ޚަބަރު

ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 5000އަށްވުރެ ގިނަ ފަތުރުވެރިން


  • އަހަރުގެ މިހާތަނަށް 704,511 ފަތުރުވެރިން އައިސްފައިވޭ

  • އަދަދު އިތުރުވަމުން އަންނަކަމަށް ވަޒީރު ވިދާޅުވި

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާއިރު، ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 5000އަށްވުރެ ގިނަ ފަތުރުވެރިން މިހާރު ރާއްޖެއަށް ޒިޔާރާތްކުރަމުންދާ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ތާރިޤު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އެކުލަވާލާފައިވާ ކްރައިސިސް ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުވުމުގައި ވަޒީރު ވަނީ މެދުއިރުމަތީގެ ހަމަނުޖެހުމާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރަމުންދާ އަސަރު ކުޑަކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް ހިއްސާކުރައްވާފައެވެ.

ފަތުރުވެރިކަމާ ބެހޭ ވަޒީރު ތާރިޤު އިބްރާހިމް ވިދާޅުވީ، ހަނގުރާމައާ ގުޅިގެން ގިނަ ފްލައިޓްތަކެއް ކެންސަލްވެ ފަތުރުވެރިން އަންނަ މިންވަރު ވަރަށް ބޮޑަށް ދަށްވި ކަމަށެވެ. ނަމަވެސް ފަތުރުވެރީން ގެނެވޭނެ އިތުރު ގޮތްތައް ހޯދުމަށް ކުރެވުނު މަސައްކަތުން ރާއްޖެއަށް އަންނަ ފަތުރުވެރީންގެ އަދަދު އިތުރުވާން ފަށާފައިވާ ކަމަށެވެ. އެގޮތުން އަހަރުގެ މިހާތަނަށް 704,511 ފަތުރުވެރިން އަދި އޭޕްރިލް މަހުގެ ފުރަތަމަ 11 ދުވަހު 56,130 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"މި ހިސާބުތަކަށް ބަލާއިރު، އޭޕްރިލް މަހުގެ ތެރޭގައި އެވްރެޖްކޮށް ދުވާލަކު 5,103 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވޭ. އަދި މިއީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރަމުންދާ ކަމުގެ ހެކިތަކެއް." ވަޒީރު ޠާރިޤު ވިދާޅުވިއެވެ.

ފަތުރުވެރިކަމާއި ބެހޭ ވަޒީރު ވިދާޅުވީ، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރާ އަސަރު ކުޑަކުރުމަށް އެއަރލައިންތަކާއެކު "ޑޮލަރ ޓު ޑޮލަރ" މެޗްވާ ގޮތަށް މާކެޓިންގ ހަރަކާތްތައް ހިންގުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި މިއީ ރާއްޖެ އަންނަ ފަތުރުވެރިން އިތުރުކުރުމަށް އެއަރލައިންތައް މެދުވެރިކޮށް ކުރެވޭ ވަރަށް މުހިންމު މަސައްކަތެއް ކަމަށާއި، މި މަސައްކަތުގެ ދަށުން ވިޒިޓް މޯލްޑިވްސް މެދުވެރިކޮށް އެއަރލައިންތަކާއެކު ޚާއްޞަ އެއްބަސްވުންތަކެއް އެކުލަވާލެވެމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ކުރާ މަސައްކަތުގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން އެބަދޭ ބައެއް އެއަރލައިންތަކާއެކު ޑޮލަރ ޓު ޑޮލަރ މެޗްވާ ގޮތަށް ބައެއް ކަހަލަ މާކެޓިންގ އެކްޓިވިޓީޒްތައް ކުރިއަށް ގެންދަމުން. މިފަދަ އެއްބަސްވުންތައް މިހާރުވެސް އެބަދޭ ކުރިއަށްގެންދަމުން ވީއެމްސީން." ވަޒީރު ޠާރިޤު ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއެކު ސަރުކާރުން ވަރަށް ގާތުން މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވަމުން، ރިސޯޓްތަކަށާއި ފަތުރުވެރިކަމާ ގުޅުންހުރި އެހެނިހެން ވިޔަފާރިތަކަށް ބޭނުންވާ ތެޔޮ ލިބުމުގައި އެއްވެސް ދަތިކަމެއް ނެތި ކުރިއަށްދާނެކަމުގެ ޔަގީންކަން ވަޒީރު ވަނީ ދެއްވާފައެވެ. މިއީ ސިނާއަތުގެ ކުރިއެރުމަށްޓަކައި ސަރުކާރުން ދޭ އަހައްމިއްޔަތުކަން ހާމަކޮށްދޭ ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.