މިއަހަރުގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ތަކެތި ބައިވެރިކުރުމުގެ ފުރުސަތު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން ހުޅުވާލައިފިއެވެ. ބީސީސީން ވިދާޅުވީ، މިއަހަރުގެ މައުރަޒުގައި 16 ދާއިރާއަކުން 73 ގިންތިއަކުން ތަކެތި ބައިވެރިކުރެވޭނެ ކަމަށެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ވަނީ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026ގައި އުފެއްދުންތައް ބައިވެރިކުރުވުމުގެ އުސޫލު އާންމުކޮށްފައެވެ.
މި އުސޫލުގައިވާގޮތުން މި މައުރަޒުގައި ވާދަކުރެވޭ ދާއިރާތަކާއި، އުފެއްދުންތައް ބައިވެރިކުރެވޭ ގިންތިތަކާ ގުޅޭ ހުރިހާ ކަމެއްވެސް ހަމަޖައްސަމުންދާނީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީއާއި، އިޤްތިޞާދީ ވުޒާރާއިން އެކުލަވާލާފައިވާ ފަންނީ ކޮމިޓީންނެވެ.
މިއަހަރުގެ މައުރަޒުގައި އުމުރުން 13 އަހަރު ފުރިފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް ބައިވެރިވެވޭނެއެވެ. އަދި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ %100 ދިވެހި ހިއްސާ އޮންނަ ކުންފުނިތަކާއި، ސަރުކާރުގެ ކުންފުނިތަކުގެ އިތުރުން، ތައުލީމުދޭ މަރުކަޒުތަކާއި، ރަށް ނުވަތަ ސިޓީ ކައުންސިލްތައް އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ބައިވެރިވެވޭނެއެވެ.
މިއަހަރުގެ މައުރަޒުގައި 16 ދާއިރާއަކުން 73 ގިންތިއަކުން އަދި މިއިން ކޮންމެ ގިންތިއަކުންވެސް އެކި ބާވާތްތަކުގެ އުފެއްދުންތައް ބައިވެރިކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ. އަދި މިއިން ކޮންމެ ގިންތިއަކަށްވެސް އިނާމުތައް ވަނީ ކަނޑައަޅާފައެވެ.
* އަތްތެރި މަސައްކަތް
* ދަނޑުވެރިކަން
* މަސްވެރިކަން
* ދަތުރުފަތުރު
* އިމާރާތްކުރުން
* އިންފޮމޭޝަން އެންޑް ކޮމިނިއުކޭޝަން ޓެކްނޮލިޖީ
* ކްރިއޭޓިވް އާޓްސް އެންޑް ޑިޒައިން
* ފެޝަން އެންޑް ޑިޒައިން
* ޖުވެލަރީ އެންޑް އެކްސެސަރީޒް
* އިޔާދަކުރަނިވި ހަކަތަ
* ކާބޯތަކެތި
* މެޝިނަރީ އެންޑް އިކުއިޕްމެންޓް
* ލަކުނޑީގެ އުފެއްދުންތައް
* ބަހުގެ އުފެއްދުންތައް
* ދީނީ އުފެއްދުންތައް
* އެހެނިހެން
މައުރަޒުގައި ވާދަކުރުމުގެ ގިންތިތަކުގައި ބައިވެރިކުރާ އުފެއްދުންތަކުގައި ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި މައުރަޒުގައި ބައިވެރިކުރާ އުފެއްދުމަކީ ޕްރިފެބްރިކޭޓްކޮށްގެން ނުވަތަ އޯޑަރކޮށްގެން ރާއްޖެއިން ބޭރުން ގެނެސްފައިވާ އުފެއްދުމަކަަށް ނުވުމާއި، މައުރަޒުގައި އުފެއްދުމެއް ބައިވެރިކުރުމަށް ހުށަހަޅާ ފަރާތަކީ އެ އުފެއްދުމެއް އުފެއްދި ފަރާތްކަމުގައި ވުން ހިމެނެއެވެ. އަދި މީގެ ކުރިން ރާއްޖޭގައި ބާއްވާފައިވާ އުފެއްދުންތެރިންގެ މައުރަޒުގައި ބައިވެރިކޮށް އާންމުންނަށް ދައްކާފައިވާ އުފެއްދުމެއްވެސް ބައިވެރިއެއް ނުކުރެވޭނެއެވެ.
ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އަތްތެރި މަސައްކަތްތެރިންނާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި، ޑިޖިޓަލް އުފެއްދުންތެރިންގެ އިތުރުން އައު އީޖާދުތައް ކުރާ ފަރާތްތަކަށް އެ ފަރާތްތަކުގެ މަސައްކަތްތައް ދައްކާލުމަށް ބާއްވާ މަޢުރަޒެކެވެ.
މި މައުރަޒު ބޭއްވުމުގެ މައިގަނޑު މަޤުސަދުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ މަސައްކަތްތެރިންގެ ހުނަރު ތަރައްޤީކުރުމަށް ބާރުއެޅުމާއި، ދިވެހީންގެ ހުނަރުވެރި އުފެއްދުންތައް އެއްތާކުން ފެންނާނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ. އަދި މަސައްކަތްތެރިކަމުގެ ފެންވަރު މަތިކުރުމާއި، ވާދަވެރި އުސޫލެއްގެ ތެރެއިން މި މަސައްކަތްތެރިންގެ އަގު ވަޒަންކުރުމައި ޤައުމީ މިންގަނޑެއް އެކުލަވާލުމަކީވެސް މި މައުރަޒު ބޭއްވުމުގެ މުހިންމު ބޭނުމެކެވެ.
މިއަހަރުގެ އުފެއްދުންތެރިކަމުގެ މައުރަޒު ބޭއްވުމަށް ނިންމާފައިވަނީ އޮކްޓޫބަރު 23 އިން 31އަށެވެ. އެގޮތުން މިމައުރަޒްގައި އެކި ބާވަތުގެ މުދާ ވިއްކުމަށް ޚާއްސަ މާކެޓް ޕްލޭސްއަކާއި، އިނޮވޭޓިވް ޓެކްނޮލޮޖީ ޑިސްޓްރިކްޓަކާއި، މުނިފޫހިފިލުވުމަށް ޚާއްސަ ސަރަޙައްދަކާއި، މައުރަޒުގެ އުފެއްދުންތަކަށް ޚާއްސަ ސަރަޙައްދެއް މިއަހަރުވެސް ގާއިމުކުރެވޭނެ ކަމަށް ބީސީސީން ވިދާޅުވިއެވެ.