ޚަބަރު

އަމިއްލަ އުފެއްދުންތަކާއެކު ދުނިޔޭގެ އަސްކަރީ ބާރަކަށްވާން އިންޑިޔާއިން ކުރާ ދަތުރު


ދުނިޔޭގެ މަސްރަޙަށް ބަލާލާއިރު ކޮންމެ ޤައުމަކުންވެސް އެކުވެރި ޤައުމުތަކާ އޮންނަ ގުޅުން ބަދަހިކުރުމުގެ އިތުރުން އަމިއްލަ ޤައުމުގެ އަސްކަރިއްޔާ ހަރުދަނާ ކުރަން މަސައްކަތް ކުރަންޖެހޭކަން ފާހަގަކުރެވެއެވެ. ދުޝްމަނުންގެ ފަރާތުން ކުރިމަތިކޮށްފާނެ ކޮންމެ ޙަމަލާއަކަށްވެސް މިއަދު ޤައުމުތައް ތައްޔާރުވެފައި އޮތުމަކީ މުހިންމު ކަމެކެވެ. މި މަސައްކަތުގައި އެކި ޤައުމުތަކުން އެކި އުކުޅުތައް ބޭނުންކުރާއިރު، އަމިއްލަ އަސްކަރީ އުޅަނދުތަކާއި ހަތިޔާރުތައް އުފެއްދުމުގެ ޤާބިލުކަން އިތުރު ކުރުމަށް އަވަށްޓެރި އިންޑިޔާއިން އަޅަމުންދާ މުހިންމު ފިޔަވަޅުތައް ފާހަގަކޮށްލެވެއެވެ.

މިހާތާނަށް ބަލާއިރު އަސްކަރީ އުޅަނދުތަކާއި ހަތިޔާރުތައް ހޯދުމަށް އިންޑިޔާއިން ވަނީ ރަޙުމަތްތެރި ޤައުމުތަކަށް ބަރޯސާވެފައެވެ. އެ ޤައުމަކީ، ދުނިޔޭގެ އެންމެ ބޮޑު އެއް އަސްކަރިއްޔާ އޮތް ޤައުމަށްވާއިރު އިންޑިޔާއިން އަމާޒު ހިފާފައިވަނީ ސަރަހައްދީ ބާރެއްގެ އިތުރުން ދުނިޔޭގެ ބާރަކަށް ވުމަށެވެ. މި އަމާޒަށް ވާސިލުވުމަށް އެ ޤައުމުގެ ސަރުކާރުގެ އިސްނެގުމެއް ކަމަށްވާ "އާތުމަނިރުބަރު ބާރަތު" އަކީ މުހިންމު އިސްނެގުމެކެވެ. މި އިސްނެގުމުގެ ދަށުން މިއަދު އެ ޤައުމުގެ އަސްކަރިއްޔާއަށް ބޭނުންވާ އުޅަނދުތަކާއި ހަތިޔާރުތައް އެހެން ޤައުމަކަށް ބަރޯސާނުވެ އަމިއްލަ ޤައުމުގައި އުފެއްދުމުގެ ޤާބިލުކަން ދަނީ އިތުރު ކުރަމުންނެވެ.

މިއަދު އިންޑިޔާއަކީ، ވައިގެ މަގުންނާއި އެއްގަމު މަގުގެ އިތުރުން ކަނޑުމަގުންވެސް ވަރުގަދަ ލަޝްކަރެއް އޮތް ޤައުމެކެވެ. އަސްކަރީ އުޅަނދުތަކާއި ހަތިޔާރު އުފެއްދުމުގައި ތަފާތު ކުރުމެއްނެތި އެ ޤައުމުން ދަނީ ހުރިހާ ދިމާލަކުންވެސް ޤައުމަށް އަތުވެދާނެ ޙަމަލާއަކަށް ތައްޔާރުވަމުންނެވެ.

އިންޑީޔާގެ ނޭވީ ޝިޕް "ވިކްރާންތު" އަކީ، އަސްކަރީ އުޅަނދުތައް އުފެއްދުމުގައި އަމިއްލަ ފައިމައްޗަށް ތެދުވުމަށް އެ ޤައުމުން ކުރަމުން އަންނަ މަސައްކަތުގެ ފުރިހަމަ ނަމޫނާއެކެވެ. މިއީ، އެ ޤައުމުގައި އުފެއްދި ފުރަތަމަ އެއަރ ކްރާފްޓް ކެރިއަރއެވެ. 2 ސެޕްޓެމްބަރ 2022ގައި ކޮމިޝަން ކުރެވި އިންޑިޔާގެ ނޭވީގައި މިހާރު ބޭނުންކުރަމުން އަންނަ މި އުޅަނދަކީ، އެއަރ ކްރާފްޓްތައް ކަނޑުމަތީގައި ޖައްސައި, އެ އުޅަނދުތައް އުދުއްސާލެވޭ ގޮތަށް ފަރުމާކޮށްފައިވާ އުޅަނދެކެވެ. މިއީ، ޙަމަލާތައް ހުއްޓުވައި ރައްދުގައި ޙަމަލާ ދިނުމުގެ ޤާބިލުކަންވެސް ލިބިފައިވާ އުޅަނދެކެވެ.

