ކުޅިވަރު

ނޮޅިވަރަމު ކައުންސިލް ކަޕް ފަށާނީ ފްރެންޑްސް ޔުނައިޓެޑް އަދި ޓީމް ކޭޖީގެ މެޗުން


  • ނޮޅިވަރަމު ކައުންސިލް ކަޕްގައި ހަ ޓީމަކުން ވާދަކުރޭ

  • މުބާރާތް އޮންނާނީ އަންނަމަހުގެ 10 އިން 20 ގެ ނިޔަލަށް

  • މުބާރާތުގެ ޗެންޕިއަން ޓީމަށް 1 ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއްވަނީ ހުށަހެޅިފައި

ޗެންޕިއަން ޓީމަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ދޭގޮތަށް ހަމަޖެހިފައިވާ ނޮޅިވަރަމު ކައުންސިލް ކަޕްގެ ގުރު ނަގައިފިއެވެ.

މިމުބާރާތުގެ ގުރު ނެގުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިމަހުގެ 14 ވަނަ ދުވަހު ނޮޅިވަރަމު ކައުންސިލްގެ އިދާރާގައެވެ.

ރަށުގެ ކުލަބު ޖަމްޢިއްޔާ، ޖަމާޢަތްތަކަށާއި ރަށުގެ ކުލަބުތަކަށް ބައިވެރިވެވޭގޮތަށް ހުޅުވާލައިފައިވާ މިމުބާރާތުގައި މިއަހަރު ޖުމްލަ ހަ ޓީމަކުން ވާދަކުރެއެވެ. ފޯރި ގަދަ މިމުބާރާތުގެ ކުޅުން ފެށޭނީ އަންނަމަހުގެ 10 ވަނަ ދުވަހުއެވެ. ނޮޅިވަރަމުގައި ކުރިއަށްދާ މިމުބާރާތް ފެށުމުގެ ގޮތުން ބައްދަލުކުރާނީ ފްރެންޑްސް ޔުނައިޓެޑް އަދި ޓީމް ކޭޖީއެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ މިމުބާރާތުގެ ސެމީގައި ވާދަކުރާނީ ކޮންމެ ގްރޫޕަކުން އެއްވަނަ އަދި ދެވަނަ ޓީމެވެ. ސެމީ ފައިނަލުގެ މެޗުތައް ތާވަލުކޮށްފައިވަނީ އަންނަމަހުގެ 17 އަދި 18 ވަނަ ދުވަހަށެވެ. އަދި މުބާރާތުގެ ފޯރިގަދަ ފައިނަލް މެޗުގެ ކުޅުން އޮންނާނީ އޭގެ އެއް ދުވަސްފަހުން އޭޕްރިލްމަހުގެ 20 ވަނަ ދުވަހުއެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ މިމުބާރާތުގެ ގްރޫޕް އޭ ގައި ހިމެނެނީ ފްރެންޑްސް ޔުނައިޓެޑްއާއި ޓީމް ކޭޖީގެ އިތުރުން ކަންމަތި ޖެއާރްއެވެ. އަދި ގްރޫޕް ބީ ގައި ވާދަކުރާނީ ކަންމަތި އެސްސީއާއި ފާއިތުވެދިޔަ އަހަރުގެ ޗެންޕިއަނުންކަމަށްވާ ކުލަބު ކްލަސްޓާގެ އިތުރުން ޗަކުލީ އާރްސީއެވެ.

ޗެންޕިއަން ޓީމަށް އެއްލައްކަ ރުފިޔާގެ ފައިސާ އިނާމު ލިބޭގޮތަށް މިމުބާރާތް ބާއްވާ މިއީ ފުރަތަމަ އަހަރެވެ. ފާއިތުވެދިޔަ އަހަރުގެ ޗެންޕިއަން ޓީމަށް އިނާމެއްގެ ގޮތުގައި 50،000 ރުފިޔާ ދީފަވާއިރު، އެ އަދަދަކީ މިއަހަރުގެ ރަނަރަޕް ޓީމަށް ކަނޑައަޅާފައިވާ އަދަދެވެ.

މިދިޔަ އަހަރުވެސް ނޮޅިވަރަމު ކައުންސިލް ކަޕް ކާމިޔާބުކަމާއެކު ނިންމާލާފަވާއިރު، އެއަހަރުގެ ޗެމްޕިއަން ޓީމަކަށް ހޮވިފަވަނީ ކްލަބް ކްލަސްޓާއެވެ. މިދިޔަ އަހަރުގެ ޖުލައިމަހުގެ 14 އިން 27 އަށް ކުރިއަށް ދިޔަ އެމުބާރާތުގައި ޖުމްލަ 7 ޓީމަކުން ދެ ގްރޫޕެއްގައި ވާދަކޮށްފަވެއެވެ.