ރާއްޖޭގައި މިހާރު ކުރިއަރަމުން އަންނަ އީ-ސްޕޯޓްސްގެ ސަބަބުން މުޖުތަމަޢަށްވެސް ގިނަ ފައިދާތަކެއް ކުރާކަމަށާއި މިކުޅިވަރު ކުރިއެރުވުމަށް ސަރުކާރުގެ ޚާއްސަ އެހީތެރިކަން އަބަދުވެސް ލިބެމުންދާނެކަމަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވަޒިރު ވިދާޅުވީ އީ-ސްޕޯޓްސްއޭ ބުނުމުން ގިނަފަހަރަށް މީހުންނަށް މާނަކުރެވޭ ގޮތް ތަފާތުކަމަށެވެ. ގިނަ މީހުންނަށް ހީވެފައި އޮންނަގޮތުން އެއީ ހަމައެކަނި ޓީވީއެއްގެ ކުރިމަތީގައި އިނދެ ކުޅެލާ ކުޅިވަރެއްގޮތުގައިކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެން ނަމަވެސް މިކުޅިވަރުގެ ސަބަބުން ގިނަ ފައިދާތަކެއް ލިބިގެންދާކަމަށް ވަޒީރު ވިދާޅުވިއެވެ. ރާއްޖޭގައި ހަލުވިކަމާއިއެކު ކުރިއަރަމުން އަންނަ އީ-ސްޕޯޓްސްއާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ މިކުޅިވަރަކީވެސް ޕްރޮފެޝަނަލް ލެވެލްގައި ކުޅެ، ގައުމަށް ރީތި ނަން ހޯދައިދެވިދާނެ ކުޅިވަރެއްކަމަށެވެ.
"ވަރަށް ގިނަ މީހުން އީ-ސްޕޯޓްސްއޭ ބުނީމަ، ގިނަ ފަހަރަށް ސިކުނޑީގެ މިހުންނަނީ ހަމަ ޓީވީ ކުރިމަތީ އިނދެގެން ޓީވީގައި ގޭމް ކުޅުނީމަ އެނިމުނީއޭ. އެހެނެއްނޫން" ވަޒީރު ވިދާޅުވިއެވެ.
އީ-ސްޕޯޓްސްގައި ހަރަކާތްތެރިވާ ކުދިންނަށްވެސް ފިޒިކަލް ހަރަކާތްތަކުގައި ބައިވެރިވާން ޖެހޭކަމަށް ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ގޭމިންގެ ތެރޭގައި އުޅޭ ކުދިންނަށްވެސް، އެކުދިންގެ ސްޓެމިނާއާއި ސްޓްރެންތާއި ކޮންސެންޓްރޭޓްރޭޝަންގެ އިތުރުން ކްރިޓިކަލް ތިންކިން ގެންގުޅޭގެ ގޮތްތައް ތަރައްގީވެ ފިޒިކަލް ހަރަކާތްތައް މުހިންމު ދައުރެއް އަދާކުރާކަމަށެވެ.
"ޕްރޮފެޝަނަލްކޮށް މިކަންކުރީމަ މިވާގޮތަކީ އީ-ސްޕޯޓްސް ކުޅެ ކުދިންވެސް ފިޒިކަލް އެކްޓިވިޓީގައި އެބަ ބައިވެރިވާންޖެހޭ. އެއީ އެކުދިންނަށް، އެކުދިންގެ ސްޓެމިނާއާއި އެކުދިންގެ ސްޓްރެންތާއި ކޮންސެންޓްރޭޓްކުރަންޖެހޭ ގޮތާއި އަދި ކްރިޓިކަލް ތިންކިން ގެންގުޅޭގެ ގޮތްތައް އެކުދިންނަށް އިތުރަށް ބިލްޑްވެގެން މިދަނީ މިއާއި އެކު ފިޒިކަލް އެކްޓިވިޓީސް އެކުދިންނަށް އެންކަރޭޖްކުރެވިގެން" ވަޒީރު ވިދާޅުވިއެވެ.
އީ-ސްޕޯޓްސްގެ އެކިއެކި މުބާރާތްތައް އާންމު ފަރާތްތަކުން އިސްނަގައިގެން ބާއްވަމުން އަންނައިރު އެކަމަށް ސަރުކާރުގެ ފަރާތުން ބޭނުންވާ އެންމެހާ އެހީތެރިކަން ދެއްވާނެކަމަށް ވަޒީރު ހާމަކުރެއްވިއެވެ. މިފަދަ މުބާރާތްތަކުގައި ކުދިން ޝާމިލްކުރުމުން އެއީ މުޅި މުތުތަމަޢަށް ފައިދާތަކެއް ކުރާނެކަމެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އީ-ސްޕޯޓްގެ ސަބަބުން ކަމެއް ނެތި އުޅޭ ޒުވާނުންނަށް ހުސްވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފި، ކޮންސެންޓްރޭޝަން އާއި ކްރިޓިކަލް ތިންކިންއަށް ލޯ ހުޅުވިގެންދާކަމަށް ގަބޫލުކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ.
