ހުރްމުޒް ކަނޑުއޮޅި ހުރަސްކޮށް ދަތުރުކުރާ އުޅަނދުފަހަރުން ފީއެއް ނެގުމަށް ތައްޔާރުވެ، އީރާންގެ ޤާނޫނުހަދާ މަޖިލީހަށް ބިލެއް ހުށަހެޅުމުގެ މަސައްކަތް ފަށައިފިއެވެ. މި ވަގުތު ހުރްމުޒް ކަނޑުއޮޅި އޮތީ، އެމެރިކާއާއި ޔަހޫދީންގެ މަޞްލަޙަތު އޮތް އާގުބޯޓުފަހަރަށް ބަންދު ކޮށްފައެވެ. މިއީ، ޔަހޫދީންނާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނާ ދެކޮޅަށް ފެށްޓެވި ހަނގުރާމައިގެ ރައްދެއްގެ ގޮތުން އީރާނުން އަޅަމުންދާ ދިފާޢީ ފިޔަވަޅެކެވެ.
ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުން ފީއެއް ނެގުމަށް ބިލެއް ފަރުމާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަން ހާމަކުރައްވާފައި ވަނީ އީރާންގެ ޤާނޫނުހަދާ މަޖިލީހުގެ މަދަނީ ދާޚިލީ ކަންކަމާ ބެހޭ ކޮމިޓީގެ މުގައްރިރެވެ. އޭނާއާ ޙަވާލާދީ އީރާންގެ ފާރިސް އަދި ތަސްނީމް ނޫން އޭޖެންސީން ބުނީ، ހުރްމުޒުން ފީއެއް ނެގުމާ ގުޅޭ ބިލު ފަރުމާކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށާއި، ޤާނޫނުހަދާ މަޖިލީހުގެ ޤާނޫނީ ޓީމުން ބިލާ ގުޅޭ އެންމެ ފަހުގެ މަރުޙަލާތައް ފުރިހަމަކުރަމުންދާ ކަމުގައެވެ.
އޭނާ ވިދާޅުވީ، ބިލުގެ މައިގަނޑު މަޤުޞަދަކީ، ހުރްމުޒް ކަނޑުއޮޅީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އީރާނުން ކުރަމުންދާ މަސައްކަތްތަކުގެ އަގެއް ނެގުން ކަމުގައެވެ. މިއީ، މި ފަދަ އެހެން ކަނޑުއޮޅިތަކުގައި ވެސް އަމަލުކުރަމުންދާ އުސޫލެއް ކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ހުރްމުޒް ހުރަސްކޮށް އުފުލާ މުދަލުން ޑިޔުޓީއެއް ނެގުމުގެ ޙައްޤު އީރާނަށް ލިބިގެންވާ ކަމުގައެވެ.
އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ ހުއްޓައިލުމަށް ޓްރަމްޕް މިހާރު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އަދި، 15 ނުކުތާއެއްގެ މައްޗަށް އެކުލެވިގެންވާ ރޭވުމެއް އޭނާ ވަނީ އީރާނަށް ހުށަހަޅުއްވާފައެވެ. އެ ހުށަހެޅުންތައް ދިރާސާކުރަމުންދާ ކަން އީރާނުގެ އޮފިޝަލުން ވަނީ ކަށަވަރު ކޮށްދީފައެވެ. ނަމަވެސް، އޭގެ ބަދަލުގައި ފަސް ޝަރުޠެއް ކަނޑައަޅައި، އީރާނުން ވަކި ރޭވުމެއް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމުގައި ރިޕޯޓުތައް ބުނެއެވެ. އެ ހުށަހެޅުންތަކުގެ ތެރޭގައި ހުރްމުޒްގެ މައްޗަށް އީރާނަށް އޮތް ޙައްޤު ބައިނަލްއަޤުވާމީ މުޖުތަމަޢުން ބަލައިގަތުން ހިމެނޭ ކަމުގައި، މި ކަމުގެ މަޢުލޫމާާތު އިނގޭ މަޞްދަރުތަކުން ބުންޏެވެ.
މަސްރަޙް ދިރާސާ ކުރާ ފަރާތްތަކުން ބުނީ، ފެބުރުވަރީ 28 ގައި އެމެރިކާއިން ހަނގުރާމަ ފެށި ފަހުން އީރާންގެ މަޝްވަރާގެ ބާރު އިތުރަށް ގަދަވެފައިވާ ކަމަށް ޤަބޫލު ކުރެވޭ ކަމުގައެވެ. އީރާނާއެކު "އުންމީދީ" މަޝްވަރާތަކެއް ފަށްޓަވާފައިވާ ކަމުގައި ޓްރަމްޕް ވިދާޅުވި ނަމަވެސް އީރާނުން ވަނީ އެ ކަން ދޮގުކޮށްފައެވެ. ނަމަވެސް، މިޞްރާއި ޕާކިސްތާނުން މެދުވެރިވެގެން ދެ ޤައުމުގެ ދެމެދުގައި ނުރަސްމީ މަޝްވަރާތަކެއް ކުރަމުންދާ ކަމުގައި ރިޕޯޓުތައް ބުނެއެވެ.