ޚަބަރު

ވަޒީފާގެ ބާޒާރު ކުރިއަރުވަން 700 މިލިޔަން ރުފިޔާ


  • ސަރުކާރުން މިއެހީ ފޯރުކޮށްދޭނީ އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް

  • އިތުރު 450 މިލިޔަން ރުފިޔާވެސް ދޫކުރާނެ

ވަޒީފާގެ ފުރުޞަތުތައް އިތުރު ކުރުމަށް އަމިއްލަ ވިޔަފާރިތަކަށް 700 މިލިޔަން ރުފިޔާ ދޫކުރުމަށް މަސައްކަތް ކުރަމުންދާކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ސަރުކާރުން މި އެހީ ފޯރުކޮށްދޭނީ، އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، ސަރުކާރު ކުންފުނިތަކުގެ ޚަރަދުތައް ކުޑަކޮށް، މުވައްޒަފުން މަދުކުރަން ޖެހޭ ހާލަތްތަކުގައި އެ މީހުންނަށް އިޤްތިސާދީ ދާއިރާގެ ތެރެއިން ފުރުޞަތުތައް ހޯދައިދިނުމަށް ޚާއްސަ ފަންޑުތަކެއް ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން އެސްއެމްއީ ޑިޖިޓަލް ފަންޑުގެ ދަށުން 250 މިލިޔަން ރުފިޔާ ދޫކުރުމުގެ މަސައްކަތް އަވަސް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިރުޝާދު ދެއްވާފައިވާ ކަމަށެވެ.

"މިހާރު ސަރުކާރު ކުންފުނިތަކުން މީހުން މަދުކުރަން ބަލާއިރު އެމީހުންނަށް އިކޮނޮމީގައި އެންގޭޖްކުރެވޭނެ ގޮތްތައް ފަހިކުރުމަށް ދަނީ މަސައްކަތް ކުރަމުން. އެގޮތުން 250 މިލިޔަން ރުފިޔާގެ އިތުރަށް 450 މިލިޔަން އެބައުޅޭ ކުރިއަށް އޮތް 3 ނޫނީ 6 މަސް ދުވަހުގެ ތެރޭގައި އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް ފޯރުކޮށްދެވޭތޯ މަސައްކަތް ކުރަމުން މިދަނީ. އެހެންވެ މި ހުރިހާ ފައިސާ އެއްވެސް ދިނުމަށް ކަމާބެހޭ ވުޒާރާތަކާއެކު މިދަނީ މަސައްކަތް ކުރަމުން." މާލީ ވަޒީރު މުސާ ޒަމީރު ވިދާޅުވިއެވެ.

ސަރުކާރު ކުންފުނިތަކުގެ ހިންގުންތެރިކަން އިތުރުކޮށް، މާލީ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނިތައް ހިންގުމަށް ބާރުއެޅުމުގެ ގޮތުން މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން ވަނީ، ޕީސީބީއަށް އައު އިރުޝާދުތަކެއް ދީފައެވެ. މީގެ ތެރޭގައި ކުންފުނިތަކުގެ ހިންގުމުގެ ޚަރަދު ކުޑަ ކުރުމަށްޓަކައި މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށް ވަނީ އަންގާފައެވެ.

ވަޒީފާއަށް މީހުން އައްޔަން ކުރުމުގައި ތަޢުލީމީ ފެންވަރާއި، ހުނަރާއި، ޤާބިލިއްޔަތަށް ބަލައިގެން މީހުން ހޮވާ 'މެރިޓް ބޭސްޑް' އުސޫލު، މިހާރަށްވުރެ ހަރުދަނާ ކުރުމަށްވެސް މި އިރުޝާދުގައިވެއެވެ. މިއީ ވަޒީފާތަކަށް އެންމެ އެކަށީގެންވާ ފަރާތްތައް ހޮވައި، ކުންފުނިތަކުގެ މަސައްކަތްތައް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށް މަގުފަހި ކުރުމަށް ނިންމާފައިވާ ނިންމުމެކެވެ.

މި ފިޔަވަޅުތަކަކީ، ދައުލަތުގެ މާލީ ސިޔާސަތުތަކާ އެއްގޮތަށް ކުންފުނިތައް ބައްޓަން ކުރުމަށް ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތަކެއް ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. އަދި މީގެ ކުރިންވެސް ޚަރަދު ކުޑަކުރުމުގެ ގޮތުން މުސާރައާއި، އިނާޔަތްތައް ކޮންޓްރޯލް ކުރުމާއި، އައު މުވައްޒަފުން ނެގުމާއި، މަޤާމުގެ ކުރިއެރުން ދިނުން ހުއްޓާލުމުގެ އިތުރުން އިތުރު ގަޑީގެ މަސައްކަތްތަކާއި ދަތުރުފަތުރުގެ ޚަރަދުތައް ކުޑަކުރުމަށްވެސް ވަނީ އިރުޝާދު ދީފައެވެ.