އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގައި 294،876 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބޭކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުން އެންމެ ފުރަތަމަ އާންމު ކުރި ވަގުތީ ލިސްޓުގައިވާގޮތުން ރާއްޖޭގައި 18 އަހަރުން މަތީގެ 294,937 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބެއެވެ. އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމަށްފަހު ލިސްޓަށް އައި ބަދަލުތަކާއެކު މިހާރު ވަނީ ވޯޓުލެވޭ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފައެވެ.
އެޕްރީލް 4ވަނަ ދުވަހު ބާއްވާ އިންތިޚާބުތަކުގައި ވޯޓުލެވޭ މީހުންގެ ދާއިމީ ލިސްޓުގައިވާގޮތުން މި އިންތިޚާބުތަކުގައި ވޯޓުލުމުގެ ޙައްގު ލިބެނީ 294،876 މީހުންނަށެވެ. މިއީ ވަގުތީ ލިސްޓުގައި ހިމެނި އަދަދަށްވުރެ 61 މީހުންގެ މަދު އަދަދެކެވެ. މި ބަދަލުތައް ގެނެސްފައިވަނީ އިލެކްޝަންސް ކޮމިޝަނުން ހުޅުވާލި ފުރުސަތުގައި ލިބުނު ޝަކުވާތަކަށް ރިޢާޔަތްކުރުމަށްފަހުއެވެ.
އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައިވާ ލިސްޓުގައިވާގޮތުން މި އިންތިޚާބުތަކުގައި ވޯޓުލުމުގެ ޙައްގު ލިބެނީ 150،370 ފިރިހެނުންނަށާއި 144،506 އަންހެނުންނަށެވެ.
އަންނަ މަހު ބާއްވާ 3 ވޯޓުގައި ވޯޓުލުމަށް ޖުމްލަ 588 ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. އެގޮތުން، މާލޭގައި 180 ފޮށި، ހުޅުމާލޭގައި 51 ފޮށި، ވިލިމާލޭގައި 9 ފޮށި އަދި އަތޮޅުތަކުގައި 322 ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. މިފަހަރު ރިސޯޓުތަކުގައި 21 ވޯޓު ފޮއްޓާއި ޖަލުތަކުގައި 5 ވޯޓު ފޮށި ބެހެއްޓުމަށްވެސް އެ ކޮމިޝަނުން ވަނީ ނިންމާފައެވެ.
ރީ-ރަޖިސްޓްރޭޝަނަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލި ފުރުސަތުގައި ދިވެހިން ދިރިއުޅޭ އެހެން ޤައުމުތަކާއި ސިނާޢީ މަސައްކަތްތައް ކުރާ ރަށްތަކުގައި ރަޖިސްޓްރީވާންޖެހޭ އަދަދަށް ވޯޓުލާން މީހުން ރަޖިސްޓްރީނުވެއެވެ. އެހެންވެ، އެ ތަންތަނުގައި މިފަހަރު ވޯޓު ފޮށު ނުބަހައްޓާނެއެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓުލުމުގެ ޙައްގު ލިބޭ މީހުން އެ މީހަކު ރަޖިސްޓްރީވެފައިވާ ވޯޓު ފޮށީގެ މައުލޫމާތު ކުރިއާލައި ބެލުމަށްފަހު ވޯޓުލުމުގެ ޙައްގު އަދާކުރުމަށް އިލްތިމާސްކުރައްވާފައެވެ. ވޯޓުލާންޖެހޭ ފޮއްޓާއި މަރުކަޒު، VR (space) ID card number ޖެހުމަށްފަހު 1414 އަށް މެސެޖްކޮށްގެން ބަލައިލެވޭނެއެވެ،