މިއަހަރުގެ ފުރަތަމަ ދެ މަހުވެސް އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ދައުލަތަށް 600 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު އިތުރު އަދަދެކެވެ.
މާލީ ވުޒާރާއިން އެންމެ ފަހުން އާންމުކޮށްފައިވާ "ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް" ރިޕޯޓުން ދައްކާގޮތުގައި އަހަރުގެ ފުރަތަމަ ދެ މަސްދުވަހު ޑިޕާޗަރ ޓެކުހުގެ ގޮތުގައި 331.4 މިލިޔަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޑިޕާޗަރ ޓެކުހުގެ ގޮތުގައި ލިބުނު 280.5 މިލިޔަން ރުފިޔާއާއި އަޅާބަލާއިރު %18 އިތުރު އަދަދެކެވެ.
ޑިޕާޗަރ ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެފައިވާއިރު، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބުނު އާމްދަނީވެސް މި މުއްދަތުގެ ތެރޭގައި ވަނީ އިތުރުވެފައެވެ. މިިި އަހަރުގެ ފުރަތަމަ ދެ މަހު އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 317.7 މިލިޔަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 279.3 މިލިޔަން ރުފިޔާއެވެ. މިއީ %13.7 އިތުރު އަދަދެކެވެ.
މިއާއެކު، އެއާޕޯޓް ޑިވެލޮޕްމަންޓް ޕީއާއި ޑިޕާޗަރ ޓެކުހުގެ ގޮތުގައި މިއަހަރުގެ ފުރަތަމަ ދެ މަހު ދައުލަތަށް ލިބިފައިވަނީ 649.1 މިލިޔަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 559.8 މިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު %15.9 އިތުރު އަދަދެކެވެ.
ޑިޕާޗަރ ޓެކްސް ނަގަން ފަށާފައި ވަނީ 2022 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. އެއާޕޯޓް ޑިވެލޮޕްމަންޓް ފީއަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ރާއްޖެއިން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން ނެގޭ ފީއެކެވެ. އަދި މި ފީ ނަގަން ފަށާފައިވަނީ 2017ވަނަ އަހަރުގެ މޭ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.
ޑިޕާޗަރ ޓެކުހުން އިސްތިސްނާވާ ފަރާތްތަކުގެ ތެރޭގައި ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި ޓްރާންސިޓް ފަސިންޖަރުންނާއި، އުމުރުން ދެ އަހަރު ފުރިހަމަނުވާ ކުޑަކުދިން ހިމެނެއެވެ. އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީއިން އިސްތިސްނާވާ ފަރާތްތަކުގެ ތެރޭގައި ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި، ޓްރާންސިޓް ފަސިންޖަރުންގެ ތެރެއިން "ޑައިރެކްޓް ޓްރާންސިޓް" ފަސިންޖަރުން ހިމެނެއެވެ.