ޚަބަރު

ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށް ޖިސްމާނީ ގޮތުން ނުކުޅެދިގެންވާ މީހުންނަކީ ކޮބާ؟


  • ވޯޓުފޮށީގެ ވެރިޔާގެ ހުއްދައާއެކު އެހެން މީހެއްގެ އެހީތެރިކަން ހޯދިދާނެ

  • ވޯޓުލާ މަރުކަޒުގެ އޮފިޝަލަކަށް ނުވަތަ އެ ފޮއްޓަށް ރަޖިސްޓަރީކޮށްފައިވާ މީހަކަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ

ވޯޓުލުމުގެ ޙައްގު 18 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ލިބިގެންވެއެވެ. އެ މީހެއްގެ ހުންނަ ނުކުޅެދުންތެރިކަމަކުން މި ޙައްގުން އެއްވެސް މީހަކު މަހުރޫމުވެގެންނުވެއެވެ.

ޖިސްމާނީ ގޮތުން ވޯޓުކަރުދާހުގައި އަމިއްލައަށް ފާހަގަޖަހަން ނުކުޅެދޭ މީހުން އަޅުގަނޑުމެންގެ މުޖުތަމަޢުގައި ދިރިއުޅޭއިރު އެފަދަ ކޮންމެ ރައްޔިތަކަށްވެސް ވޯޓުލުމުގެ ޙައްގު ކަށަވަރުވެފައި ހުންނާނެހެން އިންތިޒާމުތައް ވަނީ ކޮންމެ އިންތިޚާބެއްގައިވެސް ހަމަޖެހިފައެވެ. އެގޮތުން، ވޯޓު ކަރުދާހުގައި ފާހަގަޖެހުމަށް ޖިސްމާނީ ނުކުޅެދިގެންވާ މީހުންނާއި އެ މީހުންނަށް ވޯޓުލެވޭނެ ގޮތްތައް ތަފްޞީލުކޮށް ވަނީ ބަޔާންކޮށްފައެވެ.

އަމިއްލައަށް ފާހަގަނުޖެހޭ ޖިސްމާނީ ނުކުޅެދުންތެރިކަމެއް ހުރި މީހެއް ކަމުގައި ބެލެވޭނީ މުސްކުޅިވެ ގައިބާރު ދެރަވުމުގެ ސަބަބުން އެމީހެއްގެ އަތުން ފާހަގަ ޖެހޭވަރު ނުވާމީހުންނާއި ދެއަތުން ކުރެ އަތެއް ބޭނުން ނުކުރެވޭ މީހުންނާއި ލޯފަން މީހުން ނުވަތަ ލޮލަށް ނުފެނުމުގެސަބަބުން ވޯޓު ކަރުދާހުގައި ފާހަގަ ޖެހޭވަރު ނުވާމީހުންނެވެ. މިފަދަ ނުކުޅެދުންތެރިކަމެއް ހުރި ކޮންމެ މީހަކަށްވެސް ވޯޓުކަރުދާހުގައި ފާހަގަޖެހުމުގައި ވޯޓުފޮށީގެ ވެރިޔާގެ ހުއްދައާއެކު އެހެން މީހެއްގެ އެހީތެރިކަން ހޯދިދާނެއެވެ.

މިގޮތަށް ފާހަގަ ޖެހުމުގައި ވޯޓުލާ މަރުކަޒުގެ އޮފިޝަލަކަށް ނުވަތަ އެ ފޮއްޓަށް ރަޖިސްޓަރީކޮށްފައިވާ މީހަކަށް އެހީތެރިކަން ފޯރުކޮށްދެވިދާނެއެވެ. ނަމަވެސް އޮބްޒާވަރަކަށް ނުވަތަ މޮނިޓަރަކަށް އަދި ކެންޑިޑޭޓުންގެ މަންދޫބަކަށް އެއްވެސް މީހަކަށް ވޯޓުލުމުގައި އެހީތެރިކަން ފޯރުކޮށްނުދެވޭނެއެވެ. ފާހަގަ ޖެހުމުގައި ކޮންމެ މީހަކަށްވެސް އެހީތެރިވެ ދެވޭނީ އެއްފަހަރުއެވެ.

ވޯޓުލުމުގައި ޖިސްމާނީގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދޭ މީހާ ވޯޓު ކަރުދާހުގެ ތަފްސީލު އެމީހަކަށް ކިޔައިދޭންވާނެއެވެ. އަދި އެ މީހާ ބޭނުންވާ މީހަކަށް ނުވަތަ ގޮތަކަށް ވޯޓު ކަރުދާހުގައި ފާހަގަޖެހުމަކީ އެ އެހީތެރިޔާގެ ޒިންމާއެކެވެ.

ވޯޓުލާ މީހުންގެ ތެރެއިން ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހެން މީހެއްގެ އެހީތެރިކަމާއެކު ވޯޓުކަރުދާހުގައި ފާހަގަޖެހޭނެ އިންތިޒާމުވެސް މިހާރު ވަނީ ހަމަޖެހިފައެވެ. އެގޮތުން، އިލެކްޝަންސް ކޮމިޝަނުން ކޮންމެ އިންތިޚާބަކާ ދިމާކޮށް، ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލާ ގޮތަށް އެފަދަ ފަރާތްތަކަށްވެސް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައެވެ. މި ފުރުސަތު ހުޅުވާލަނީ އެ އާބާދީގެ ތެރެއިން އަމިއްލައަށް ވޯޓުލާން ބޭނުންވަނީ ކޮން ބައެއްކަން ދެނެގަނެ ކުރީބައިގައި އެ ދޭންޖެހޭ ތަމްރީނުތައް ދިނުމަށެވެ.

އިންތިޚާބުތަކުގައި ވޯޓުލާ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަ ޓެމްޕްލޭޓްތަކެއް ކޮންމެ އިންތިޚާބެއްގައިވެސް ތައްޔާރުކުރެއެވެ. މި ޓެމްޕްލޭޓް ތައްޔާރުކޮށްފައިވަނީ ވޯޓުކަރުދާސް އޮންނަ ގޮތަށް ބްރެއިލުން ކެންޑިޑޭޓު ނަންބަރުތައް އެނގޭގޮތަށް އަދި ފާހަގަޖަހަންވާތަން ވަކިން އެނގޭގޮތަށެވެ. މީގެ ސަބަބުން ފަސޭހަކަމާއެކު ކޮންމެ މީހަކަށްވެސް އިތުރު އެހީތެރިޔަކާ ނުލައި ބޭނުންވާ ގޮތަށް ވޯޓުލެވޭނެއެވެ.

މީގެ ކުރިން ބޭއްވި އިންތިޚާބުތަކުގައި އިލެކްޝަންސް ކޮމިޝަނުން ވަނީ މި ޓެމްޕްލޭޓްތައް ބޭނުންކޮށްގެން ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަމިއްލައަށް ވޯޓުލުމުގެ ޙައްގު އަދާކުރުމުގެ ފުރުސަތު ކާމިޔާބުކަމާއެކު ފަހިކޮށްދީފައެވެ.