ޚަބަރު

މައްކާއިން އަބަދުވެސް އިވެނީ ﷲ އަށް އެއްކައުވަންތަކުރުމުގެ ކަލިމަތަށް


  • މައްކާއިން މިއަދު ފެންނަ ތަނަވަސްކަމާއި ބައިބޯކަމަކީ އިބްރާހީމްގެފާނު ﷲއަށް ކުރެއްވި ދުޢާ

  • މައްކާގެ ބިމަކީ ޤުރުބާނީގެ ބިން

  • ޙައްޤާއި ބާޠިލު ވަކިކުރުމަށް މާތްﷲ، ޢާލަމްތަކުގެ މާތް ސާޙިބާ ފޮނުއްވީ މައްކާގެ ބިމުން

ޙިޖްރީގޮތުން މީގެ 1447 އަހަރު ކުރިން ޖާހިލިއްޔައިގެ ތެރެއަށް އިންސާނިއްޔަތު ޣަރަޤުވެފައިވަނިކޮށް، މާތްﷲ ޙައްގު ގޮތުގައި މާތްﷲ އެއްކައުވަންތަކޮށް އިސްލާމްދީން ފާޅުކުރެއްވީ މައްކާގެ ރަށްބޭރުންނެވެ.

ކީރިތި ރަސޫލާ މުޙައްމަދުން ޞައްލައްﷲ ޢަލައިހިވަޞައްލަމް ޘައުރުފަރުބަދައިގެ ހޮހޮޅައިގައި ހުންނަވަނިކޮށް މާތްﷲގެ އުޑުގެ އަމީނު ފޮނުއްވެވީ އެއިހާލުގެ ވަޙީއާއިގެންނެވެ. މިއީ މައްކާގެ މާތް ބިމެވެ.

މާތްﷲ އިންސާނުން އުފެއްދެވީއްސުރެ ދުނިޔެ ޤިޔާމަތްވުމަށްދަންދެން މުސްލިމުންގެ ހިތްތަކުގައި ޚާއްސަ ޤަދަރެއް ދެވިގެންދާ 3 މުޤައްދަސް ބިނާވެއެވެ. އެފަދަ މުޤައްދަސް ތިން ބިމެއް ވެއެވެ. އެއީ ކީރިތި ރަސޫލާ(ޞ.ޢ.ވ) އުފަންވެވަޑައިގެންނެވި އުއްމުލްޤުރާ ނުވަތަ މައްކާގެ މާތް ބިމާއި، އިސްލާޙީ ޙަޟާރަތު އަދި އިސްލާމީ ދައުލަތުގެ ބިންގާ ކަމުގައިވާ މަދީނަތުލް މުކައްރަމާއާއި މުސްލިމުންގެ އެންމެ ފުރަތަމަ ޤިބްލަ ކަމުގައިވާ މަސްޖިދުލް އަޤްޞާ ހިމެނޭ އެތައް ރަސޫލު ބޭކަލަކު އެބިމަކަށް ވަޑައިގެންނެވި ފަލަސްޠީނުގެ މާތް ބިމެވެ.

މީގެތެރެއިން ބިންތަކުގެ މަންމަ، އުއްމުލްޤުރާ ނުވަތަ މައްކާއަށް މުސްލިމުންގެ ހިތްތަކުގައި ޚާއްސަ ލޯތްބެއް ޖެހިފައިވެއެވެ. މިލޯބި ގުޅެނީ އިބްރާހީމްގެފާނާއި ހިސާބުންނެވެ.

ހަނަފަސް ސަހަރާއެއްގެ ގޮތުގައި އޮތް ބިމެއްގައި ޙާޖަރުގެފާނާއި އިސްމާޢީލްގެފާނަށް މާތްﷲ ދެއްކެވި ކަރާމާތުގެ ތެރެއިން މައިވަންތަކަމުގެ ލޯބިގެ މިސާލާއި، މާތްﷲއަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް އިތުބާރު ކުރި މަންމައެއްގެ ވާހަކަ ﷲ ތަޢާލާ މުސްލިމުންނަށް ގެނެސްދެއްވީ މައްކާގެ ބިމުންނެވެ.

އެއަށްފަހު އިބްރާހީމްގެފާނަށް އެކަލޭގެފާނު މުސްކުޅިފުޅުވީ ދުވަހު ދެއްވި ދަރިކަލުން މާތްﷲއަށްޓަކައި ޤުރުބާންކުރެއްވުމަށް އެންގެވި އެންގެވުމަށް ލޯބިވާ ދަރިކަލުން ޤުރުބާންކުރެއްވުމަށް އިބްރާހީމްގެފާނަށް ޖެހިވަޑައިގަތީ މިބިމުގައެވެ. އަދި ބައްޕާފުޅަށް ﷲގެ އެންގެވުމެއް އައުމާއެކު އެކަމަށް އެއްބާރުލުން ދެއްވުމަށް ތުއްޕުޅު އިސްމާޢީލްގެފާނު މޫނުފުޅު އަނބުރާލެއްވީ މި ބިމުގައިވާ ފަރުބަދަމަތީގައެވެ.

އޭގެފަހުން އަންނާނެ އެތައް ބިލިއަން މުސްލިމުންނެއް މާތްﷲ އެއްކައުވަންތަކޮށް އަޅުކަންކުރުމަށް އެނބުރޭނެ ޤިބުލައެއްކަމުގައި މާތްﷲ ލެއްވެވި މާތްވެގެންވާ ކަޢުބަތުﷲގެފުޅު ބިނާކުރެވުނީ މިބިމުގައެވެ. އޭގެފަހުން މިއުއްމަތުގެ މާތް ސާހިބާ، އުފަންވެވަޑައިގަތުމަށް މާތްﷲ ކަނޑައެޅުއްވީވެސް މައްކާގެ މާތް ބިމުގައެވެ.

އިސްލާމީ ތާރީޚުގެ މުހިއްމު އެތައް ޙާދިސާއެއް ހިނގީ މިފަސްގަނޑުގައެވެ. މިއަދު އިންސާނިއްޔަތު ދެކެމުންމިދާ އިންސާނީ ޙައްގުތަކާއި، އަންހެނުންގެ ޙައްގުތަކާއި، މަސައްކަތްތެރިންގެ ޙައްގުތަކާއި އެނޫންވެސް ހުރިހާކަމެއްގެ ފެށުމަކީ މިއެވެ. މިއަދު ނިދުމެއް ނެތް ސިޓީގެ ގޮތުގައި މަޝްހޫރު މައްކާއިން ފެނިގެންދަނީ އިބްރާހީމްގެފާނު މިބިން އަމާންކޮށްދެއްވާ ތަނަވަސްކޮށްދެއްވުމަށް ކުރެއްވި ދުޢާއެވެ. އެހެންކަމުން މިއީ މުސްލިމުންގެ ހިތްތަކުގައި އަބަދުވެސް ޚާއްސަ ޤަދަރެއް ދެވިގެންވާ ބިމެކެވެ.