ޚަބަރު

ރާއްޖެއަށް އަންނަ ޕްރައިވެޓް ޖެޓުގެ ޢަދަދު ދެގުނައަށް


  • ދެ ހަފުތާގެ ތެރޭގައި ރާއްޖެއަށް 128 ޖެޓު ވަނީ އައިސްފައި

ރާއްޖެއަށް އައި ޕްރައިވެޓް ޖެޓުތަކުގެ އަދަދު ފާއިތުވި ދެ ހަފުތާ ތެރޭގައި ދެގުނައަށްވުރެ އިތުރުވެފައިވާކަމަށް ރިޕޯޓުތަކުން ދައްކައިފިއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ، އެމްއޭސީއެލްއިން ހިއްސާކުރެއްވި މައުލޫމާތުން ދައްކާގޮތުގައި މިދިޔަ މަހުގެ 28ވަނަ ދުވަހުން ފެށިގެން މި މަހުގެ 14ވަނަ ދުވަހާ ހަމައަށް ރާއްޖެއަށް 128 ޕްރައިވެޓް ޖެޓު ވަނީ ދަތުރުކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު %166 ގެ ކުރިއެރުމެކެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް އައީ އެންމެ 70 ޕްރައިވެޓް ޖެޓެވެ.

މިދިޔަ އަހަރުގެ މާރިޗު މަހުގެ ފުރަތަމަ ދެ ހަފުތާ ތެރޭގައި އެވްރެޖުކޮށް ރާއްޖެއަށް އައިސްފައިވަނީ ދުވާލަކު 5 ޖެޓެވެ. އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނައިންވެސް އައިސްފައިވަނީ 9 ޖެޓެވެ. މިއަދަދުތަކަށް ބަލާއިރު މިއަހަރު ބޮޑު ފަރަގެއް އަންނަނީ ފެންނަމުންނެވެ.

ރާއްޖެއަށް އަންނަ ޖެޓުތަކުގެ މައުލޫމާތުތަކުން ދައްކާގޮތުގައި އެވްރެޖުކޮށް މި ފާއިތުވެދިޔަ ދެ ހަފުތާގެ ތެރޭގައި ރާއްޖެއަށް ދުވާލަކު 12އަށްވުރެ ގިނަ ޖެޓު އާދެއެވެ. އެގޮތުން، އެއް ދުވަހެއްގެ ތެރޭގައި 18 ޖެޓުވެސް ރާއްޖެއަށް ވަނީ އައިސްފައެވެ. އެއީ މި މަހުގެ 3ވަނަ ދުވަހުއެވެ.

ރާއްޖެއަށް އަންނަ ޕްރައިވެޓް ޖެޓުތަކުގެ އަދަދު ބޮޑުތަނުން އިތުރުވެފައިވަނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ކަމަށް މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް، މަޓާޓޯއިން ފާހަގަކުރައްވައެވެ. އެ އެސޯސިއޭޝަނުން ވިދާޅުވިގޮތުގައި މިބަދަލު ފެނިފައިވަނީ އެ ސަރަހައްދުގެ ގިނަ ފްލައިޓުތަކެއް ކެންސަލް ކުރަންޖެހުމުންނެވެ.

މެދުއިރުމައްޗަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިން ޓްރާންސިޓްވާ ސަރަހައްދެކެވެ. އެ ސަރަހައްދުން ރާއްޖެއަށް ގިނަ އަދަދެއްގެ އެއާލައިންތަކުން ދަތުރުކުރެއެވެ. ނަމަވެސް ހަމަނުޖެހުންތަކާ ގުޅިގެން ފްލައިޓުތައް ކެންސަލް ކުރުމުން ރާއްޖެއަށް އަންނަން ބޭނުންވާ ގިނަ އަދަދެއްގެ ފަތުރުވެރިން ޕްރައިވެޓް ޖެޓުތަކުގައި އަންނަނީ ރާއްޖެއަށް ޒިޔާރަތްކުރަމުންނެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ޖަމްޢިއްޔާތަކުން ގަބޫލުކުރާގޮތުގައި މެދުއިރުމަތީގެ ހަމަނުޖެހުންތަކާއެކުވެސް ރާއްޖެއަށް ފަތުރުވެރިންގެ މެދުގައި އޮތް ޑިމާންޑަކަށް ބަދަލެއް ނާދެއެވެ.