މަޝްރޫޢުތަކަށް އާރްޑީސީން ގެނައި އުޅަނދުތައް ކުރިއަށް އޮތް ހަފުތާގައި އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް ފަށާނެކަމަށް އެ ކުންފުނިން ވިދާޅުވެއްޖެއެވެ.
މަޝްރޫޢުތަކަށް ބޭނުންވާ ގިނަ އަދަދެއްގެ އުޅަނދު، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ގެނެސްފައިވަނީ މިމަހުގެ 2 ވަނަ ދުވަހުއެވެ. ޗައިނާގެ ކުންފުންޏެއް މެދުވެރިކޮށް، 230 ހެވީ ވެހިކަލް ވަނީ ރާއްޖެއަށް ގެނެސްފައެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާޙިމް ނަޒީމް ވިދާޅުވީ އުޅަނދުތައް އަތޮޅުތަކަށް ފޮނުވުމަށް ތައްޔާރުވެފައިވާކަމަށެވެ. އެގޮތުން މިހާރު ކުރަމުންދަނީ އުޅަނދުތައް ރެޖިސްޓްރީކުރުމުގެ މަސައްކަތްތައްކަމަށް ނަޒީމް ވިދާޅުވިއެވެ.
ނަޒީމް ވިދާޅުވީ، އެ މަސައްކަތް މިހާރު ވަރަށް ބާރަށް ކުރިއަށްދާކަމަށާއި އަންނަ ހަފްތާއާއި، އޭއާއި ޖެހިގެން އަންނަ ހަފްތާގެތެރޭގައި އުޅަނދުތައް ރަށްރަށަށް ފޮނުވަން ފަށާނެކަމަށެވެ. ފުރަތަމަ ބުރުގައި 20 ރަށަކަށް ހެވީ ވެހިކަލް ފޮނުވާނެކަމަށް ނަޒީމް ވިދާޅުވިއެވެ. އޭގެތެރޭގައި މައިގަނޑުގޮތެއްގައި ހިމެނެނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން މަހު ހެދުމުގެ މަސައްކަތް ކުރަމުންދާ ރަށްތަކެވެ.
މުޅި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންއިން ސަރުކާރުގެ ޕްރޮޖެކްޓްތައް ދަނީ ހިންގަމުންނެވެ. ނަޒީމު ވިދާޅުވީ، މެޝިނަރީ އާއި އުޅަނދު ފޮނުވާ ރަށްތަކުގައި ކުރިއަށްގެންދާ އެހެނިހެން މަޝްރޫޢުތަކަށްވެސް، ބޭނުންވެ ޙާލަތުގައި މި އުޅަނދުތައް ބޭނުންކުރެވޭނެގޮތަށް އިންތިޒާމުތައް ހަމަޖައްސަވާނެކަމަށެވެ.
"އެސްކަވޭޓަރާއި، ފޯކްލިފްޓް އަދި ޑަމްޕް ލޮރީއެއް މި ރަށްތަކަށް ފޮނުވާނަން. ދެން ތާރުގެ މަސައްކަތްކުރިއަށްދާ ވަރަކަށް އެއަށް ބޭނުންވާ މެޝިނަރީއައި އުޅަނދުތައް ފޮނުވާނެ." ނަޒީމް ވިދާޅުވިއެވެ.
މެޝިނަރީތަކުގެތެރޭގައި ތާރު އަޅައިގެން މަގުތައް ތަރައްޤީކުރުމަށްޓަކައި އަލަށް ވަނީ 4 ތާރު ޕްލާންޓެއް ގެނެސްފަވެއެވެ. އެއީ 80 ޓަނުގެ އެއް ޕްލާންޓާއި 40 ޓަނުގެ 3 ޕްލާންޓެވެ.
މި މަސައްކަތުގައި މާލެ ސަރަޙައްދުގައި އެންމެ ބޮޑު އިސްކަމެއްދޭނީ ގުޅިފަޅުގެ ޔުޓިލިޓީ ޚިދުމަތްތައް ޤާއިމުކުރުމުގެ މަސައްކަތްތަކަށެވެ. ގުޅިފަޅުގެ ޔުޓިލިޓީ ޚިދުމަތްތައް ފެށުމަށް ސަރުކާރުން ނިންމާފައިވަނީ އެމްޓީސީސީއާއި އާރްޑީސީއާއި ހަވާލުކޮށްގެންނެވެ. އެކަމަށް ބޭނުންވާ ތައްޔާރީތައް އިމާރާތްކުރުމާއި ބެހޭ ވުޒާރާއިން ދަނީ ކުރިއަށްގެންދަމުންނެވެ.
ގިނަ ޢަދަދެއްގެ ވެހިކަލް ރާއްޖެ ގެނެސްފައިވަނީ، ރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫޢުތައް އަވަސްކުރުމަށެވެ. އަދި އެކީ އެއްފަހަރާ ގިނަ މަޝްރޫޢުތަކެއް ކުރިއަށްގެންދިއުމަށެވެ.