ޚަބަރު

އެއްފަސްކުރުން: ޙާލަތު ބަދަލުކޮށްލާނެ ބޮޑު މަސައްކަތެއް!


  • އާބާދީއާއި ތަރައްޤީ އެއްފަސްކުރުމަށް 3 ރަށެއް ކަނޑައަޅާފަވޭ

  • 2 ރަށެއްގެ މީހުން ބަދަލުކުރުމަށް ގެދޮރު އެޅުމާ ގުޅޭ މަސައްކަތް ކުރިއަށް

އާބާދީ ކުދި ރަށްތަކުން ތަރައްޤީވެފައިވާ ރަށްތަކަށް މީހުން ބަދަލުކޮށް، އާބާދީއާއި ތަރައްޤީ އެއްފަސްކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.

މިއީ ވަސީލަތްތަކާއި ހަމަހަމަ ފުރުޞަތުތައް އޮތް ތަނަކުން ބޯހިޔާވަހިކަން ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ސިޔާސަތެކެވެ.

ހިޖުރަކުރުމުގެ ފުރުޞަތު 3 ރަށެއްގެ ރައްޔިތުންނަށް ދިނުމުގެ މަސައްކަތް ސަރުކާރުން އެކި މަރުޚަލާތަކުގައި ފަށައިގެން ދަނީ ކުރިއަށްގެންދަމުންނެވެ. އެއީ ހދ. ހިރިމަރަދޫ، ވ. ރަކީދު އަދި މ. ރަތްމަންދުއެވެ.

އާބާދީއާއި ތަރައްޤީ އެއްފަސްކުރަން ނިންމާފަވާ ރަށްތައް:

• ހިރިމަރަދޫ – އާބާދީ: 580+ ، ދިރިއުޅޭ އާބާދީ: 200 އެއްހާ މީހުން
• ރަކީދޫ – އާބާދީ: 360+ ، ދިރިއުޅޭ އާބާދީ: 60 އެއްހާ މީހުން
• ރަތްމަންދޫ – އާބާދީ: 240+ ، ދިރިއުޅޭ އާބާދީ: 80 އެއްހާ މީހުން

މި ތިން ރަށުގެވެސް ދިރިއުޅޭ އާބާދީ ދުވަހެއް ދުވަހަކަށް އަންނަނީ ދަށްވަމުންނެވެ. އަދި ރަށުގައި ދިރިއުޅޭ އާބާދީގެ ބޮޑު އިންސައްތައެއް ދަނީ އުމުރުން ދުވަސްވީ އާބާދީއަކާ ދިމާލަށެވެ.

ސަރުކާރުން ފަހިކޮށްދިން ފުރުޞަތާއެކު، ހިރިމަރަދޫގެ ރައްޔިތުން ވަނީ ހަނިމާދޫއަށް ދިރިއުޅުން ބަދަލުވާން ބޭނުންވެގެން ސަރުކާރަށް ހުށައަޅާފައެވެ. އަދި އެގޮތަށް ސަރުކާރުން ނިންމާ، މިފަހަރުގެ ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ހިރިމަރަދޫގެ އިދާރީ ދާއިރާގެ ގޮތުގައި ހަނިމާދޫ ކަނޑައަޅާ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރެއްވެސް ވަނީ ނެރެފައެވެ.

ހިރިމަރަދޫ ރައްޔިތުން ހަނިމާދުއަށް ބަދަލުކުރުމަށް، އެ އާއިލާތަކަށް ބޭނުންވާ ބޯހިޔާވަހިކަން ހަމަޖެއްސުމަށް ގެދޮރު އެޅުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީއާ ހަވާލުކޮށްފަވާކަމަށް، މިދިޔަ ހަފްތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވަނީ ވިދާޅުވެފައެވެ.

"އެޗްޑީސީއާއި އެ މަސައްކަތް ހަވާލުކުރެވި، މިމަހުގެތެރޭގައި ސާމާނު ގެންގޮސް ސައިޓްގެ މަސައްކަތްތައް ފަށާނެ. އަމާޒަކީ 18 މަސްދުވަހުގެ ތެރޭގައި، ގެތަކުގެ މަސައްކަތް ނިންމާ މީހުން ބަދަލުކުރުން." ވަޒީރު ވިދާޅުވިއެވެ.

ރަތްމަންދޫގެ މީހުން މާލެ އަތޮޅު ތުލުސްދުއަށް ބަދަލުކުރުމަށް ނިންމާ، އެކަން މިހާރު ވަނީ ރަތްމަންދޫ ކައުންސިލަށްވެސް އަންގާފައެވެ. އެރަށުގެ ރައްޔިތުން ބަދަލުކުރުމަށް ތުލުސްދުއިން 44 ގޯތި ތަރައްޤީކުރުމަށް އެ ބިން ތުލުސްދޫ ކައުންސިލް ވަނީ ހަމަޖައްސާފައެވެ. އެ ގެތައް އިމާރާތްކުރާނެ ބަޔަކު ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ކައުންސިލްގެ ފަރާތުން އެންމެ ފުރިހަމަ އެއްބާރުލުން ލިބެމުން ނުދާތީ، ރަކީދޫގެ ރައްޔިތުން ބަދަލުކުރުމުގައި ކަންކަން ނިންމުމުގައި ދަތިތައް ހުރިކަމަށެވެ. ރަކީދޫ ރައްޔިތުން އެހެން ރަށަކަށް ދިރިއުޅުން ބަދަލުކުރުމުގެ ފުރުޞަތު ދޭން ސަރުކާރުން ނިންމާފަވާއިރު، ވަކި ރަށަކާ ގުޅޭގޮތުން އަދި ކަންކަން ފައިނަލް ނުކުރެވޭކަމަށް ވަޒީރު ވިދާޅުވިއެވެ.

ދިރިއުޅުން ބަދަލުކުރާއިރު، ރަށުގައި މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް ބަދަލުގައި 3 ކޮޓަރީގެ ގެއެއް އަޅައިދޭނެއެވެ. އަދި ބަދަލުވާ އާއިލަތަކަށް މާލީ އެހީތެރިކަންވެސް ކަނޑައެޅިފަވާ އުސޫލުން ދޭނެއެވެ.

ވަޒީރު ވިދާޅުވީ އާބާދީއާއި ތަރައްޤީއާއި އެއްފަސްކުރުމަކީ ކުދި އާބާދީތަކުގެ ރައްޔިތުންގެ ޙާލަތު ރަނގަޅުކުރުމަށް ސަރުކާރުން ކުރަން ބޭނުންވާ ކަމެއްކަމަށާއި އެއީ ސަރުކާރުގެ މުހިންމު ސިޔާސަތެއްކަމަށެވެ. އެގޮތުން ބޯހިޔާވަހިކަމާއި ސިއްޙީ އަދި ތަޢުލީމީ ފުރުޞަތުތަކާއި ވަޒީފާގެ ފުރުޞަތުތަކަށްވެސް މަގުފަހިވެގެންދާނެއެވެ.