ޚަބަރު

ހަނގުރާމައިގައި ރާއްޖޭގެ އެއްވެސް ސަރަހައްދެއް ބޭނުންނުކުރެވޭނެ: ރައީސް


  • މުސްލިމު އެއްވެސް ޤައުމަކަށް ދޭ ހަމަލާއަކަށް ރާއްޖޭން ތާއީދު ނުކުރާނެ

  • އެއްވެސް ޤައުމެއްގެ މިލިޓަރީ ބޭނުމަށްވެސް ޖާގައެއް ނުލިބޭނެ

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގައި ނުވަތަ އެހެންވެސް ހަނގުރާމައެއްގައި ރާއްޖޭގެ އެއްވެސް ސަރަހައްދެއް ބޭނުންކުރުމުގެ ފުރުޞަތު ނުދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެމެރިކާ އާއި ޔަހޫދީ ދައުލަތް، އިޒްރޭލުން އިސްވެ އީރާނަށް ދޭންފެށި ހަމަލާތަކަކި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމެއް ކަމަށެވެ. އެއްވެސް ޤައުމެއްގެ މިނިވަންކަމާއި އިސްތިގުލާލު ނަގާލެވޭ ގޮތަށް ހަމަލާތައް ދެވިގެން ނުވާނެ ކަމަށާއި އެމެރިކާ އާއި ޔަހޫދީން ދެމުންދާ ހަމަލާތައް މިހާރުން މިހާރަށް ހުއްޓާލަންޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ހަނގުރާމައިގައި ރާއްޖޭގެ އެއްވެސް ސަރަހައްދެއް ބޭނުންކުރުމުގެ ފުރުޞަތު ދޭން އުޅޭކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވަމުން ރައީސް ވިދާޅުވީ ރާއްޖެއަށް ފައިދާވާނެ ކޮންމެ ކަމެއްގައި އިޒްރޭލު ފިޔަވައި އެހެން ހުރިހާ ޤައުމަކާވެސް ރާއްޖޭން ގުޅުން ބަދަހިކުރާނެ ކަމަށެވެ. އެ ޤައުމުތަކުގެ މަންދޫބުންނާ ބައްދަލުކުރައްވައި އެ ފަރާތްތަކުގެ ވާހަކަތައް އަޑުއައްސަވާނެ ކަމަށާއި ނަމަވެސް ހަނގުރާމައިގައި ރާއްޖޭގެ އެއްވެސް ސަރަހައްދެއް ބޭނުންކުރުމަށް ނުވަތަ އެއްވެސް ޤައުމެއްގެ މިލިޓަރީ ބޭނުމަށް ރާއްޖޭގެ އެއްވެސް ސަރަހައްދަކުން ފުރުސަތު ނުދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ރާއްޖެއަކުންނެއް އެއްވެސް ފުރުޞަތެއް ނުދޭނަން އިސްލާމީ ޤައުމަކާ ދެކޮޅަށް ދޭ ހަމަލާއަކަށް ޖާގަ ދޭކަށެއް. އެއީ އަޅުގަނޑުމެން ކުރާނެ ކަމެއް ނޫން. އެ ހަނގުރާމަ ޖެހޭނީ މިހާރުން މިހާރަށް ހުއްޓެން. އެ ހަނގުރާމައިގައި ހަމަލާދޭ އެއްވެސް ފަރާތަކުން ދީގެންވާނެ ހަމަލާއެއް ނޫން. އީރާނުން ހަމަލާދޭނަމަ ދޭންޖެހޭނީ ސީދާ އިޒްރޭލަށް. އެއީ އަޅުގަނޑުމެން ގަބޫލުކުރާގޮތް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމެރިކާ އާއި ޔަހޫދީން އީރާނަށް ދެމުން އަންނަ ހަމަލާތަކަކީ ބައިނަލްއަގުވާމީ ޤާނޫނުތަކާވެސް ޚިލާފު ހަމަލާތަކެއް ކަމަށެވެ. އަދި މުސްލިމް އެއްވެސް ޤައުމަކަށް ދޭ އެއްވެސް ހަމަލާއެއް ސަރުކާރުން ބަލައި ނުގަންނާނެ ކަމަށާއި މިހާރު ހިނގަމުންދާ ހަމަލާއާ ރާއްޖޭން ކަނޑައެޅިގެން ދެކޮޅުހައްދަވާ ކަމަށް ވިދާޅުވިއެވެ.