ޚަބަރު

ސަނީ އުމަރަށް 44 އަހަރުގެ ޖަލު ޙުކުމެއް އަންނަ 5 ދަޢުވާއެއް


  • އޭނާގެ މައްޗަށް 5 ދަޢުވާއެއް ކޮށްފައިވޭ

ކުޑަ ކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ގ. މާވަނި، ޙުސައިން ސަނީގެ މައްޗަށް ދަޢުވާ ކުރުމަށް މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

ސަނީ އުމަރުގެ މައްޗަށް ފަސް ދަޢުވާއެއް ކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ. އޭގެތެރޭގައި ހިމެނެނީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން ކުރި ތިން ދަޢުވާއަކާއި، ގާނޫނުލްއުޤޫބާތުގެ ދަށުން ކުރި ދެ ދަޢުވާއެކެވެ.

ސަނީގެ މައްޗަށް ކުރާ ފަސް ދަޢުވާ

- ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިއަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ކުށުގެ 3 ދަޢުވާ: މި ދަޢުވާތައް އޭނާއަށް ކުރަނީ ކުޑަ ކުއްޖެއްގެ އުމުރުން 7 އަހަރުވުމުގެ ކުރީން ފެށިގެން 2025 އޯގަސްޓު މަހާ ހަމައަށް، އެކި ދުވަސްމަތިން އެކި ތަންތަނުގައި އެ ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލައެއްގައެވެ.
ޕީޖީއިން ވިދާޅުވީ، މި ކުށުގެ ތުހުމަތުގައި އޭނާގެ މައްޗަށް މި ދަޢުވާ އިތުރު ދެ ސަބަބަަކާ ހުރެ ކޮށްފައިވާ ކަމަށެވެ. އެއީ، ކުޑަ ކުއްޖެއްގެ އުމުރުން 10 ނުވަތަ 11 އަހަރުގައި އެ ކުއްޖާގެ ގައިގާ ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލާފައިވާތީއާއި، ކުޑަ ކުއްޖެއްގެ އުމުރުން 9 ނުވަތަ 10 އަހަރުގައި އެ ކުއްޖާގެ ގައިގާ ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލާފައިވާތީއެވެ. މި ކުށް އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ 10 އަހަރާ 14 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެއެވެ.

- އަދުލު އިންސާފު ޤާއިމްކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާ: މި ދަޢުވާ އޭނާއަށް ކުރަނީ ސަނީގެ ފޯނުގައި މައްސަލައާއި ގުޅޭ ހެއްކާއި ގަރީނާ ހުރި ކަމަށް ތުހުމަތު ކުރެވިގެން، ކްރިމިނަލް ކޯޓުން އޭނާގެ ފޯނު ފުލުހަށް ޙަވާލުކުރުމަށް އަމުރުކޮށްފައިވަނިކޮށް، އޭނާގެ ފޯނު ގެއްލިފައިވާ ކަމަށް ބުނެ ފުލުހުންނާ ޙަވާލުކޮށްފައިނުވާތީއެވެ. މި ކުށް އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ 1 އަހަރާއި 7 މަހާ 6 ދުވަހުގެ ޖަލު ޙުކުމެއް ކުރެވޭނެއެވެ.

- ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދަޢުވާ: މި ދަޢުވާ އޭނާއަށް ކުރަނީ ސަނީ ގެންގުޅުނު ކަމަށް ބެލެވޭ ފޯނުގައި ބޭނުންކުރާ ސިމް ނަމްބަރާ ސިމުގެ ބާވަތް އޮޅުވާލާ ފުލުހުންނަށް ދޮގު މައުލޫމާތު ދީފައިވާތީއެވެ. މި ކުށް އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ 4 މަހާއި 24 ދުވަހުގެ ޖަލު ޙުކުމެއް ކުރެވޭނެއެވެ.

މި މައްސަލާގައި ޕީޖީއިން ވަނީ، ދަޢުވާ ސާބިތުވެއްޖެނަމަ ޤާނޫނުގައި ކުށަށް ކަނޑައެޅިފައިވާ އެންމެ ބޮޑު އަދަބުދޭން ކްރިމިނަލް ކޯޓުގައި އެދިފައެވެ. އެ ޙާލަތުގައި އޭނާގެ މައްޗަށް މަދުވެގެން 44 (ސާޅީސް ހަތަރެއް) އަހަރުގެ ޖަލު ޙުކުމެއް ކަނޑައެޅޭނެ ކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ.

މި މައްސަލައާ ގުޅިގެން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން މިދިޔަ ޖަނަވަރީއިން މަހުގެ 2 ވަނަ ދުވަހުން ފެށިގެން ސަނީ ޢުމަރު ހުރީ ޝަރީޢަތް ނިމެންދެން ބަންދުގައެވެ.