ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުޤައްޔޫމް، މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އުމާންގެ މަޖިލިސް އައްޝޫރާގެ ޗެއަރމަން ޝައިޙް ޚާލިދު ބިން ހިލާލް އަލް މަޢްވަލީއާ ބައްދަލުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު އޮތް މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، އުމާންގެ ސަރުކާރާއި ރައްޔިތުންނަށް އަދި ޙާއްސަކޮށް އުމާންގެ ރަސްގެފާނު ސުލްޠާން ޤަބޫސް ބިން ސަޢީދަށް ތަހުނިޔާއާއި ހެޔޮ އެދުންތައް ފޮނުއްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއާއި އުމާންއާ ދެމެދު ޤާއިމްވެފައިވާ އަޙުވަންތަ ގުޅުމަކީ ދީން ރައްކާތެރިކުރުމުގެ މައްޗަށާއި، އިސްލާމް ދީނުގެ ރިވެތި އާދަތައް ކުރިއެރުވުމުގެ މައްޗައް ބިނާވެފައިވާ މުހިއްމު ގުޅުމެއްކަން ފާހަގަކުރައްވާފައެވެ.
ޝައިޙް ޚާލިދު ބިން ހިލާލް އަލް މަޢްވަލީ އާއި، ރައީސުލްޖުމްހޫރިއްޔާއާ ދެބޭފުޅުން ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި އުމާންއާ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ. އަދި، ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހާއި އުމާންގެ މަޖިލިސް އައްޝޫރާއާ ދެ ފަރާތުގެ މެދުގައި އެއްބާރުލުން އިތުރުކުރާނެކަމުގެ ޔަޤީންކަން ދެ ބޭފުޅުންވެސް ވަނީ ދެއްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި މަޖިލިސް އައްޝޫރާގެ ޗެއަރމަން ވަނީ އެމަނިކުފާނު ރާއްޖެ ވަޑައިގަތުމުން ދެއްވި ހޫނު މަރުޚަބާއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި، ރާއްޖެއާއި އުމާންއާ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މި ބައްދަލުކުރެއްވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނާއިބް ރައީސްވެސް ބައިވެރިވެ ވަޑައިގެންފައިވެއެވެ.