ނެޓްބޯޅަ އެސޯސިއޭޝަނުގެ މިއަހަރުގެ ބަޖެޓްގެ ގޮތުގައި 11 މިލިޔަން ރުފިޔާ ފާސްކޮށްފިއެވެ.
ނެޓްބޯޅަ އެސޯސިއޭޝަންގެ މިއަހަރުގެ ބަޖެޓް ފާސްކޮށްފައިވަނީ ސޮލައިޓްގައި ބޭއްވި އެއެސޯސިއޭޝަނުގެ އަހަރީ އާންމު ޖަލްސާގައެވެ.
ސޮލައިޓްގައި ކުރިއަށްދިޔަ ޖަލްސާގައި އެއެސޯސިއޭޝަނުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުންނާއި މެންބަރު ކުލަބުތަކުގެ އިތުރުން އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާއި ނެޝަނަލް ސްޕޯޓްސް ކައުންސިލުގެ އިތުރުން ކޮމިޝަނަރ އޮފް ސްޕޯޓްސްގެ ފަރާތުން މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.
ނެޓްބޯޅަ އެސޯސިއޭޝަނުގެ އަހަރީ އާންމު ޖަލްސާގައި ކުރިއަށްދިޔަ ކަންކަމުގެ ތެރޭގައި 2025 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ އެޖެންޑާ ފާސްކުރުމާއި، ޔައުމިއްޔާ ފާސްކުރުމުގެ އިތުރުން ފާއިތުވެދިޔަ އަހަރުގެ އަހަރީ ރިޕޯޓް އަދި ޚަރަދު ރިޕޯޓްވަނީ ހުށަހަޅާ ފާސްކޮށްފައެވެ. އަދި މިޖަލްސާގެ ތެރެއިންވަނީ މިއަހަރަށް ލަފާކުރާ ބަޖެޓާއި އަހަރީ ކަލަންދަރު ފާސްކޮށްފައެވެ. މީގެ އިތުރުން އެއެސޯސިއޭޝަނަށް އޮޑިޓަރއެއް ކަނޑައެޅުމަށް ވަނީ ފާސްކޮށްފައެވެ
މިހިނގާ 2026 ވަނަ އަހަރަށް ޚަރަދުވާނެކަމަށް އަންދާޒާކޮށްފައިވާ ޢަދަދަކީ 11،826،703.72 ( އެގާރަ މިލިޔަން އަށްލައްކަ ސައްބީސްހާސް ހަތްސަތޭކަ ތިން ރުފިޔާ ހަތްދިހަ ދެ ލާރި)އެވެ. މި ފައިސާ ބެހިގެންދާގޮތަށް ބަލާއިރު މާލޭގައި ބާއްވާ މުބާރާތްތަކަށް 1،378،974.00 ( އެއް މިލިޔަން ތިންލައްކަ ހަތްދިހަ އަށްހާސް ނުވަސަތޭކަ ހަތްދިހަ ހަތަރު ރުފިޔާ) ޚަރަދުވާނެކަމަށް ވަނީ ލަފާކޮށްފައެވެ.
އަތޮޅު ތެރޭގައި ރާވާ ހިންގާ މުބާރާތްތަކުގެ ބަޖެޓެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 878،960.00 (އައްލައްކަ ހަތްދިހަ އަށްހާސް ނުވަ ސަތޭކަ ފަސްދޮޅަސް ރުފިޔާ) އެވެ. އަދި ބައިނަލްއަގްވާމީ މުބާރާތްތަކަށާއި ޓްރޭނިންތަކަށް 6،797،064.80 ( ހަ މިލިޔަން ހަތްލައްކަ ނުވަދިހަ ހަތްހާސް ފަސްދޮޅަސް ހަތަރު ރުފިޔާ އައްޑިހަ ލާރި) ބަޖެޓުގައި ހިމަނާފައިވާއިރު، މާލޭގައި ބާއްވާ ޓެކްނިކަލް ޑެވެލޮޕްމެންޓް ޕްރޮގްރާމުތަކަށް ޚަރަދުވާނެކަމަށް ލަފާކޮށްފައިވަނީ 128،808.80 (އެއްލައްކަ އަށާވީސްހާސް އައްސަތޭކައަށް ރުފިޔާ އައްޑިހަ ލާރި) އެވެ. އަދި މި ޕްރޮގްރާމު އަތޮޅު ތެރޭގައި ހިންގުމަށް 209،500.33 ( ދެލައްކަ ނުވަހާސް ފަސްސަތޭކަ ރުފިޔާ) ލަފާކޮށްފައިވާއިރު، ބައިނަލްއަގްވާމީ ޓެކްނިކަލް ޑެވެލޮޕްމެންޓް ޕްރޮގްރާމުތަކުގައި ބައިވެރިވުމަށްވަނީ 197،93.12 ( އެއްލައްކަ ނުވަދިހަ ހަތްހާސް ނުވަސަތޭކަ އެއްތިރީސް ރުފިޔާ ބާރަ ލާރި) ކަނޑައަޅާފައެވެ.
