ޚަބަރު

މާދަމާއަކީ ފަހު ރޯދަ، ފިޠުރު ޢީދަކީ ހުކުރު ދުވަސް


  • މާރިޗު 20 ވާ ހުކުރު ދުވަހަކީ ހިޖުރީ ސަނަތުން 1447 ވަނަ އަހަރުގެ ޝައްވާލު މަހުގެ އެއްވަނަ ދުވަސް

1447 ވަނަ އަހަރުގެ ފިޠުރު ޢީދު ދުވަހަކީ މި މަހުގެ 20ވާ ހުކުރު ދުވަސް ކަމުގައި ކަނޑައަޅުއްވައިފިއެވެ.

ހުކުރު ދުވަހަކީ މިއަަހަރުގެ ފިޠުރު ޢީދު ދުވަސްކަމުގައި ކަނޑައަޅުއްވައި، އިޢުލާންކުުރެއްވީ ޝައްވާލުމަހުގެ ހަނދު ސާބިތުކުރުމަށް މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާއަށްފަހު، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ނެރުއްވި ހަނދާ ބެހޭ ބަޔާނުގައެވެ.

އެ ވުޒާރާގެ ބަޔާނުގައި ވިދާޅުވީ، ރާއްޖޭގެ އެއްވެސް ރަށަކަށް ޝައްވާލުމަހުގެ ހަނދު ނުފެންނަ ކަމަށެވެ. އަދި އިސްލާމީ ޤައުމުތަކަށްވެސް ޝައްވާލުމަހުގެ ހަނދު ނުފެންނަ ކަމަށް އެ ބަޔާނުގައި ވިދާޅުވިއެވެ.

އެހެންކަމުން މާރިޗު 20 ވާ ހުކުރު ދުވަހަކީ ހިޖުރީ ސަނަތުން 1447 ވަނަ އަހަރުގެ ޝައްވާލު މަހުގެ އެއްވަނަ ދުވަސްކަމަށާއި އަދި އެދުވަހަކީ މިއަހަރުގެ ފިޠުރު ޢީދު ދުވަސްކަމުގައި ކަނޑައަޅުއްވާފައިވާކަމަށް ހަނދާބެހޭ ބެހޭގޮތުން އިއްވެވި ބަޔާނުގައި ވިދާޅުވިއެވެ.

ހަނދު ބެލުމުގެ ކަންކަން އެހެން އަހަރުތަކުގައިވެސް ޢަމަލުކުރަމުންދާ އުސޫލުގެ ތެރެއިން ހަނދު ބެލުމަށް ދިޔުމާއި، ހަނދު ފެނުނު ކަމަށް ހެކިބަސް ދިނުމުގެ ކަންކަން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މިއަހަރުވެސް ހަމަޖެއްސިއެވެ. އެގޮތުން ޝައްވާލް މަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި ޝައްވާލް މަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް މާލޭގައިނަމަ، މާލޭގެ ކޯޓެއްގެ ޤާޟީއެއްގެ ކުރިފުޅުމަތީގައި އަދި އަތޮޅުތެރޭގެ ރަށެއްގައިނަމަ، އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުގެ ކުރިފުޅުމަތީގައި ހެކިބަސްދޭން އޮތީ ހަމަޖައްސާފައެވެ.

ރަމަޟާން މަހެކޭ އެއްފަދައިން ޝައްވާލު މަހުގެ ހަނދުބެލުމަކީވެސް އިސްލާމީ ޤައުމުތަކުގައި ކޮންމެއަހަރަކުވެސް ކުރަންޖެހޭ މުހިންމު ކަމެކެވެ. ކޮންމެ ހަނދުމަހެއްގެވެސް ދިގުމިނަކީ ކުރުވެގެން 29 ދުވަސް އަދި ދިގުވެގެން 30 ދުވަހެވެ.

މިޒަމާނުގައި ރާއްޖޭގައިވެސް އަދި އިސްލާމީ ބޮޑެތި އެހެން ޤައުމުތަކުގައިވެސް ހަނދުބެލުމުގައި ބުރަވަނީ އިތުބާރުހުރި ފަލަކީ ހިސާބަށެވެ. މިހެން ހަދަނީ ޢަމަލީގޮތުން ހަނދުބަލާއިރު، އުދަރެހުގައި ވިލާގިނަނަމަ ހަނދު ހުއްޓަސް ހަނދު ފެނުމުގެ ފުރުސަތު ކުޑަވާތީއެވެ. ނަމާދު ވަގުތު ބެލުމާއި މިނޫންވެސް ވަރަށް ގިނަ ކަންކަމުގައި އިސްލާމީ ޤައުމުތަކުގައި ފަލަކީ ހިސާބަށް ބަރޯސާވެއެވެ.