ޚަބަރު

ކަނޑުމަގުން އީރާން ވަށައިލާނެ ކަމުގެ އިންޒާރާއެކު ތެލުގެ ބާޒާރަށް ލޮޅުން


ހުރްމުޒް ކަނޑުއޮޅި އެމެރިކާގެ އަސްކަރިއްޔާގެ ބާރުގެ ދަށަށް ގެންގޮސް، ކަނޑުމަގުން އީރާން ވަށައިލާނެ ކަމުގެ އިންޒާރު ރައީސް ޑޮނަލްޑް ޓްރަންޕް ދެއްވުމާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އުފުލި، އޭޝިޔާގެ ޙިއްޞާގެ ބާޒާރުތަކަށް ލޮޅުން އަރައިފިއެވެ. ކަނޑުމަގުން އީރާން ބަންދުކޮށް، ހުރްމުޒް ކަނޑުއޮޅީގެ ދަތުރުފަތުރަށް ހުރަސް އަޅުއްވާނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވާފައި ވަނީ، ދެ ޤައުމުގެ ދެމެދުގައި ބޭއްވި ސުލްޙައިގެ މަޝްވަރާތައް ނާކާމިޔާބުވެފައިވާ ކަމުގައި އެމެރިކާއިން އިޢުލާނު ކުރުމާ ގުޅިގެންނެވެ.

ހުރްމުޒް ބަންދުކުރާނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވާފައި ވަނީ އެޕްރީލު 12 ވަނަ ދުވަހުއެވެ. މި ނިންމުމާއެކު، ތެލުގެ އަގު ކަނޑައެޅުމުގައި ބަލާ އެއް މިންގަނޑު ކަމުގައިވާ ބްރެންޓް ކްރޫޑްގެ އަގު ވަނީ %8 އިން މައްޗަށް އުފުލި، ފީފާއެއްގެ އަގު 103 އެމެރިކާ ޑޮލަރަށް އަރާފައެވެ. މިއީ، ހުސްވި ހަފުތާގެ އަންގާރަ ދުވަހަށް ފަހު ބްރެންޓް ކްރޫޑްގެ އަގު 100 ޑޮލަރުން މައްޗަށް އުފުލުނު ފުރަތަމަ ފަހަރެވެ.

ޓްރަމްޕް އިންޒާރު ދެއްވާފައި ވަނީ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ހުރިހާ އުޅަނދުފަހަރު ހުއްޓުވާނެ ކަމުގައި ވިދާޅުވެއެވެ. ނަމަވެސް، އެމެރިކާގެ އަސްކަރިއްޔާއިން ފަހުން ވަނީ، އެ ނިންމުން ސާފުކޮށްދީފައެވެ. އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑުން ބުނީ، ހުރަސްއެޅުމަށް ނިންމާފައި ވަނީ އީރާނަށް ބަނދަރުކުރާ، އަދި އެ ޤައުމުން ދަތުރުކުރާ އުޅަނދުފަހަރަށް އެކަނި ކަމުގައެވެ. އެޕްރީލު 13 ވަނަ ދުވަހު ޖީއެމްޓީ ގަޑިން މެންދުރު 2 ޖަހާއިރު މި ނިންމުމަށް އަމަލުކުރަން ފަށާނެ ކަމަށް ވެސް އެމެރިކާގެ އަސްކަރިއްޔާއިން އިންޒާރުކުރިއެވެ. އެއީ، ރާއްޖެ ގަޑިން އިރުއޮއްސި 7 ޖަހާއިރެވެ.

ހުރްމުޒަކީ ދުނިޔޭގައި ބޭނުންކުރާ ތެލުގެ ފަސްބައިކުޅަ އެއްބައި އުފުލާ މައި ކަނޑުއޮޅިއެކެވެ. ފެބުރުވަރީ 28 ވަނަ ދުވަހު ޞަހްޔޫނީންނާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ޣައިރުޤާނޫނީ ހަނގުރާމައެއް ފެށުމާއެކު، އީރާނުން ވަނީ ރައްދުގައި އެ ކަނޑުއޮޅި ބަންދުކޮށްފައެވެ. ތެހްރާނުން ހުރަސްއަޅާފައި ވަނީ އެމެރިކާއާއި ޔަހޫދީންގެ އުޅަނދުފަހަރަށެވެ.

އެ ކަނޑުއޮޅިއަށް އަތްގަދަކުރާނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވުމާއެކު، އޭޝިޔާގެ ޙިއްޞާގެ ބާޒާރުތަކަށް ވެސް ވަނީ ލޮޅުންއަރާފައެވެ. މި ގޮތުން، ޖަޕާނުގެ ނިކޭ އިންޑެކްސް %0.9 އިން އަދި ދެކުނު ކޮރެޔާގެ ކޮސްޕީ އިންޑެކްސް %1 އަށްވުރެ ބޮޑަށް ވަނީ ދަށްވެފައެވެ. އެޕްރީލު 22 ވަނަ ދުވަހާ ހަމައަށް ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމަށް އީރާނާއި އެމެރިކާއިން އެއްބަސްވެފައި އޮތް ނަމަވެސް، ހުރްމުޒްގެ ދަތުރުފަތުރަށް އަދިވެސް ބޮޑެތި ހުރަސްތަކެއް އެބައޮތެވެ. މި ގޮތުން، ހަނގުރާމައިގެ ކުރިން ދުވާލަކު 130 ވަރަކަށް އުޅަނދު އެ ކަނޑުއޮޅި ހުރަސްކޮށް ދަތުރުކޮށްފައިވާއިރު، އެޕްރީލު 7 ވަނަ ދުވަހު ޙަމަލާ ބަދަލުކުރުން މެދުކަނޑައިލި ފަހުން އެ ކަނޑުއޮޅި ހުރަސްކޮށް ދުވާލަކު ދަތުރުކުރަނީ 17 ވަރަކަށް އުޅަނދެވެ.