ޚަބަރު

ވޯޓުނެގުން ނިމި، ހުރިހާ ވޯޓުފޮށިތަކެއް ބަންދުކޮށްފި


  • ވޯޓު ގުނަން ފަށާނީ ފޮށިތައް ބަންދުކުރާތާ 30 މިނެޓް ފަހުންް

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރު ބުރުގެ ވޯޓު ނެގުން ނިމި ހުރިހާ ވޯޓުފޮށިތަކެއް ބަންދުކޮށްފިއެވެ.

މި އިންތިޚާބުގެ ވޯޓުލުން ފެށީ ހެނދުނު 8:00 ޖެހިއިރުއެވެ. ބައެއް ފޮށިތަކުގެ ވޯޓުލުން ފެށުން ލަސްވި ނަމަވެސް އެއްވެސް ފޮއްޓެއްގެ ވޯޓުލާ ވަގުތު އިލެކްޝަންސް ކޮމިޝަނުން އިތުރުކޮށްފައި ނުވެއެވެ.

ހަވީރު 4:00 ޖެހުމުގެ ކިއު ބަންދުކުރުމަށްފަހު ކިޔުގައި ތިބި މީހުން ވޯޓުލާ ނިމުމުން ވޯޓުފޮށިތައް ބަންދުކުރާނެއެވެ. މިވޯޓު ގުނަން ފަށާނީ ވޯޓު ފޮށިތައް ބަންދުކުރާތާ 30 މިނެޓް ފަހުންނެވެ.

މިއަދު 5 ދާއިރާއެއްގެ އިތުރު ބުރުގެ ވޯޓުލުން ވަނީ ކުރިއަށްގެންގޮސްފައެވެ. މީގެތެރޭގައި ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑިއަށް މެންބަރަކު ހޮވުމަށާއި، ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ މެންބަރުގެ ގޮނޑިއަށް ކައުންސިލަރަކު ހޮވުން ހިމެނެއެވެ.

މީގެ އިތުރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި އިތުރު ބުރު ބާއްވާފައިވަނީ ހއ. ކެލާ ކޮމިޓީގެ ރައީސްގެ މަޤާމާއި ހދ. ނޭކުރެންދޫ އަދި ލ. މާވަށު ކޮމިޓީގެ މެންބަރުގެ މަޤާމަށް މެންބަރުން އިންތިޚާބު ކުރުމަށެވެ.

‎އިންތިޚާބުގެ އިތުރު ބުރުގައި 14 ވޯޓު ފޮއްޓެއް ބަހައްޓާފައިވާއިރު، މާލޭގެ 3 ސަރަހައްދެއްގައި ވަނީ މީގެ ތެރެއިން 6 ވޯޓު ފޮށި ބަހައްޓާފައެވެ. މި ފޮށިތަކަށް ވޯޓުލުމަށް 6093 މީހަކު ރަޖިސްޓްރީވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ މައުލޫމާތުން ދައްކައެވެ.