މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ)އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިންޓަރ-އޮފީސް 3 އޮން 3 ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.
ފިރިހެން 1 ވަނަ ޑިވިޝަން، ފިރިހެން 2 ވަނަ ޑިވިޝަން އަދި އަންހެން ޑިވިޝަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ މިމުބާރާތުގައި ވާދަކުރެވޭނީ ސަރުކާރު އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަދި އަމިއްލަ ކުންފުނިތަކުގެ ޓީމުތަކަށެވެ. މުބާރާތް ހަމަޖެހިފައިވާގޮތުން ކޮންމެ އޮފީސް/ކުންފުންޏަކަށްވެސް ކެޓަގަރީއެއްގައި ބައިވެރިކުރެވޭނީ 1 ޓީމްކަމަށް އެމްބީއޭއިން ބުނެއެވެ.
އިންޓަރ-އޮފީސް 3 އޮން 3 ޗެމްޕިއަންޝިޕްގެ ގަވާއިދަށް ބަލާއިރު، މުބާރާތުގައި ވާދަކުރާ ޓީމެއް ނަމަ، ކޮންމެ ޓީމެއްގައި 4 ކުޅުންތެރިންނާއި ޓީމު އޮފިޝަލަކު ހިމަނަންޖެހެއެވެ. އަދި ޓީމު އޮފިޝަލަށް ބެންޗަކަށް ނުދެވޭނެއެވެ. އަދި ކޮންމެ ޑިވިޝަނެއްގައި ބައިވެރިކުރެވޭނީ ފިރިހެން 1 ޓީމާއި އަންހެން 1 ޓީމެވެ.
މިމުބާރާތުގެ 1 ވަނަ ޑިވިޝަނުގައި ވާދަކުރާ ޓީމުތަކުގެ ތެރޭގައި ހިމެނޭ ކުޅުންތެރިންގެ ތެރޭގައި އެންމެފަހުގެ ގައުމީ ލީގުގެ 1 ވަނަ ޑިވިޝަނުގައި ކުޅެފައިވާ އެއްވެސް ކުޅުންތެރިޔަކު ނުހިމެނޭނެއެވެ.
އެހެންނަމަވެސް ޓީމުގައި އޮފީހުން ނުވަތަ ކުންފުނިން ބޭރުގެ 1 ކުޅުންތެރިޔަކު ހިމެނުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ. އަދި އޮފީސް ނުވަތަ ކުންފުނީގައި ވަޒީފާ އަދާކުރާނަމަ ބިދޭސީ މުވައްޒަފުންވެސް ޓީމުގައި ޖެއްސިދާނެއެވެ. ނަމަވެސް ބިދޭސީ ކުޅުންތެރިން ޓީމުގައި ހިމަނާނަމަ އެކުޅުންތެރިންގެ ވޯކް ޕާމިޓްގެ ކޮޕީއެއް އެމްބީއޭއަށް ޓީމް ލިސްޓާއިއެކު ހުށަހެޅުމަށް އެއެސޯސިއޭޝަނުން އެދިފައިވެއެވެ.
އިންޓަރ-އޮފީސް 3 އޮން 3 ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުސަތު އަންނަމަހުގެ 12 ވަނަ ދުވަހުގެ 12:00 އާއި ހަމައަށްވަނީ ހުޅުވާލެވިފައެވެ. މުބާރާތުގައި ވާދަކުރުމަށް ބޭނުންވާ ޓީމުތަކުން މުބާރާތުގައި ބައިވެރިވުމަށް ދިވެހި ސަރުކާރުގެ ގެޒެޓްގައިވާ ފޯމު ފުރިހަމަކުރެއްވުމަށްފަހު އެމްބީއޭގެ އީމެއިލް އެޑްރެސް [email protected] އަށް މެއިލްކޮށްދެއްވުމަށް އެމްބީއޭއިން އެދެއެވެ.