ވިކްރާންތުގައި އެއަރ ކްރާފްޓުތައް މަރާމާތު ކުރުމަށް ޚާއްސަ ހޭންގަރެއް ހުންނައިރު، އެއްފަހަރާ 18 އެއަރ ކްރާފްޓަށް ޚިދުމަތް ދެވޭނެ ޤާބިލުކަން އެބަހުއްޓެވެ. މި އުޅަނދުގައި ބޭނުންކުރާ ސާމާނުތަކުގެ ތެރެއިން ގިނަ ސާމާނުތަކަކީ އިންޑިޔާގެ އަމިއްލަ އުފެއްދުންތަކެވެ. މި އުޅަނދާއެކު އިންޑިޔާވަނީ، އަމިއްލަ އެއަރ ކްރާފްޓް ކެރިއަރއެއް ޚިދުމަތަށް ނެރުނު ދުނިޔޭގެ މަދު ޤައުމުތަކުގެ ތެރޭގައި ހިމެނިފައެވެ.

އިންޑިޔާގެ މި މަސައްކަތުގެ ކާމިޔާބީގެ ތެރޭގައި އެ ޤައުމުގެ އެއަރފޯސްއިން ބޭނުން ކުރަމުން އަންނަ "ހަލް ތޭޖަސް" އަކީވެސް މުހިންމު ދައުރެއް އަދާކުރާ އުޅަނދެކެވެ. ތޭޖަސްއާއެކު އިންޑިޔާއިން ވަނީ، ކާމިޔާބުކަމާއެކު އަމިއްލަ ފައިޓަރ ޖެޓު އުފައްދާ މަދު ޤައުމުތަކުގެ ތެރެއިން އެއް ޤައުމަށްވެފައެވެ. މިއީ އެހެން ފައިޓަރ ޖެޓުތަކާ އަޅާބަލާއިރު ލުއި އެހެންނަމަވެސް ބާރުގަދަ އުޅަނދެކެވެ.

ތޭޖަސްގެ ބޭނުން "އެއަރ ޓު އެއަރ ކޮމްބެޓް" ތަކާއި، ގްރައުންޑް އެޓޭކުތަކާއި، ކަނޑުމަތީގެ ޙަމަލާތަކުގައިވެސް ބޭނުން ކުރެވޭނެއެވެ. މި އުޅަނދު ތައްޔާރުކޮށްފައިވަނީ، ޕައިލެޓަށް ފަސޭހަކަމާއެކު އުޅަނދު ކޮންޓްރޯލް ކުރެވޭ ގޮތަށް, ކޮންމެ މޫސުމެއްގައިވެސް އޮޕަރޭޓް ކުރެވޭ ގޮތަށެވެ.

އިންޑިޔާއިން ދަނީ، ކަނޑާއި ވައިގެ އިތުރުން އެއްގަމު އުޅަނދުތައް އުފެއްދުމުގެ ޤާބިލުކަން އިތުރު ކުރުމަށްވެސް މަސައްކަތް ކުރަމުންނެވެ. އިންޑިޔަން އާމީގެ "އަރުޖުން" ޓޭންކަކީ، މި މަސައްކަތުގެ ކާމިޔާބީއެކެވެ. މި ޓޭންކަކީ ކޮންމެ ވެއްޓަކާވެސް ގުޅޭ ގޮތަށް, ދުރުގައި ހުންނަ ޓާގެޓުތަކަށް ޙަމަލާދިނުމުގެ ބާރު ލިބިފައިވާ ޓޭންކެކެވެ. މި ޓޭންކުގައި ހިމެނޭ ތާމަލް އިމޭޖިންއާއި ސްޓޭބަލައިޒްޑް ގަން ސިސްޓަމްގެ ސަބަބުން ދުއްވަމުންދާއިރުވެސް ނިޝާނަށް ޙަމަލާ ފޮނުވާލުމުގެ ޤާބިލުކަން ލިބިފައިވެއެވެ.

މިއީ އިންޑިޔާގެ އަސްކަރިއްޔާގައި މިހާރު ބޭނުންކުރަމުން އަންނަ އެ ޤައުމުގައި އުފައްދާ މަދު މިސާލުތަކެކެވެ. މި އުޅަނދުތަކުގެ އިތުރުންވެސް ހެލިކޮޕްޓަރާއި ޑްރޯނާއި ހަމަލާދޭން ބޭނުންކުރާ އެކި އާލާތްތަކާއި ހަތިޔާރުތައް އެ ޤައުމުގެ ކުންފުނިތަކާ ގުޅިގެން މިއަދު އަމިއްލަ ފަސްގަނޑުގައި އިންޑިޔާއިން ދަނީ އުފައްދަމުންނެވެ.

