ހުރްމުޒް ކަނޑުއޮޅީގެ ދަތުރުތަކަށް އީރާނުން އަދިވެސް ހުރަސްއަޅަމުން ދިޔުމާއެކު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އަނެއްކާ ވެސް އުފުލެން ފަށައިފިއެވެ. އެމެރިކާއާއި ޔަހޫދީންގެ އުޅަނދުފަހަރަށް ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައި ވަނީ، ޞަހްޔޫނީންނާ ގުޅިގެން އީރާނާ ދެކޮޅަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފެބުރުވަރީ 28 ވަނަ ދުވަހު ޣައިރުޤާނޫނީ ހަނގުރާމައެއް ފެށްޓެވުމާ ގުޅިގެންނެވެ.
އޭޕްރިލް 8 ވަނަ ދުވަހު ދެ ފަރާތުން އިޢުލާނުކުރި ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމެއްގެ ދަށުން ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވައިލުމަށް އޮތީ ޝަރުޠުކޮށްފައެވެ. ނަމަވެސް، އެ އެއްބަސްވުމާ ޚިލާފަށް ލުބްނާންގެ ޢާންމު ރައްޔިތުންގެ ނަސްލުހޭދުކުރުމަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް މެދުކަނޑައިލާފައި ނެތުމުން އީރާނުން ވެސް ވަނީ ހުރްމުޒް އަލުން ހުޅުވައިލުމުގައި ފަސްޖެހިފައެވެ. ދެ ފަރާތުގެ ދެމެދުގައި އޭޕްރިލް 10 ވަނަ ދުވަހު ސުލްޙައިގެ މަޝްވަރާތައް ފެށުމަށް ހަމަޖެހިފައި އޮތް ނަމަވެސް، ޔަހޫދީންގެ ޢުދުވާންތަކާ ގުޅިގެން މަޝްވަރާތަކަށް މި ވަނީ ހިޔަނިއެޅިފައެވެ.
މިއާއެކު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އަނެއްކާ ވެސް މި ވަނީ އުފުލެން ފަށާފައެވެ. މި ގޮތުން، ތެލުގެ އަގު ކަނޑައެޅުމުގައި ބަލަހައްޓާ އެއް މިންގަނޑު ކަމުގައިވާ ބްރެންޓް ކްރޫޑްގެ ފީފާއެއްގެ އަގު ވަނީ %0.87 މަތިވެ، ފީފާއެއްގެ އަގު 96.75 އެމެރިކާ ޑޮލަރަށް އުފުލިފައެވެ. އަދި، އެމެރިކާގެ ބާޒާރުގައި ވެސް ތެލުގެ އަގު ވަނީ %1 އަށްވުރެ މައްޗަށް އުފުލިފައެވެ.
ހުރްމުޒް ހުޅުވައިލައި، ޢާންމު ދަތުރުފަތުރަށް ފުރުޞަތު ދިނުމަށް ލަސްވަމުންދާތީ ޓްރަމްޕް ވަނީ އެ ކަމާ މެދު ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ. އަދި، އެ ކަމުގައި ތެހްރާނުން އިހުމާލުވަމުންދާ ކަމުގައި ތުހުމަތު ކުރައްވާފައެވެ. މީގެ އިތުރުން، ހުރްމުޒް ހުރަސްކޮށް ދަތުރުކުރާ އުޅަނދުފަހަރުން ފީއެއް ނެގުމަށް ތެހްރާނުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް ވެސް އޭނާ ވަނީ އިންޒާރު ދެއްވާފައެވެ.
ހަނގުރާމައިގެ ރައްދުގައި އީރާނުން ވަނީ ގަލްފް ޢަރަބި ޤައުމުތަކުގައި އޮތް އެމެރިކާގެ އިސްތިޢުމާރީ ސިފައިންގެ މަރުކަޒުތަކުގެ އިތުރުން ޞަހްޔޫނީ ދައުލަތުގެ ރަށްތަކަށް އަމާޒުކޮށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. އޭގެ ތެރެއިން ސަޢޫދީ ޢަރަބިއްޔާއަށް ދީފައިވާ ޙަމަލާތަކާ ގުޅިގެން އެ ޤައުމުން ދުވާލެއްގެ މައްޗަށް އުފެއްދޭ ތެލުގެ މިންވަރު ވަނީ 600,000 ފީފާއަށް ދަށްވެފައެވެ. އަދި، އެ ޤައުމުން ތެޔޮ ބޭރުކުރުމަށް ބޭނުންކުރާ ހޮޅި ލައިނުން ދައުރުކުރާ ތެލުގެ މިންވަރު ވެސް ވަނީ ދުވާލެއްގެ މައްޗަށް 700,000 ފީފާއިން އުނިވެފައެވެ. ތެލުގެ ބާޒާރަށް ބޮޑު ލޮޅުމެއް އަރާފައި މި ވަނީ ޔަހޫދީންނާއި ޓްރަމްޕްގެ ހަނގުރާމައިގެ ސަބަބުން ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލުކުރެއެވެ.