ހަށިހެޔޮ ރާއްޖެއާއި ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށް ޓީވީއެމް މެދުވެރިކޮށް ހާއްސަ ޕްރޮގްރާމެއް އުފެއްދުމުގެ މަސައްކަތްތައް ކުޅިވަރު ވުޒާރާއިން ކުރިޔަށް ގެންދަވާ ކަމަށް ކުޅިވަރާއި ހަށިހެޔޮ ކަމާއި ބެހޭ ވަޒީރު ޢަބްދުالله ރާފިޢު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ކުޅިވަރު ވުޒާރާގެ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ހިއްސާކުރުމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ވަޒީރު ވިދާޅުވި އެ ޕްރޮގްރާމަކީ ’ހަށިހެޔޮ ރާއްޖެ‘ މި ނަމުގައި ސަރުކާރުން ފައްޓަވާފައިވާ ކަސްރަތު ޕްރޮގްރާމާއި ގުޅޭ ހާއްސަ މައުލޫމާތު އާންމުންނަށް ފޯރުކޮށްދީ ކަސްރަތަށް ރައްޔިތުން އަހުލުވެރިކުރުމަށް އެ ވުޒާރާއާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ޗެނަލް، ޓީވީއެމް އާއި ގުޅިގެން ކުރިޔަށް ގެންދަން ނިންމާފައިވާ ހާއްސަ ޕްރޮގްރާމެކެވެ.
މިކަމުގައި އިސްކޮށް ހަރަކާތްތެރިވާނީ ކުޅިވަރު ވުޒާރާގައި ދާދިފަހުން އަލަށް ގާއިމުކުރި ފިޓްނެސް އެންޑް ރެކްރިއޭޝަން ޑިޕާޓްމެންޓުންނެވެ.
މި ޑިމާޓްމެންޓުގެ މަސައްކަތްތަކުގެ ދަށުން ރާއްޖޭގެ ހަތަރު ރީޖަނުގައި ހަށިހެޔޮ ރާއްޖެ މި ނަމުގައި ހިންގާ ޕްރޮގްރާމްތައް، ހިންގުމަށް ޕްރޮގްރާމް ޝެޑިއުލެއް މިހާރު އެކުލަވާލެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އަދި ސަރުކާރުގެ ކަސްރަތު ޕްރޮގްރާމުތައް މަދުވެގެން ހަފްތާއަކު 3 ދުވަހު ކުރިޔަށް ގެންދިއުމަށް ރާވަމުން އަންނައިރު މިހާރު އެ ޕްރޮގްރާމް މުޅި އަހަރަށް ދެމިގެންދާ ގޮތަށް ރާވައިގެން ޅ. ނައިފަރުގައި ފަށައިފައިވާކަން ވަޒީރު ފާހަގަ ކުރެއްވިއެވެ.
މިއީ ރާއްޖޭގެ އާބާދީއަކީ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުންވެސް ދުޅަހެޔޮ ބަޔަކަށް ހެދުމާއި، ކަސްރަތަށް މުޖުތަމައުތައް އަހުލުވެރިކުރުވުމުގެ ގޮތުން ކުރިޔަށް ގެންދާ ޕްރޮގްރާމުތަކެކެވެ.