އަމިއްލައަށް އަސްކަރީ އުޅަނދުތަކާއި ހަތިޔާރު އުފެއްދުމުން ޤައުމަށް ކުރިއެރުން

އަަސްކަރީ ޤާބިލުކަން އިތުރު ކުރުމަކީ، ޤައުމަށް އެކި ގޮތްގޮތުން ލިބިގެންދާނެ ކުރިއެރުމެކެވެ. ކޮންމެ ޤައުމަކީވެސް ތަފާތު އަސްކަރީ އުކުޅުތަކާއި ސިއްރުތައް ގެންގުޅޭ ޤައުމަކަށްވާއިރު، އެ ޤައުމަކަށް ބޭނުންވާ އުޅަނދުތައްވެސް ހުންނަން ޖެހެނީ އެކަންކަމަށް ފެތޭ ގޮތަށެވެ. ނަމަވެސް, އެހެން ޤައުމުތަކުން އުޅަނދުތައް އެތެރެ ކުރާނަމަ ޤައުމުގެ އަސްކަރިއްޔާއަށް ބޭނުންވާ ގޮތަށް އުޅަނދުތައް ބައްޓަން ކުރުމަށް ކޮންމެވެސް ވަރަކަށް ސިއްރު ޙިއްސާކުރަން މަޖުބޫރުވެއެވެ.

އިންޑީޔާގެ އަސްކަރިއްޔާއިން މައުލޫމާތު ދެއްވާ ގޮތުގައި އެ ޤައުމުން ބޭނުންވަނީ އަމިއްލަ ޤައުމުގެ ވެއްޓަށް ފެތޭ, އެ އަސްކަރިއްޔާގެ އުކުޅުތަކާ އެއްގޮތަށް މަސައްކަތް ކުރާނެ އުފެއްދުންތައް އަމިއްލަ ޤައުމުގައި އުފެއްދުމަށެވެ.

މީގެ އިތުރަށް އަމިއްލަ ޤައުމުގައި ތަކެތި އުފައްދާނަމަ ޤައުމަށް އިޤްތިސާދީގޮތުންވެސް އެތައް ގޮތަކުން ފައިދާވެއެވެ. އިންޑިޔާ އަސްކަރިއްޔާއަށް އަމިއްލަ އުޅަނދުތަކާއި، ހަތިޔާރު އުފެއްދުމުގައި ސަރުކާރުގެ ކުންފުނިތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކުންވެސް އެހީތެރިކަން ފޯރުކޮށްދެއެވެ. މީގެ ސަބަބުން ޤައުމުގެ ޕްރައިވެޓް ސެކްޓަރ ކުރިއަރައި, އިންސާނީ ޤާބިލުކަންވެސް އެތައް ގޮތަކުން ކުރިއަރައިގެންދެއެވެ.

އަމިއްލަ ޤައުމުގައި މިފަދަ ތަކެތި އުފައްދަމުން އިންޑިޔާއިން ދަނީ ބޮޑެތި އެހެން ޤައުމުތަކަށް މެސެޖެއް ފޯރުކޮށްދެމުންނެވެ. އެއީ، ދުނިޔޭގެ އެންމެ ވަރުގަދަ އަސްކަރިއްޔާތަކާ އެ ޤައުމުވެސް އެއް ހަމަކުރަމުންދާ ކަމުގެ މެސެޖެވެ. އެ ޤައުމަކީވެސް އާބާދީ ބޮޑު އަދި އަސްކަރިއްޔާ ބޮޑު ޤައުމުތަކާ އެއްގޮތަށް ޤައުމު ދިފާއު ކުރުމުގައި އަމިއްލަ ފައިމައްޗަށް ތެދުވެގެން ތިބި ބައެއްކަން ދަނީ ހާމަކޮށްދެމުންނެވެ. މީގެން ކޮންމެ އެއްޗަކީވެސް އިންޑިޔާގެ ފަޚުރުގެ ގޮތުގައި ދެކޭ އެއްޗެކެވެ.

އިންޑިޔާއިން "އާތުމަ ނިރުބަރު" ނުވަތަ އެއްވެސް ކަމެއްގައި އެއްވެސް އިތުރު ބަޔަކަށް ބަރޯސާނުވެ, އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ޤާބިލުކަން ލިބިފައިވާ ޤައުމަކަށް ވުމަށްޓަކައި އެ ޤައުމުން ގެންގުޅޭ ތަސައްވުރު އެ ޤައުމުގެ ސަރުކާރުގެ ތާވަލާ އެއްގޮތަށް 2047އާ ހަމައަށް ކާމިޔާބުވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދިފާޢީ ދާއިރާއިން ދެއެވެ.