ސިއްހަތު

ހިންނަވަރު ޞިއްޙީ މަރުކަޒުގެ އައު ޢިމާރާތުގެ ބިންގާ އަޅުއްވައިފި


ހިންނަވަރު ޞިއްޙީ މަރުކަޒުގެ އައު ޢިމާރާތުގެ މަސައްކަތް ކޮންޓްރެކްޓަރާ ޙަވާލުކުރައްވައި އެ ޢިމާރާތުގެ ބިންގާ އަޅުއްވައިފިއެވެ.

ހިންނަވަރުގައި މިކަމަށްޓަކައި، މިހާރު ކުރިއަށްދާ ޚާއްޞަ ރަސްމިއްޔާތުގައި، މި ޢިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ ނާޒިމް އިބްރާހީމެވެ. މި މަސައްކަތް ޙަވާލުކުރައްވާފައިވަނީ ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއެވެ. މި ޢިމާރާތުގެ ކޮންޓްރެކްޓަރާއި މަސައްކަތް ހަވާލުކުރެއްވުމުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އެރަށުގެ ރައްޔިތުންގެ ހާޒިރުގައެވެ. މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ހެލްތް އަބްދުﷲ ނާޒިމް އިބްރާހިމްއެވެ. އަދި ސްވިފްޓް އިންޖިނިއަރިންގގެ މެނޭޖިންގ ޑިރެކްޓަރ ސައުދުﷲ ހިލްމީއެވެ. މި ރަސްމިއްޔާތުގައި ހިންނަވަރު ޞިއްޙީ މަރުކަޒަށް އެމްބިއުލާންސެއްވެސް ހަވާލުކުރައްވާފައިވެއެވެ. މި އެމްބިއުލާންސް ހަވާލުކުރެއްވީ ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްވިފްޓް އިންޖިނިއަރިންގގެ މެނޭޖިންގ ޑިރެކްޓަރ ސައުދުﷲ ހިލްމީވަނީ އިމާރާތުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްގެންގޮސް އެއްބަސްވުމުގައިވާ މުއްދަތުގެ ކުރިން މަސައްކަތް ނިންމާލެވޭތޯ މަސައްކަތް ކުރައްވާނެކަމަށެވެ. މި މަސައްކަތް ނިންމުމަށް 240 ދުވަސް ދީފައިވާކަން ސައުދުﷲ ފާހަގަކުރެއްވިއެވެ.

އެއްބުރިއަށް އިމާރާތްކުރެވޭ، ހިންނަވަރު ޞިއްޙީ މަރުކަޒުގެ އައު ޢިމާރާތުގައި 3 ކޮންސަލްޓެންސީ ރޫމާއި، ޕަބްލިކް ހެލްތް ޔުނިޓަކާއި ޖެނެރަލް ވެއިޓިންގ އޭރިއާއެއްވެސް ހިމެނޭނެއެވެ. އަދި ލެބޯޓްރީއަކާއި، އިމަޖެންސީ ރޫމެއްގެ އިތުރުން 5 އެނދުގެ އާންމު ވަރޑަކާއި 4 އެނދުގެ ކުޑަކުދިންގެ ވަރޑެއްވެސް ހިމެނޭނެއެވެ. އަދި ގައިނީ ވަރޑަކާއި ލޭބަރ ރޫމެއްވެސް ހެދިގެންދާނެއެވެ.

4807 މީހުންގެ އާބާދީއެއް ދިރިއުޅެމުންއަންނަ ހިންނަވަރުގެ ޞިއްޙީ މަރުކަޒަކީ މިހާރުވެސް 24 ގަޑިއިރު ޚިދުމަތްދޭ ތަނެކެވެ. ހިންނަވަރު ޞިއްޙީ މަރުކަޒުގެ އޯޕީޑީގައި މިހާރުވެސް އެވްރެޖުކޮށް ދުވާލަކު 34 މީހުންނަށް ޚިދުމަތްދޭކަމަށް ޞިއްޙީ މަރުކަޒުން މަޢުލޫމާތުދެއެވެ. އަދި މިހާރު ޞިއްޙީ މަރުކަޒު ހިންގަމުންއަންނަ އިމާރާތުގައި މަރާމާތުކުރަންޖެހޭ ތަންތަންވެސް މަރާމާތުކޮށް ނިމިފައިވާކަމަށް އެ ޞިއްޙީ މަރުކަޒުން މަޢުލޫމާތުދެއްވައެވެ.