ނެޓްބޯޅައަށް އައު ކުޅުންތެރިން ނެރެ ހުނަރުވެރި އެތުލީޓުން ތަރައްގީކުރުމަށް ކުރިއަށްގެންދާ ޔޫތް ޑެވެލޮޕްމެންޓް ޕްރޮގްރާމުތަކަށްވެސް ބަޖެޓުގައި ވަނީ އަދަދެއް ކަނޑައަޅާފައެވެ. މިކަމަށް ޚަރަދުވާނެކަމަށް ލަފާކޮށްފައިވަނީ 524،000.00 ( ފަސްލައްކަ ސައްވީސް ހާސް ރުފިޔާ) އެވެ. މީގެ އިތުރުން އެސޯސިއޭޝަނުގެ އިދާރީ ކަންކަމަށް ހިނގާނެކަމަށް އަންދާޒާކޮށްފައިވާ އަދަދަކީ 839،147.00 (އައްލައްކަ ތިރީސް ނުވަހާސް އެއްސަތޭކަ ސާޅީސް ހަތްހާސް ރުފިޔާ) އެވެ. އަދި ތަމްރީނުތަކަށް ބޭނުންވާ ވަސީލަތްތައް ހޯދުމާއި ކޯޗުން ޑެވެލޮޕްކުރުމަށް ވަނީ 872،336.00 (އައްލައްކަ ހަތްދިހަ ދެހާސް ތިންސަތޭކަ ތިރީސްހަ ރުފިޔާ) މިއަހަރުގެ ލަފާކުރާ ބަޖެޓުގައި ހިމަނާފައެވެ.
ނެޓްބޯޅަ އެސޯސިއޭޝަނުގެ އަހަރީ އާންމު ޖަލްސާއަށް މެންބަރު 12 ކުލަބުގެ ތެރެއިން 11 ކުލަބަކުން ވަނީ ހާޒިރުވެފައެވެ. އަދި އެސޯސިއޭޝަނުގެ އަހަރީ އާންމު ޖަލްސާގައި އެޖެންޑާކުރެވުނު ކަންކަންވަނީ މެންބަރުންގެ ތާއީދާއިއެކު ފާސްކޮށްފައެވެ.
ނެޓްބޯޅަ އެސޯސިއޭޝަނުން ފާއިތުވެދިޔަ އަހަރު ރާވާ ހިންގި މުހިންމު ކަންކަމަށް ބަލާއިރު، މާލޭގައި 8 މުބާރާތެއް ބާއްވާފައިވާއިރު، ބައިނަލްއަގްވާމީ 2 މުބާރާތެއްގައި ވާދަކޮށް ރަނގަޅު ވަނަތަކެއް ގައުމީ ނެޓްބޯޅަ ޓީމުން ހޯދާފައިވެއެވެ. އަދި ނެޓްބޯޅައިގެ ފަންނީ މީހުން ތަމްރީނުކުރުމަށް 2 އަމްޕަޔަރިން ކޯސް ކުރިއަށް ގެންގޮސްފައިވެއެވެ. މީގެ އިތުރުން ސީއެސްއާރްގެ ދަށުން އެކެޑެމީތަކުގެ ޓްރޭނިންތަކަށް ކޯޓު ދޫކުރުމާއި އަތޮޅުތެރޭގައި ކުރިއަށްދިޔަ މުބާރާތްތަކަށް އަމްޕަޔަރުން ފޯރުކޮށްދިނުމުގެ އިތުރުން ތިން މުބާރާތެއް ބޭއްވުމަށް އެހިތެރިކަން ފޯރުކޮށްދީފައިވެއެވެ. އެއީ މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަންގެ މުބާރާތާއި ސިމްޑީ މުބާރާތުގެ އިތުރުން ވިލާ ގްރެޖުއޭޝަން ކަޕްއެވެ.
ނެޓްބޯޅަ އެސޯސިއޭޝަނުން މިހިނގާ 2026 ވަނަ އަހަރަށް ގިނަ ކަންތައްތަކެއް ވަނީ ރާވާ ހިންގުމަށް ނިންމާފައެވެ. އެގޮތުން ރާއްޖޭގައި މުބާރާތްތައް ބޭއްވުމާއި މުޅިން އަލަށް ނެޓްބޯޅަ ލީބު ފެށުމާއި، ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކުރުމުގެ އިތުރުން މި ކުޅިވަރުގެ ތެރެއަށް އައު ކުދިން ވައްދާ ނެޓްބޯޅަ އިތުރަށް ކުރިއެރުވުމަށް މިއަހަރު ނާމްއިން ޚާއްސަ ސަމާލުކަމެއްދޭނެކަމަށް އެއެސޯސިއޭޝަނުން ބުނެއެވެ.