ޕާކިސްތާނާއި ރާއްޖެއާއި ދެމެދު އޮތް ގުޅުމަކީ އެއް ދީނަކަށް ތަބާވުމާއި، ދެ ޤައުމުގެ ތަރައްޤީއަށް ކުރާ މަސައްކަތުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ޕާކިސްތާން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ދެ ލީޑަރުންނަށް ފޮނުއްވި ސިޓީފުޅެއްގައެވެ.
ޕާކިސްތާން ދުވަހުގެ މުނާސަބަތުގައި، އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ތަހުނިޔާ ފޮނުއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ މި ތަހުނިޔާ ފޮނުއްވީ، ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރުދާރީއަށާއި، ބޮޑުވަޒީރު މުހައްމަދު ޝެހްބާޒް ޝަރީފަށް ވަކިވަކިން ފޮނުއްވި ސިޓީފުޅުތަކެއްގައެވެ.
ޕާކިސްތާނުގެ ރައީސަށް ފޮނުއްވި ސިޓީފުޅުގައި، ދެ ޤައުމުގެ ކުރިއެރުމަށާއި ސަރަޙައްދީ ތަރައްޤީއަށް ދެ ޤައުމުން ގެންގުޅޭ އެއްގޮތް އުންމީދުތަކާއެކު، ރާއްޖެއާއި ޕާކިސްތާނުގެ ގުޅުން ބައިނަލްއަޤުވާމީ މައިދާނުގައާއި ދެ ޤައުމުގެ ދެމެދުގައި އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.
ބޮޑުވަޒީރު ޝެހްބާޒް ޝަރީފަށް ފޮނުއްވި ސިޓީފުޅުގައި، ޕާކިސްތާނާއެކު އޮންނަ އަޚުވަންތަ ގުޅުން ބަދަހިކުރުމަށް ރާއްޖެއިން އަބަދުވެސް އަހައްމިއްޔަތުކަން ދޭކަން ރައީސް ފާހަގަކުރެއްވިއެވެ. 1966 ވަނަ އަހަރު ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރި ފަހުން، ބަދަހި އަދި ބިނާކުރަނިވި ގުޅުމެއް ދަމަހައްޓަމުން އަންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އިސްލާމީ އުންމަތުގެ އެއްބައިވަންތަކަމުގެ ރޫހުގެ ސަބަބުންނާއި، ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގާތް ގުޅުމުގެ ސަބަބުން މި ގުޅުން އިތުރަށް ވަރުގަދަވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުމަކީ އެއް ދީނަކަށް ތަބާވުމާއި، ދެ ޤައުމުގެ ތަރައްޤީއަށް ކުރާ މަސައްކަތުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ސިޓީފުޅު ނިންމަވާލައްވަމުން، ޕާކިސްތާނުގެ ދެ ލީޑަރުންނަށް ދުޅަހެޔޮ ސިއްހަތަކަށް އެދިވަޑައިގެން، އެ ޤައުމުގެ ރައްޔިތުންނަށް އަމާންކަމާއި ތަނަވަސްކަމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.
ޕާކިސްތާން ދުވަސް ފާހަގަކުރަނީ ޕާކިސްތާނު ދައުލަތެއްގެ ގޮތުގައި އުފެދި ފުރަތަމަ ފަހަރަށް އެ ޤައުމުގެ ޤާނޫނު އަސާސީ އެކުލަވާލުން ފާހަގަކުރުމުގެ ގޮތުންނެވެ. ޕާކިސްތާނުގެ ފުރަތަމަ ޤާނޫނުއަސާސީ އެކުލަވާލީ 1956 ވަނަ އަހަރުގެ މާރޗް މަހުގެ 23 ވަނަ ދުވަހުއެވެ.