ޚަބަރު

ފަރެސްމާތޮޑާގެ މަގު ހެދުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފި


  • މި މަޝްރޫޢު ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ

  • ބޮޑެތި މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ކުރާނެ

  • ފެން ހިންދާ ނިޒާމު ޤާއިމުކުރުން ހިމެނޭ

ގދ. ފަރެސްމާތޮޑާގެ މަގު ހެދުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

ފަރެސްމާތޮޑާ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް މިއަދު އެރަށުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ، މަޝްރޫޢު ރަސްމީކޮށް ފައްޓަވާދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސެއިން މުޙައްމަދު ލަޠީފްއެވެ.

މި ރަސްމިއްޔާތުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ހަމީދާއި، އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދާއި، ރައްޔިތުންގެ މަޖިލީހުގެ ދާއިރާގެ މެމްބަރާއި، ކައުންސިލްގެ ރައީސްގެ އިތުރުން، ކައުންސިލް މެމްބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ފަރެސްމާތޮޑާގެ މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއަށެވެ.

އެމްޓީސީސީން ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން ފަރެސްމާތޮޑާގެ ބޮޑެތި މަގުތަކުގައި ތާރު އެޅުމާއި، ފެންހިންދާ ނިޒާމު ޤާއިމުކުރުމުގެ އިތުރުން މަގުބައްތި ހަރުކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިއީ އެ ރަށުގެ ރައްޔިތުން ގިނަ ދުވަސްތަކެއް ވަންދެން އުންމީދު ކުރަމުން އައި، ރަށުގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމާ ގުޅިފައިވާ މުހިންމު މަޝްރޫއެއް ކަމަށްވެސް އެކުންފުނިން ސިފަކުރެއެވެ.

ރާއްޖޭގެ އެކި ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އެއްވެސް ރަށެއްގެ މަގުތަކުގައި ތާރުއަޅައިގެން ތަރައްޤީ ކުރުމަށް މަޖުބޫރު ނުކުރައްވާނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެއެވެ.

އޭގެ ބަދަލުގައި ލޯކަލް ޓުއަރިޒަމް ހިންގަމުންދާ ރަށްރަށުގައި ވެލި މަގުތައް ބޭއްވުމަށްފަހު ފެންބޮޑުވުން ފަދަ މައްސަލަތައް ޙައްލު ކުރުމަށް ބޭނުންވާ ވެހިކަލްތަކާއި، މަގު މަރާމާތު ކުރުމަށް ބޭނުންވާ އާލާތްތައް ހޯދައިދިނުމަށް ބައެއް ކައުންސިލްތަކުން ހުށަހަޅުއްވާ ކަމަށް ސަރުކާރުން މައުލޫމާތު ދެއްވައެވެ. އެހެންކަމުން އެފަދަ ވަޞީލަތްތައް ސަރުކާރުން ފޯރުކޮށްދީގެން ރައްޔިތުން ބޭނުންވާ ގޮތަށް މައްސަލަތައް ޙައްލު ކޮށްދެއްވާނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.