ޚަބަރު

ކުދި ވިޔަފާރިތަކުން ބިދޭސީން ގެންނަން، ކޯޓާ ފީ ދައްކަން ނުޖެހޭގޮތަށް ހަދައިފި


  • 20 ކޯޓާ އަށްވުރެ އިތުރުވާނަމަ 21 ވަނަ ސްލޮޓުން ފެށިގެން ކޯޓާ ފީ ދައްކަންޖެހޭނެ

  • މީގެކުރިން ބިދޭސީން ރާއްޖެއަށް އެތެރެކުރުމަށް ވިޔަފާރިތަކުން 2000 ރުފިޔާގެ ކޯޓާ ފީއެއް ދައްކަންޖެހޭ

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ރާއްޖެއަށް ގެންނަ ބިދޭސީންގެ ޢަދަދު 20 އަށްވުރެ ދަށްކަމުގައިވާނަމަ، ކޯޓާ ފީ ދައްކަން ނުޖެހޭގޮތަށް ސަރުކާރުން ހަމަޖައްސަވައިފިއެވެ. ރާއްޖޭގައި ހިންގާ ވިޔަފާރިތަކަށް ބިދޭސީން އެތެރެކުރުމަށް 2000 ރުފިޔާގެ ކޯޓާ ފީއެއް ދައްކަން ޖެހެއެވެ.

ރާއްޖޭގައި ހިންގާ ވިޔަފާރިތަކުގައި އަވައްޓެރި އެކި ޤައުމުތަކަށް ނިސްބަތްވާ ބިދޭސީން އެކި މަސައްކަތްތަކުގައި ހަރަކާތްތެރިވެއެވެ. މިގޮތުން އެތެރެކުރާ ބިދޭސީން އެތެރެކުރުމަށް ކޯޓާ ފީއެއްގެ ގޮތުގައި 2000 ރުފިޔާ، 12 މަސްދުވަހުގެ ތެރޭގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ކަނޑައަޅާ ތަނަކަށް ދައްކާ ނިންމަންޖެހެއެވެ. މިކަމުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލުޔެއް ދިނުމަށްޓަކައި ސަރުކާރުން މިހާރުވަނީ "ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް" އިސްލާޙެއް ގެނެސްފައެވެ.

މި އިސްލާޙާއެކު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ރާއްޖެއަށް އެތެރެކުރުމަށް އެދި ހުށައަޅާފައިވާ ބިދޭސީންގެ ޢަދަދު 20 އަށްވުރެ ދަށްކަމުގައިވާނަމަ، ކޯޓާ ފީ ދައްކަން ނުޖެހޭގޮތަށްވަނީ ހަމަޖައްސާފައެވެ. އެހެންނަމަވެސް މިއިސްތިސްނާ ދެވޭ ކުންފުންޏާއި ގުޅުންހުރި ވިޔަފާރީގެ ހިއްސާދާރަކު ނުވަތަ މަސްއޫލުވެރިޔަކު ހިމެނިގެން އުފައްދާފައިވާ އެހެން ކުދި އަދި މެދު ފަންތީގެ އެހެން ވިޔަފާރިއަކަށް މި މާއްދާގެ ދަށުން ދެވޭ ކޯޓާ ފީ ދެއްކުމުންދެވޭ އިސްތިސްނާއެއް ނުލިބޭނެކަމަށް ގަވާއިދުގައިވަނީ ބަޔާންކޮށްފައެވެ.

ހަމައެއާއެކު އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިއަކުންވެސް 20 އަށްވުރެ ކޯޓާ އިތުރުކުރާ ޙާލަތުގައި 21 ވަނަ ސްލޮޓުން ފެށިގެން އިތުރުވާ ކޯޓާތަކަށް، ކޯޓާ ފީ ދައްކަންޖެހޭނެކަމަށްވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން މި ގަވާއިދަށް ގެނައި އިސްލާޙު ގެޒެޓުގައި ޝާޢިއުކުރާ ދުވަހުން ފެށިގެން، މި އިސްލާޙަށް ޢަމަލުކުރަން ފެށުމުގެ ކުރިން އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ޔޫޓިލައިޒްކޮށް ދޫކޮށްފައިވާ ކޯޓާތަކަށް ދައްކަމުންދިޔަ ފީ ދެއްކުން ހުއްޓާލާނެއެވެ.

އަލަށް ގެނެވުނު އިސްލާޙުތަކުގެ ތެރޭގައި، ވަޒީފާދޭ ފަރާތްތަކުގެ ތެރެއިން ވަރކް ޕަރމިޓް ފީ ނުދައްކާ ފަރާތްތަކުން، ފީ ނުދެއްކޭ ސަބަބުން ބަޔާންކޮށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ފީގެ މުއްދަތު ހަމަވުމުގެ ކުރިން ހުށައެޅުމުން، ޙާލަތްތަކަށް ރިޢާޔަތްކޮށް، ފީ ދެއްކުމަށް އިތުރު އެއް މަސްދުވަހުގެ މުއްދަތެއް ދިނުމުގެ އިޚްތިޔާރު ވުޒާރާއަށް ލިބިދޭގޮތަށްވަނީ ކަނޑައަޅާފައެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ބޮއްސުންލައިގެން ގޮސްފައިވާ މި މައްސަލަ ހަމައަކަށް އަޅުވާ ނާޖާއިޒް މަންފާ ނަގަމުންދިޔަ ފަރާތްތައް ހުއްޓުވުމަށް ފިޔަވަޅުތައްވަނީ އަޅާފައެވެ. ހަމައެއާއެކު މީގެތެރެއިން ރާއްޖޭގައި ހިންގަމުންދާ ވިޔަފާރިތަކަށް ހުރަސްނޭޅޭނެހެން ކަންކަން ކުރުމަށް މަސައްކަތްކުރާކަމަށް ސަރުކާރުން ވިދާޅުވެއެވެ.