ޚަބަރު

ފުރަތަމަ ކުއާޓަރުގައި މަސްވެރިންނަށް 88.8 މިލިޔަން ރުފިޔާ


  • ފުރަތަމަ ކުއާޓަރުގެ ތެރޭގައި 5،186 ޓަނުގެ މަސް ވަނީ ކިރުވާފައި

  • އެންމެ ގިނައިން ފައިސާ ދޫކޮށްފައިވަނީ ޖަނަވަރީ މަހު

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި މަސްވެރިންނަށް 88.8 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް، މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މި މުއްދަތުގެ ތެރޭގައި 5ހާހެއްހާ ޓަނުގެ މަސް މިފްކޯއަށް ވަނީ ކިރުވާފައެވެ.

ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ޖަނަވަރީ މަހުގެ ތެރޭގައި މިފްކޯއަށް 2،454 ޓަނުގެ މަސް ވަނީ ކިރުވާފައެވެ. އަދި ފެބުރުއަރީ މަހުގެ ތެރޭގައި 1،108 ޓަނުގެ މަސް ކިރުވާފައިވާއިރު، މާރިޗު މަހުގެ ތެރޭގައި މިފްކޯއަށް 1،625 ޓަނުގެ މަސް ވަނީ ކިރުވާފައެވެ. މިއާއެކު، އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި 5،186 ޓަނުގެ މަސް ވަނީ ކިރުވާފައެވެ.

މިފްކޯއަށް ކިރުވި މަހުގެ ތަފްސީލު:

ކަޅުބިލަމަސް

ޖަނަވަރީ: 2،302 ޓަނު
ފެބުރުވަރީ: 980 ޓަނު
މާރިޗު: 1،517 ޓަނު

ކަންނެލި

ޖަނަވަރީ: 153 ޓަނު
ފެބުރުވަރީ: 128 ޓަނު
މާރިޗު: 108 ޓަނު

މިއާއެކު، އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި މަސްވެރިންނަށް މުޅި ޖުމްލަ 88.8 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މީގެ ތެރެއިންވެސް އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައިވަނީ ޖަނަވަރީ މަހުގެ ތެރޭގައެވެ. އެއީ 40.3 މިލިޔަން ރުފިޔާއެވެ. އަދި ފެބުރުވަރީ މަހުގެ ތެރޭގައި 19 މިލިޔަން ރުފިޔާ ދޫކޮށްފައިވާއިރު، މާރިޗު މަހުގެ ތެރޭގައި ދޫކޮށްފައިވަނީ 29.3 މިލިޔަން ރުފިޔާއެވެ.

މިފްކޯއިން ދޫކުރި ފައިސާގެ ތަފްސީލު:

ކަޅުބިލަމަސް

ޖަނަވަރީ: 37.1 ރުފިޔާ
ފެބުރުވަރީ: 16.1 ރުފިޔާ
މާރިޗު: 26.8 ރުފިޔާ

ކަންނެލި

ޖަނަވަރީ: 3.2 ރުފިޔާ
ފެބުރުވަރީ: 2.9 ރުފިޔާ
މާރިޗު: 2.4 ރުފިޔާ

މީގެކުރިން މަސްވެރިން ކިރުވާ މަހަށް ފައިސާ ދޫކުރުމުގައި ލަސްތަކެއް ދިމާވި ނަމަވެސް މިހާރު ލަސްވެގެން 48 ގަޑިއިރު ތެރޭގައި ދަނީ ފައިސާ ދޫކުރަމުންނެވެ. މަސް ގަންނަ އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްދީފައިވާއިރު، ރާއްޖޭގެ ހުރިހާ ހިސާބަކުން އެއް ހަމައެއްގައި ހެޔޮ އަގުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ ގޮތްވެސް ދަނީ ހަމަޖައްސަމުންނެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ކުރިއެރުވުމަކީ، ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވާ މަސައްކަތެކެވެ. އެގޮތުން މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާޢަތަކަށް މަސްވެރިކަން ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ.