ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ އަހަރީ ބަޖެޓު ފާސްކޮށްފިއެވެ.
އެގޮތުން މިހިނގާ 2026 ވަނަ އަހަރަށް އެއެސޯސިއޭޝަނުން ފާސްކޮށްފައިވާ ބަޖެޓުގެ ޖުމްލަ އަދަދަކީ 52،178،200 (ފަންސާސް ދެ މިލިޔަން އެއްލައްކަ ހަތްދިހަ އެއްހާސް ރުފިޔާ) ކަމަށް ކަނޑައަޅާފައިވަނީ މިމަހުގެ 15 ވަނަ ދުވަހު ކުރިއަށްދިޔަ ވީއޭއެމްގެ އަހަރީ އާންމު ޖަލްސާގެ ތެރެއިންނެވެ.
ޒުވާނުންގެ މަރުކަޒުގެ ހަރުގޭގައި ކުރިއަށް ދިޔަ މިޖަލްސާގެ ތެރެއިން އަހަރީ ބަޖެޓް ފާސްކޮށްފައިވާއިރު، އެންމެ ބޮޑު ޚަރަދެއް ހިނގާނެކަމަށް ލަފާކޮށްފައިވަނީ ބައިނަލްއަގްވާމީ ވޮލީ ބޯޅަ މުބާރާތްތަކުގައި ވާދަކުރުމަށެވެ. މިކަމަށް ހިނގާނެކަމަށް އަންދާޒާކޮށްފައިވާ އަދަދަކީ 9،560.000 ( ނުވަ މިލިޔަން ފަސް ލައްކަ ފަސްދޮޅަސް ހާސް ރުފިޔާ) އެވެ. އަދި ބައިނަލްއަގްވާމީ ބީޗް ވޮލީ ބޯޅަ މުބާރާތްތަކުގައި ވާދަކުރުމަށް 2،460،000 (ދެ މިލިޔަން ހަތަރު ލައްކަ ފަސްދޮޅަސް ހާސް) ރުފިޔާ ބަޖެޓްގައި ހިމަނާފައިވެއެވެ.
ވީއޭމްގެ ބަޖެޓުގައިވާގޮތުން ރާއްޖޭގައި ބާއްވާ ވޮލީ ބޯޅަ މުބާރާތްތަކަށް ހިނގާނެކަމަށް ލަފާކޮށްފައިވާ ޚަރަދަކީ 8،244،200 (އަށް މިލިޔަން ދެ ލައްކަ ސާޅީސް ހަތަރުހާސް ރުފިޔާ)އެވެ. މީގެ އިތުރުން އިދާރީ ކަންކަމަށް ހިނގާނެކަމަށް ލަފާކޮށްފައިވާ ޢަދަދަކީ 2،354،000 ( ދެ މިލިޔަން ތިންލައްކަ ފަންސާސް ހަތަރުހާސް) ރުފިޔާއެވެ.
ވޮލީބޯޅައިގެ ޓްރޭނިން ކޭމްޕުތަކަށް 4،900،000 (ހަތަރު މިލިޔަން ނުވަލައްކަ ރުފިޔާ) ބަޖެޓުގައި ހިމަނާފައިވާއިރު، ބީޗް ވޮލީބޯޅައިގެ ޓްރޭނިން ކޭމްޕުތަކަށް ހިމަނާފައިވަނީ 1،930،000 (އެއް މިލިޔަން ނުވަލައްކަ ތިރީސްހާސް ރުފިޔާ) އެވެ. އަދި ބައިނަލްއަގްވާމީ ވޮލީބޯޅައިގެ ޓްރޭނިން ކޭމްޕުތަކަށް 1،200،000 (އެއް މިލިޔަން ދެލައްކަ ރުފިޔާ) ހިމަނާފައިވާއިރު ޔޫތް ޑެވެލޮޕްމަންޓު ޕްރޮގްރާމުތަކަށް ހިނގާނެކަމަށް އަންދާޒާކޮށްފައިވަނީ 4،200،000 ( ހަތަރު މިލިޔަން ދެ ލައްކަ ރުފިޔާ) އެވެ.
މިހިނގާ 2026 ވަނަ އަހަރު ރާއްޖޭގައި ބައިނަލްއަގްވާމީ ދެ ވޮލީ ބޯޅަ މުބާރާތެއް ކުރިއަށް ގެންދިއުމަށް ރާވާފައިވާއިރު، އެކަމަށް 7،640،000 ( ހަތް މިލިޔަން ހަލައްކަ ސާޅީސް ހާސް ރުފިޔާ) ބަޖެޓްގައި ހިމަނާފައިވެއެވެ. އަދި ރާއްޖޭގައި ބޭއްވުމަށް ނިންމާފައިވާ ބައިނަލްއަގްވާމީ ބީޗް ވޮލީ ބޯޅަ މުބާރާތަށް ހިނގާނެކަމަށް ލަފާކޮށްފައިވަނީ 3،920،000 ( ތިން މިލިޔަން ނުވަލައްކަ ވިހިހާސް ރުފިޔާ) އެވެ.
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ އަހަރީ ބަޖެޓު ފާސްކޮށްފައިވަނީ އަހަރީ އާންމު ޖަލްސާގައި ބައިވެރިވި، އެއެސޯސިއޭޝަނުގެ ފުރިހަމަ މެންބަރުންގެ 9 މެންބަރުންނާއި، ވަގުތީ މެންބަރުންގެ 12 މެންބަރުންނާއި އެކަޑަމީ މެންބަރަކާއި އެސޯސިއޭޓް މެންބަރުގެ އިންތިފާގުންނެވެ.
ވީއޭއެމްގެ އަހަރީ އާންމު ޖަލްސާގައި 2026 ވަނަ އަހަރުގެ ބަޖެޓުގެ އިތުރުން ފާސްކުރެވުނު އެހެނިހެން ކަންކަމުގެ ތެރޭގައި 2025 ވަނަ އަހަރުގެ އެކްސްޓާނަލް އޮޑިޓަރ ކަނޑައެޅުމާއި، 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ފާސްކުރުން ހިމެނެއެވެ. އަދި ވީއޭއެމްގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރެއްކަމަށްވާ ސޮފްވާން އަހުމަދާއި މެދު ކުރެވިފައިވާ ތުހުމަތުތަކާއި މެދު އިދާރީގޮތުން ތައްޔާރުކޮށްފައިވާ "އެޑްހޮކް ކޮމިޝަނުގެ ރިޕޯޓް" ބަލައިގަނެ، އޭނާގެ މައްޗަށްވަނީ މުޅި އުމުރަށް، ވޮލީބޯޅައިގެ ހަރަކާތްތަކުގައި އެއްވެސް ހައިސިއްޔަތަކުން މީގެ ފަހުން ބައިވެރިނުވެވޭނެކަމަށް ނިންމާ ހަރުކަށި ފިޔަވަޅު އަޅާފައެވެ.
ވީއޭއެމްގެ އަހަރީ އާންމު ޖަލްސާގެ އޮބްޒާވަރުންގެ ގޮތުގައި ކޮމިޝަނަރ އޮފް ސްޕޯޓްސް، ކުޅިވަރާއި ބެހޭ ގައުމީ މަޖްލިސް އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ މެންބަރުން ބައިވެރިވެފަވެއެވެ.