ކުޅިވަރު

ކުނަހަންދޫ ބޯއިޒް ސެމީއަށް


  • މިމުބާރާތުގައި ހަތް ޓީމަކުންދަނީ ވާދަކުރަމުން

  • މުބާރާތުގެ ފައިނަލު މެޗު އޮންނާނީ މިމަހުގެ 15 ގައި

ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް ސީބީއެމުން އިންތިޒާމުކޮށްގެން ލ.ކުނަހަންދޫގައި ކުރިއަށްދާ ރަމަޟާން ކުރިކެޓު ކާނިވަލުގެ ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ އެއްވަނަ ޓީމުގެ ގޮތުގައި ކުނަހަންދޫ ބޯއިޒް ޓީމުން ކަށަވަރުކޮށްފިއެވެ.

ހަތް ޓީމުން ވާދަކުރާ ފޯރި ގަދަ މިމުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ ކުނަހަންދޫ ބޯއިޒް ޓީމު ހޯދީ ކަދުރު އެފްސީއާ ވާދަކޮށް 3 ވިކެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.

މެޗުގެ ޓޮސް ދިމާވުމުން ކުނަހަންދޫ ބޯއިޒް ނުކުތީ ހޮވާށެވެ. ކަދުރު އެފްސީއިން ކުޅެން އަރާ، 8 އޯވަރު ތެރޭ 6 ވިކެޓަށް ހަދާފައިވަނީ 75 ލަނޑެވެ. ކަދުރު އެފްސީއިން އެންމެ ރަނގަޅަށް ކުޅުނީ 14 ލަނޑު ހެދި ހަބީބެވެ. ކުނަހަންދޫ ބޯއިޒް ޓީމުން އެންމެ ރަނގަޅަށް އުކީ، 18 ލަނޑަށް 2 ވިކެޓް ނެގި، ޒައިދުލް އަބޫބަކުރުއެވެ.

ޖަވާބުގައި ކުނަހަންދޫ ބޯއިޒް ޓީމުން ވަނީ ކުޅެން އަރައި 6 އޯވަރު ތެރޭ، 1 ވިކެޓަށް 93 ލަނޑު ހަދައި މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފައެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 21 ލަނޑު ހެދި ޒައިދުލް އަބޫބަކުރުއެވެ. ކަދުރު އެފްސީއިން އެންމެ ރަނގަޅަށް އުކީ، މުހައްމަދު ނަޖީބެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކުނަހަންދޫ ބޯއިޒް ޓީމަށް މޮޅު ކުޅުމެއް ކުޅެދިން ޒައިދުލް އަބޫބަކުރުއެވެ.

ކުނަހަންދޫ ކުރިކެޓް ކާނިވަލުގެ ދެވަނަ މެޗުގައި ވާދަކޮށްފައިވަނީ ޓެން ސްޓާޒްއާއި ކުނަހަންދޫ ގާލްޒް ޓީމެވެ. މިމެޗު 8 ވިކެޓުން ކުނަހަންދޫ ގާލްޒް ޓީމު ވަނީ ފަސޭހަކަމާއެކު ކާމިޔާބުކޮށްފައެވެ.

މެޗުގެ ޓޮސް ދިމާވުމުން ކުނަހަންދޫ ގާލްޒް ޓީމުން ގަސްދުކުރީ ކުޅޭށެވެ. މުބާރާތުގައި ވާދަކުރާ ހަމައެކަނި އަންހެން ޓީމުން ކުޅެން އަރައި، 8 އޯވަރު ތެރޭ ވަނީ 127 ލަނޑު ހަދާފައެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ ކުޅުނު، ހަފްސާ ޢަބްދުﷲއެވެ. ޓެން ސްޓާޒްއިން އެންމެ ރަނގަޅަށް އުކީ، މުހައްމަދު އައްޔާޝެވެ.

ޖަވާބުގައި ޓެން ސްޓާޒްއިން ކުޅެން އަރައި، 8 އޯވަރު ތެރޭ ހުރިހާ ކުޅުންތެރިން ނުބައިވެގެން ހަދާފައިވަނީ 57 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ، 10 ލަނޑު ހެދި، މުހައްމަދު އައްޔާޝެވެ. މިމެޗު ކާމިޔާބުކުރި، ކުނަހަންދޫ ގާލްޒް ޓީމުން އެންމެ ރަނގަޅަށް އުކީ، 15 ލަނޑަށް 2 ވިކެޓް ނެގި ޝަޔާނާ މުހައްމަދު ރަޝީދެވެ.
މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކުނަހަންދޫ ގާލްޒް ޓީމަށް 55 ލަނޑު ހަމަކޮށްދިން ހަފްސާ ޢަބްދުﷲއެވެ.

ކުނަހަންދޫ ކުރިކެޓް ކާނިވަލުގައި މާދަމާވެސް ދެ މެޗު ކުޅޭނެއެވެ. ކުނަހަންދޫ ކުރިކެޓު ދަނޑުގައި ކުރިއަށްދާ މިމުބާރާތުގެ މާދަމާގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ކުރުނބާ އެސްސީ އާއި ޓީމް ޑީއެކްސްއެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ޓީމް ވިޔަޒޯރާއި ޓެން ސްޓާޒްއެވެ.