ބެލާރުސްގެ ގައުމީ އެއާލައިން، ބެލާވިއާއިން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެއެވެ.
މި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓް މަހުން ފެށިގެންނެވެ. މިއީ ބެލާރުސްއާއި ރާއްޖެއާ ދެމެދު ވައިގެ މަގުން ގުޅާލުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
ބެލާވިއާ އެއާލައިންގެ މެނޭޖްމަންޓުން ހާމަކުރި ގޮތުގައި، ރާއްޖެއަކީ ދިގު ދަތުރުތަކަށް އުންމީދީ މަންޒިލެކެވެ. މި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ޓްރަޔަލް ފޭސްއެއްގެ ގޮތުގައެވެ. އެގޮތުން 6 އަކާއި 8 އަކާ ދެމެދުގެ އަދަދަކަށް ޓްރަޔަލް ފްލައިޓް ބޭއްވުމަށް ނިންމާފައިވާ ކަމަށް އެ އެއާލައިނުން މައުލޫމާތުދެއެވެ. މި މުއްދަތުގައި މާކެޓްގެ ޑިމާންޑާއި އޮޕަރޭޝަނަލް ކަންކަން ބެލުމަށްފަހު ދާއިމީ ދަތުރުތަކާ މެދު ގޮތެއް ނިންމާނެ ކަމަށް އެ އެއާލައިނުން ބުނެއެވެ.
މި އެއާލައިންގެ ދަތުރުތައް ފެށުމަކީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ތެރެއިން އެއާލައިންތަކުން އައު މާކެޓްތައް ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށް ވިޒިޓް މޯލްޑިވްސްއިން ވިދާޅުވެއެއެވެ.
ދުނިޔޭގެ މަސްރަހަށް، ޚާއްސަކޮށް މެދުއިރުމައްޗަށް ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅިގެން ގިނަ އެއާލައިންތަކަކުން އަންނަނީ ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަމުންނެވެ. މިގޮތުން ބްރިޓިޝް އެއާވޭސްއިން ވަނީ ހަފްތާއަކު ކުރާ ދަތުރުތައް ތިނަކުން ހަތަރަކަށް އިތުރުކޮށްފައެވެ. އަދި ޑިމާންޑަށް ބަލައި މި އަދަދު ފަހަކަށް ނުވަތަ ހަޔަކަށް އިތުރުކުރުމުގެ ފުރުޞަތު އޮތްކަން އެ އެއާލައިނުން ފާހަގަކުރެއެވެ.
ސްވިޒަލޭންޑްގެ އެޑަލްވައިސް އެއާއިންވެސް ވަނީ އެޕްރީލް މަހު ރާއްޖެއަށް 20 ދަތުރު ކުރުމަށް ތާވަލުކޮށްފައެވެ. މީގެ އިތުރުން ރަޝިއާގެ އޭރޯފްލޮޓްއިންވެސް ވަނީ މޮސްކޯ އާއި މާލެއާ ދެމެދު އިތުރު ފްލައިޓްތައް ބާއްވަން ފަށާފައެވެ. މިއީ އެހެން އެއާލައިންތަކުގެ ދަތުރުތައް ކެންސަލްވުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް އެޅި ފިޔަވަޅެކެވެ.
މީގެ އިތުރުން، ޖަރުމަނުވިލާތުގެ އެއާލައިނެއް ކަމަށްވާ ކޮންޑޯއިން ހޫނު މޫސުމުގައި ރާއްޖެއަށް ދަތުރުތައް އަލުން ފެށުމަށްވެސް ވަނީ ނިންމާފައެވެ. އެގޮތުން، ޖަރުމަނުގެ ފްރެންކްފާާޓުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ހަފުތާއަކު ހަތަރު ދުވަހު ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި އޮޕަރޭޝަންތައް ކުރިއަށްދާނީ މެއި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮކްޓޫބަރު މަހުގެ ނިޔަލަށް ކޮންމެ ހަފުތާއަކު 4 ދުވަހު ކަމަށްވެސް އެ އެއާލައިނުން މައުލޫމާތުދެއެވެ.
ރާއްޖެއަށް ވައިގެ މަގުން އައުމަށް ހުރި ތަފާތު ގޮތްތަކާއި، ޕްރައިވެޓް އޭވިއޭޝަނަށް ހާއްސަކޮށްފައިވާ އިންފްރާސްޓްރަކްޗަރގެ ސަބަބުން، ދުނިޔޭގެ ދަތުރުފަތުރުގެ އޮއިވަރަށް ބަދަލު އައި ނަމަވެސް ރާއްޖެއަކީ ފަސޭހައިން އާދެވޭ މަންޒިލެއްގެ ގޮތުގައި ދެމިއޮވެއެވެ.