ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން ގައުމީ އަންހެން ވޮލީ ޓީމުގެ ކުރީގެ ހެޑް ކޯޗު ސޮފްވާން އަހުމަދުގެ މައްޗަށް ކުރެވިފައިވާ ތުމަތުތަކަށް ހަރުކަށި ފިޔަވަޅުތަކެއް އަޅައިފިއެވެ.
މިކަން ހާމަކޮށް ވީއޭއެމްއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ވީއޭއެމްގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަންވެސް ކުރަމުން ގެންދިޔަ ގައުމީ އަންހެން ވޮލީ ޓީމުގެ ކުރީގެ ހެޑް ކޯޗު ސޮފްވާން އަހުމަދުގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކުގެ މައްސަލަ އިދާރީގޮތުން ބަލާ ތައްޔާރުކޮށްފައިވާ "އެޑްހޮކް ކޮމިޝަނުގެ ރިޕޯޓް"ގައި ފާހަގަކޮށްފައިވާ ކަންކަމަށް ރިޢާޔަތްކޮށް އޭނާގެ މައްޗަށް ފިޔަވަޅުއަޅާފައެވެ.
އޭނާއާއި މެދު އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ވީއޭއެމްގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމުން ވަކިކުރުމާއިއެކު ކުރިއަށް އޮތް ފަސް އަހަރުދުވަހަށް އެއެސޯސިއޭޝަނުގެ އިންތިޚާބީ މަޤާމަކަށް ނުވަތަ އައްޔަންކުރާ މަޤާމަކަށް ސޮފްވާން ހަމަނުޖުއްސުމަށް ނިންމުން ހިމެނެއެވެ.
ވީއޭއެމްއިން ނެރެފައިވާ ބަޔާނުގައި ވާގޮތުން އެއެސޯސިއޭޝަނުގެ މެންބަރުންގެ ތެރޭގައި އެއްވެސް ކުލަބެއް ހިންގާ ކޮމިޓީއެއްގައި ސޮފްވާން ހިމެނިފައިވާނަމަ، އެކުލަބެއްގެ ހިންގާ ކޮމިޓީއިން އޭނާ ވަކިކުރުމަށް އެކުލަބުތަކަށް 60 ދުވަހުގެ މުއްދަތެއް މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ދޭގޮތަށްވަނީ ހަމަޖައްސާފައެވެ.
އަދި އެކުލަބެއްގެ ހިންގާ ކޮމިޓީއިން އޭނާ ވަކިކުރިކަން ބަޔާންކޮށް، ކޮމިޝަނަރ އޮފް ސްޕޯޓްސް އިން ދޫކޮށްފައިވާ ލިޔުން ވީއޭއެމްއަށް ހުށަހެޅުމަށްވަނީ ލާޒިމްކޮށްފައެވެ. އަދި ދީފައިވާ މުއްދަތުގައި އެކުލަބުތަކުން އެކަން ނުކޮށްފިނަމަ، އެކުލަބެއް ވީއޭއެމްގެ ދަފްތަރުން އުނިކުރާނެކަމަށްވެސް ވީއޭއެމްގެ ބަޔާނުގައިވަނީ އަންގާފައެވެ.
އަދި މިފަދަ ގޮތަކަށް އެއްވެސް ކުލަބެއް ވީއޭއެމްގެ ދަފްތަރުން އުނިވެއްޖެނަމަ، އަލުން އަނބުރާ ވީއޭއެމްގެ މެންބަރުކަން ލިބޭނީ ދެ އަހަރު ދުވަހުގެ މެދު ކެނޑުމަކަށްފަހުކަމަށް އެބަޔާނުގައި ހާމަކޮށްފައިވެއެވެ.
ވީއޭއެމްއިން އާންމުކުރި ނޫސްބަޔާނުގައި ބުނެފައިވާގޮތުން ސޮފްވާނާއި މެދު ވަރަށް ގިނަ މައްސަލަތަކެއް މީގެ ކުރިންވެސް ފާހަގަކުރެވިފައިވެއެވެ. އަދި އޭނާއާއި މެދު ކުރެވުނު ތުހުމަތުތަކާއި ގުޅިގެން މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ ތެރޭގައި މަގާމުގެ ޒިންމާތަކުން އޭނާ އެކަހެރިކޮށް ފިޔަވަޅުއަޅާފައިވީ ކަމަށްވިޔަސް، އޭނާވަނީ ސްކޫލްތަކާއި ކޮލެޖްތަކުގެ ޓީމުތަކަށް ކޯޗުކަންކޮށްދެމުން އައިސްފައެވެ.
އެހެންކަމުން އެކަން ހުއްޓުވުމުގެ ގޮތުން ސޮފްވާންގެ މައްޗަށް މުޅި އުމުރަށް، ވޮލީބޯޅައިގެ ހަރަކާތްތަކުގައި އެއްވެސް ހައިސިއްޔަތަކުން މީގެ ފަހުން ބައިވެރިނުވެވޭނެކަމަށް ވީއޭއެމްގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައިވާކަމަށް ވީއޭއެމްއިންވަނީ އަންގާފައެވެ.
ސޮފްވާން އަށް ގައުމީ އަންހެން ވޮލީ ޓީމުގެ ހެޑް ކޯޗުކަން ހަވާލުކޮށްފައިވަނީ 2024 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. އޭނާގެ މައްޗަށް ކުރެވެމުން ދިޔަ ތުހުމަތުތަކާއި ގުޅިގެން އޭނާ މަގާމުން އެކަހެރިކޮށްފައިވާއިރު، ގައުމީ އަންހެން ވޮލީ ޓީމާއި ހަވާލުވެ، އިރުޝާދުދީފައިވަނީ ކާމިޔާބު ވޮލީ ކޯޗު މުހައްމަދު ނަދީމްއެވެ.