުގެ އޭޓީއެމް ނެޓްވަރކް ފުޅާކުރުމާއި އަދި ގެދޮރުވެރިކަމުގެ ސިނާޢަތަށް ބޭންކުން ވަނުމުންކަމަށެވެ. އެހެންނަމަވެސް އެއީ ސިޔާސީ ނިންމުންތަކެއް ނޫންކަމަށާއި އެއީ، ބޭންކުގެ ބޯޑާއި މަޝްވަރާކުރެވި ނަގާފައިވާ ވިޔަފާރީގެ ނިންމުންތަކެއްކަމަށް ޝަރީފް ވިދާޅުވިއެވެ.
"ބޮޑަށް އަސްލު މިވާހަކަދެކެވިގެން އައީ އަޅުގަނޑުމެންގެ އޭޓީއެމް ނެޓްވަރކް ފުޅާކުރުމާއި، ހައުސިންގ ކަންތަކާއި ގުޅިގެން. އެއީ ސިޔާސީ ނިންމުންތަކެއް ނޫން. އެއީ ބޭންކްގެ ކުރިމަގަށްޓަކައި ބޭންކުގެ ކުރިއެރުމަށްޓަކައި، ބޭންކްގެ މެނޭޖްމަންޓުންނާއި ބޯޑުން މަޝްވަރާކޮށް ނަގާފައިވާ ބިޒްނަސް ޑިސިޝަންތަކެއް." ސީއީއޯ ވިދާޅުވިއެވެ.
ބީއެމްއެލްގެ ސީއީއޯ ޝަރީފް ވިދާޅުވީ އޭޓީއެމްގެ ޚިދުމަތް ފުޅާކުރެވުނީ ސަރުކާރުގެ ވަރަށް ބޮޑު އިންވެސްޓްމަންޓަކާއެކުގައިކަމަށެވެ. އެހެންކަމުން އެކަމުގައި ސަރުކާރަށް ކްރެޑިޓް ނެގިދާނެކަމަށެވެ. އެހެންނަމަވެސް ބޭންކުގެ ނަޒަރުން ބަލާއިރު، ބޭންކުން އެކަންކުރީ ސަރުކާރުގެ އިންވެސްޓްމަންޓާއެކު ބެންކަށް ލިބޭނެ ފައިދާއަށް ބެލުމަށްފަހުގައިކަމަށެވެ. އަދި ބޭންކުންގެ ނިންމުންތަކަކީ ވަކި ހަމަތަކެއްގެ މަތިން ބޭންކުގައި އޮތް ބޯޑުން ނިންމާ މިނިވަން ނިންމުންތަކެއްކަމަށް އެބޭންކުން ވިދާޅުވެއެވެ.
ބޭންކުން "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫޢުގެ ދަށުންވަނީ 20 އަތޮޅުގެ 105 ރަށެއްގައި އޭޓީއެމް ޤާއިމުކޮށްފައެވެ. ހަމައެއާއެކު ގެދޮރުވެރިކަމުގެ ދާއިރާއިން ހޯމް ކޮންސްޓްރަކްޝަން ލޯނު ދޫކުރަން ބޭންކުން ވަނީ ފަށާފައެވެ. އަދި އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ ދަށުން ކަނޑައަޅާފައިވާ މަގުސަދު ހާސިލްކުރުމަށް ބީއެމްއެލްއިން އުފެއްދި ސަބްސިޑިއަރީ ކުންފުނި، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކޮމްޕެނީ އިން ޖުމުލަ 3260 ހައުސިންގ ޔުނިޓް ޤާއިމްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.