"މިކަން ޕްރޮމޯޓްކުރީމަ އެކްޓިވިޓީސްތަކުގައި ކުދިން ޝާމިލްކުރެވޭނެ. އެކަމުގެ ސަބަބުން ލިބޭ ފައިދާ ސޮސައިޓީއަށް ވަރަށް ބޮޑުވެގެންދާނެ" އާންމު ފަރާތްތަކުން އިސްނަގައިގެން ބާއްވަމުންދާ މުބާރާތްތަކާއި ގުޅޭގޮތުން ވަޒީރު ވިދާޅުވެފަވެއެވެ.
ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އީ-ސްޕޯޓްސް ކުރިއެރުވުމަކީ ސަރުކާރުގެ ލަނޑުދަނޑިއަކަށްވާއިރު، އެފަދަ އީ-ސްޕޯޓްސް ސެންޓަރަކާއި އާކޭޑެއްގެ އިތުރުން ކުޑަކުދިންނަށް ޚާއްސަކޮށްގެން ތަރައްޤީކުރާ އެކްޓިވިޓީސް ކޮމްޕްލެކްސްއެއްގެ މަސައްކަތް މިއަހަރުގެ އޭޕްރިލްމަހުގެ ތެރޭގައި މާލޭގައި ފަށަން ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުޢިއްޒުވަނީ މިއަހަރުގެ ރިޔާސީ ބަޔާނުގައި ހާމަކުރައްވާފައެވެ. އެސެންޓަރު ހެދުމަށް ބޭނުންވާ ބަޖެޓް ހަމަޖެހި، އެމަސައްކަތް އެސްއޯއީއަކާ މިހާރު ހަވާލުކުރެވިފައިވާކަމަށްވެސް ވަޒީރުގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ.
"އީ ގޭމްސް ސެންޓަރއަކީ ރައީސްގެ ވައުދުފުޅެއް. އަދި އެވައުދުފުޅާއި އެއްގޮތަށް މިހާރު އެވަނީ ބަޖެޓް އެލޮކޭޓްކުރެވި، އެސްއޯއީއަކާއި ހަވާލުކުރެވިފަ. އަޅުގަނޑު ދެކޭގޮތުގައި މިއަހަރުގެ ތެރޭގައި އެމަސައްކަތް ކުރިއަށްގޮސް ނިންމާލެވޭނެ" ވަޒީރު ވިދާޅުވިއެވެ.
އީ-ސްޕޯޓްސް ކުރިއެރުވުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވަމުން އަންނައިރު، މިކުޅިވަރު ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ކުޅިވަރު ވުޒާރާއިން އަބަދުވެސް ދެމުން ގެންދާނެކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ. އީ-ސްޕޯޓްސްގެ ސަބަބުން މުޅި ރާއްޖެ ޝާމިލްވާނެހެން، އަދުގެ ޒުވާން ޖީލަށް އެކުދިންގެ ހުނަރުވެރިކަން ދައްކާލެވޭކަމަށް ވަޒީރު ގަބޫލުކުރައްވައެވެ.
"މީގެ އިތުރުންވެސް މިނިސްޓްރީގެ ފަރާތުން އީ-ސްޕޯޓްސްއަށް ދޭ ޚާއްސަ އެހީތެރިކަން މިހާރުވެސް ދެމުން މިދަނީ. އެކިއެކި ޓޯނަމަންޓުތަކުގައި ބައިވެރިވުމަށްޓަކައި. އެހެންވީމަ އަޅުގަނޑު ދެކޭގޮތުގައި މިއީ އަޅުގަނޑުމެންގެ މިއޮތް ޔަންގު ޖެނެރޭޝަންއަށް އެކުދިންގެ ޓެލެންޓު މުޅި ރާއްޖެ ޝާމިލްވާނެހެން ޕްރޮޑަކްޓިވްގޮތެއްގައި ދައްކާލެވޭ މުބާރާތްތަކުން" ވަޒީރު ވިދާޅުވިއެވެ.
ކުޅިވަރާއި ގުޅުންހުރި ގިނަ މަޝްރޫއުތަކެއްގެ މަސައްކަތް ސަރުކާރުން މިހާރުވެސްވަނީ ފައްޓަވާފައެވެ. ސަރުކާރުން ގާއިމުކުރަމުންދާ ކުޅިވަރާއި ގުޅުންހުރި ވަސީލަތްތަކުގެ ސަބަބުން ދޭދޭ ފަރުދުންގެ މެދުގައި އޮންނަ އިޖުތިމާއީ ގުޅުންތައް ވަރުގަދަވެ ނަފްސާނީގޮތުން ދުޅަހެޔޮ ބަޔަކަށް ވުމަކީ ސަރުކާރުގެ ދިގު ރާސްތާ ޕްލޭނެކަށްވާއިރު ހަށިހެޔޮ ދުޅަހެޔޮ ގައުމަކަށް ރާއްޖޭގެ އާބާދީވެގެން ދިއުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ.