ޚަބަރު

މައްކާއަށް އައުމަށް ނަސީމާ ދުށް ހުވަފެން ޙަޤީޤަތަކަށްވީ ޢުމުރުން ދުވަސްވީފަހުން


  • މިއީ ނަސީމާގެ ފުރަތަމަ ޢުމްރާ

  • ޙައްޖަށް ދިޔުމަށް މިހާރު މާބޮޑަށް ޝައުޤުވެރިވޭ

މިއަހަރުގެ ރަމަޟާން މަހުގެ ޢުމްރާ ދަތުރުގައި ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ޢުމްރާއަށް އައި ދުވަސްވީ މީހުންގެ ނިސްބަތް ގިނަކަން ފާހަގަކުރެވެއެވެ. އޭގެތެރެއިން އެކަކީ ގދ. ގައްދޫއަށް އުފަން ނަސީމާ އަޙްމަދެވެ. މިއީ، އޭނާ މައްކާއަށް ކުރި ފުރަތަމަ ދަތުރެވެ.

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައި ނަސީމާގެ ޢުމުރަކީ 84 އަހަރު ކަމަށް ޖަހާފައި އޮތްނަމަވެސް އެއީ ސީދާ ޢުމުރުކަމަށް ނަސީމާ އަޙްމަދު ޤަބޫލެއް ނުކުރެއެވެ. މިވޭތުވެދިޔަ 80 އަށްވުރެ ގިނަ އަހަރުގައި އެންމެ ބޮޑު އުއްމީދެއް ކުރެވުނީ މައްކާގެ މާތް ބިމަށް އައުމަށެވެ. ހުވަފެން ޙަގީގަތަކަށްވީ ޢުމުރުން ދުވަސްވީ ފަހުންނެވެ. ސަބަބުތައް ބައިވަރެވެ.

3 ކުދިން ލިބުނުތާ މާގިނަ އަހަރުތަކެއްނުވެ ފިރި މީހާ ނިޔާވުން ވީ، ނަސީމާ އަޙްމަދުގެ ކޮނޑުގައި އެދަރިންގެ ހުރިހާ ޒިންމާއެއް އެޅިގެން ދިޔަ ކަމަކަށެވެ. އެހެންކަމުން ދުނިޔޭގެ ހުރިހާ އުފަލެއް ޤުރުބާންކޮށް ދަރިންނަށް ރަނގަޅު ތަރުބިއްޔަތެއް ދެވޭތޯ މަސައްކަތް ފެށިއެވެ. އޭގެ ނަތީޖާ ފޮނިކަމަށް ނަސީމާ ދެކެނީ، ހެޔޮލަފާ ޚުލްޤު ހެޔޮ ދަރިންތަކެއް ބޮޑެތިވުމުންނެވެ. ދަރިންނަށް ރަނގަޅު ތަރުބިއްޔަތެއް ދީ ބޮޑުކުރެވޭތޯ ނަސީމާވަނީ އެކި ގޮތްގޮތުން މަސައްކަތް ކޮށްފައެވެ. ދަނޑުވެރިކަމާއި، ފަންގިވިޔުމާއި، ރޯނު ވެށުމާއި، ކުނާވިޔުން ފަދަ ކަންކަން ކުރިއެވެ.

ރަށުގެ އެކުވެރިންނާއި ދަންނަ މީހުން ޙައްޖު ޢުމްރާއަށް ދާތަން ފެނުމުން ވަރަށް ދާހިތްވެއެވެ. ދިޔުމުގެ ފުރުޞަތު ނެތުމުން ދެރަވެސްވެއެވެ. އެހެންނަމަވެސް ޙާލަތު ހުރިގޮތުން އޭރު ދެވެން ނެތީއެވެ.

"ބޭނުންވި ވަރަށް ދާން. އެކަމަކު ލާރި ހުރިއްޔާއެއްނު ދެވޭނީ ދޯ. އާދެވޭ ގޮތެއް ވެއްޖިއްޔާ ވަރަށް ބޭނުން ޙައްޖަށް އަންނަން. މިވަރުވާ ނަމަވެސް އަންނާނަން." ނަސީމާ ވަރަށް އަސަރާއެކު ބުންޏެވެ.

ނަސީމާއަށް ޢުމްރާގެ މަތިވެރި އަޅުކަމަށް މިއަދު އާދެވުނީ ލޯބިވާ މާމަ ދަރިއެއްގެ ސަބަބުންނެވެ. ރަސޫލުﷲގެފާނުގެ ބިމަށް އާދެވުމުން އިތުރަށް މި ބިމަށް އައުމަށް ޝައުޤުވެރި ވެއްޖެއެވެ. އަދި ދުޢާ ކުރެވެނީ، ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުޞަތު ލިބިގެން ދިޔުމަށެވެ.

މައްކާގެ ބިމަށް އައުމުން ކުރެވޭ އިޙްސާސް ދުލުން ބުނެދޭންވެސް ނޭނގޭ ކަމަށް ނަސީމާ ބުންޏެވެ. އެއީ މާލީ ފުދުންތެރިކަން ހުރިގޮތާއި، ދަރިންގެ ޒިންމާގެ ސަބަބުން އާދެވިދާނެ ކަމަށް ދުވަހަކުވެސް އުއްމީދުވެސް ކުރަން ނެނގިފައި ހުއްޓަ ލިބުނު ދަތުރެކެވެ.

ޢުމުރުން ދުވަސްވެ މިއަދު ގައި ބާރު ދެރަވެފައި ހުރިނަމަވެސް ޢުމްރާ ދަތުރުގައި ނަސީމާވަނީ، ޠަވާފް ކުރުމާއި ސަޢުޔު ކުރުމާއި، މައްކާ މަދީނާގެ ދަތުރުގައި ވަރަށް ޙަރަކާތްތެރިކޮށް ބައިވެރިވެފައެވެ.