ޚަބަރު

ދެކުނުގެ ކުނި މެނޭޖުކުރާ ފެސިލިޓީގެ ދެވަނަ ފިޔަވަހި ފަށަނީ


  • ކުނި ގެނައުމުގެ މަސައްކަތަށް ޚާއްސަ ބަނދަރެއް ތަރައްޤީކުރާނެ

  • ރިސައިކަލް ކުރާ ޕްލާންޓެއް ޤާއިމުކުރާނެ

  • މިކަމަށް ބޭނުންވާ ފައިސާ ވަނީ ހަމަޖެހިފައި

އައްޑޫސިޓީގައި ޤާއިމުކުރާ ދެކުނުގެ ސަރަޙައްދީ ކުނި މެނޭޖުކުރާ ނިޒާމަށް ޚާއްސަކޮށް ބަނދަރަކާއި ރިސައިކަލް ފެސިލިޓީއެއް ތަރައްޤީ ކުރާނެ ކަމަށް ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާޙިމް ވިދާޅުވެއްޖެއެވެ.

މި މަސައްކަތް ޢަމަލީ ގޮތުން ފެށުމަށް މިހާރު ދަނީ، ތައްޔާރު ވަމުންނެވެ.

ކުނި މެނޭޖުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަނީ، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބަހާލައިގެންނެވެ. އެގޮތުން ދެކުނުގެ ނިޒާމަކީ، ގއ.އަތޮޅު، ގދ.އަތޮޅު ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގައި އުފެދޭ ކުނި ރައްކާތެރި ގޮތުގައި ނައްތާލުމަށް ތަރައްޤީ ކުރާ ނިޒާމެކެވެ.

އެތަނުގައި މިހާތަނަށް ޤާއިމުކޮށްފައިވަނީ، ކުނި އަންދާ ތިމާވެއްޓާ ރައްޓެހި ޒަމާނީ ނިޒާމެއް އެކަންޏެވެ. މިއީ، ކުނި އަންދައިގެން އުފެދޭ ހަކަތަ ކަރަންޓަށް ބަދަލުކުރާ ނިޒާމެކެވެ. މިއީ، އެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ކުރިއަށް ގެންދިޔަ މަސައްކަތެކެވެ.

ތިމާވެށީގެ ދާއިރާއިން ކުރިއަށްގެންދާ މަސައްކަތްތަކާ ގުޅޭ ގޮތުން މަޢުލޫމާތު ޙިއްސާ ކުރައްވަމުން ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާޙިމް ވިދާޅުވީ، ދެމެހެއްޓެނިވި ގޮތެއްގައި ދެކުނުގައި ކުރި މެނޭޖުކުރާ ނިޒާމު ޤާއިމުކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ފެށުމަށް ތައްޔާރުވެފައިވާ ކަމަށެވެ. މިއީ ވަސީލަތްތައް ހަމަ، ވަށާޖެހޭ ޒަމާނީ ނިޒާމަކަށް ވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ދެކުނުގެ ސަރަޙައްދީ ކުނި މެނޭޖުކުރާ ސެންޓަރު ޤާއިމުކޮށްފައިވަނީ، އައްޑޫ ސިޓީގައެވެ.

"އައްޑޫގައި ހުރީ އިންސެނިރޭޝަން ސިސްޓަމެއް އެކަނި. ރީޖަނަލް ސެންޓަރަކަށް ބަދަލުކުރަން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ. ކުނި ވަކިކުރެވޭނެ ނިޒާމަކާއި، އެންދުމަށްފަހު ބާކީ ހުންނަ ބައި ބެހެއްޓޭނެ ތަނަކާއި، އިދާރީ އޮފީސް އިމާރާތެއް އެޅުމާ ގުޅޭ މަސައްކަތް ދަނީ ކުރަމުން. މި ޕްރޮޖެކްޓަށް ފައިސާ ވަނީ ހަމަޖެހިފައި." ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން، އެ ޒޯންގެ އެކި ހިސާބުތަކުން ގެންނަ ކުނި، ފެސިލީޓިއަށް ގެންދިއުމަށް ބޭނުންކުރުމަށް ޚާއްސަ ބަނދަރެއް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އަލުން ބޭނުން ކުރުމަށް ބައެއް ބާވަތްތައް ރިސައިކަލް ކުރުމަށް، ރިސައިކަލް ޕްލާންޓެއްވެސް ޤާއިމުކުރާނެއެވެ.

ވަޒީރު ވިދާޅުވީ، ދެކުނުގެ ކުނި މެނޭޖުކުރާ ފެސިލިޓީގެ ދެވަނަ ފިޔަވަހީގެ ގޮތުގައި ކުރިއަށްގެންދާ މި މަސައްކަތްތައް ފެށުމަށްޓަކައި އެކަމަށް ބޭނުންވާ ލިޔެކިޔުންތަކާއި އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ފައިސާވެސް ހަމަޖެހިފައިވާ ކަމަށެވެ.

ދެކުނަކީ، ގިނަ ޢަދަދަކަށް ރިސޯޓްތައް ހިމެނޭ ސަރަޙައްދެކެވެ. މި މަސައްކަތް ނިމޭއިރު، މީހުން ދިރިއުޅޭ ރަށްތަކުގެ އިތުރުން ރިސޯޓްތަކަށްވެސް ކުނި މެނޭޖު ކުރުމަށް އެކަށީގެންވާ ޚިދުމަތެއް ލިބިގެންދާނެއެވެ.

އައްޑޫ ސިޓީގައި ކުނި މެނޭޖު ކުރުމުގެ މަސައްކަތްތައް މިހާރުވެސް ކުރިއަށް ގެންދަނީ، ވެމްކޯއިންނެވެ.