ޚަބަރު

މަސްވެރިކަމުގެ ސިނާއަތަށް ދިމާވާ ދަތިތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފި


  • ވަޒީރު ޝިޔާމް ވަނީ އެމްއެސްޕީއީއޭއާ ބައްދަލުކުރައްވާފައި

  • ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދިމާވަމުންދާ ގޮންޖެހުންތައް ހިއްސާކުރި

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދިއުމާއި ގުޅިގެން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ކުރިމަތިވަމުންދާ ދަތިތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގޮސްފައިވަނީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް، މޯލްޑިވްސް ސީފުޑް ޕްރޮސެސަރސް އެންޑް އެކްސްޕޯޓަރސް އެސޯސިއޭޝަން، އެމްއެސްޕީއީއޭއާއެކު ބޭއްވި ބައްދަލުވުމުގައެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ ސަބަބުން މަސް އެކްސްޕޯޓްކުރާ ކުންފުނިތަކަށާއި، މަސްވެރިކަމުގެ ސިނާއަތުގެ އޮޕަރޭޝަންތަކަށް ކުރިމަތިވާ މާލީ އަދި އިދާރީ ދަތިތަކާ ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރި ކަމަށެވެ.

އެ ވުޒާރާއިން ވިދާޅުވީ، މި ހާލަތުގެ ސަބަބުން ސިނާއަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ހާއްސަ އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލު ވަޒީރު ޝިޔާމް، އެސޯސިއޭޝަނާ ހިއްސާކުރައްވާފައިވާ ކަމަށެވެ.

މި ބައްދަލުވުމުގައި، 10 މާރިޗު 2026ގައި އެމްއެސްޕީއީއޭ އާއެކު ބޭއްވި ބައްދަލުވުމުގައި އެ ޖަމިއްޔާއިން ހުށަހަޅާފައިވާ ކަންކަމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުވެސް ހިއްސާކޮށްފައިވާ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.

މަަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު އުފުލުމަކީ ދިވެހި މަސްވެރިކަމުގެ އުފެއްދުންތައް ބޭރުގެ ބާޒާރުތަކަށް ފޮނުވުމުގައި ހަރަދު ބޮޑުވާ ކަމެއްކަން ފާހަގަކުރައްވައި، އެކަންކަމަށް ލުޔެއް ހޯދައިދިނުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން ދެފަރާތުން ޚިޔާލު ބަދަލުކުރެއްވި ކަމަށެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ މިފަދަ ބައިނަލްއަގުވާމީ ގޮންޖެހުންތަކުގެ ތެރޭގައިވެސް މަސްވެރިކަމުގެ ސިނާއަތުގެ ކުރިއެރުމަށް ހުރަސްއެޅުނަނުދީ، ސިނާއަތުގެ ބައިވެރިންނާ ގުޅިގެން ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުން ކަމަށެވެ. އަދި މި ދަތި އުނދަގޫ ދަނޑިވަޅުގައި މަސްވެރި ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ސަރުކާރަށް ދެއްވަމުންދާ ފުރިހަމަ އެއްބާރުލެއްވުމަށްޓަކައި ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.