ސައުތް އޭޝިއަން ކޮލިޓީ އެޝުއަރެންސް ސިސްޓަމްގެ ދަށުން ވިލާ ކޮލެޖުގެ ބިޒްނަސް ސުކޫލު އެކްރެޑިޓުކޮށްފިއެވެ.
ވިލާ ކޮލެޖުގެ ދަށުން ހިންގާ ޤާސިމް އިބްރާހިމް ސްކޫލް އޮފް ބިޒްނަސްއަކީ ސައުތް އޭޝިއަން ކޮލިޓީ އެޝުއަރެންސްގެ އެކްރެޑިޓޭޝަން ހާސިލުކުރި ރާއްޖޭގެ ފުރަތަމަ މަތީ ތައުލީމީ މުއައްސަސާކަމަށް ވިލާ ކޮލެޖުން ވިދާޅުވެއެވެ.
ސައުތު އޭޝިއަން ކޮލިޓީ އެޝުއަރެންސް ހާސިލުކުރުމާއި ގުޅިގެން ވިލާ ކޮލެޖުގެ ވައިސް ރެކްޓަރ އަލީ ނަޖީބު ވިދާޅުވީ މިއީ ދިވެހިރާއްޖެއަށް ވެސް ލިބިގެންދިޔަ ވަރަށް ބޮޑު ފަޚުރެއް ކަމަށާއި މިއީ ދިވެހިރާއްޖޭގެ މަތީ ތަޢުލީމުގެ ނިޒާމަށްވެސް ލިބިގެންދިޔަ ވަރަށް ބޮޑު ކާމިޔާބީއެއްކަމަށެވެ.
ނަޖީބު ވިދާޅުވީ ވިލާ ކޮލެޖުގެ ރިވިއު މަރުހަލާގައި ކޮލެޖު ހިންގުމުގެ ސިޔާސަތުތަކާއި، ކިޔަވައިދިނުމާއި އުނގަންނައިދިނުމުގެ އުސޫލުތަކާއި، މަންހަޖުތައް ފަރުމާކޮށް މުރާޖައާ ކުރުމުގެ އުސޫލުތަކާއި، ކޮލެޖުގެ އެތެރޭގެ ފެންވަރު ކަށަވަރުކުރުމުގެ އިންތިޒާމުތައް ބަލާފައިވާކަމަށެވެ. އަދި މިކަންކަން ހުރީ ރަނގަޅު ފެންވަރެއްގައިކަން އެފަރާތުން ފާހަގަކޮށްފައިވާކަމަށް ނަޖީބު ވިދާޅުވިއެވެ.
ޕްރެސް ކޮންފަރެންސްގައި ވާހަކަ ދަށްކަމުން އަލީ ނަޖީބު ވިދާޅުވީ މިއީ ދިވެހިރާއްޖޭގެ މަތީ ތައުލީމު ފުޅާ ކުރުމަށް ލިބޭ ފަހި ފުރުސަތެއްކަމަށެވެ. އަދި ވިލާ ކޮލެޖަށް މި އެކްރެޑިޓޭޝަން ލިބުމާއެކު ބިޒްނަސް ސުކޫލުން ހިންގާ 13 ޕޮރޮގުރާމެއް އެކްރެޑިޓުކުރެވިފައިވާކަަށް ނަޖީބު ވިދާޅުވިއެވެ.
"މި އެކްރެޑިޓޭޝަންގެ ދަށުން ބިސްނަސް ސުކޫލުގެ 13 ޕްރޮގުރާމެއްވަނީ އެކްރެޑިޓުކުރެވިފަ. މިކަމުގެ ސަބަބުން ސަރަހައްދީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަންނަ ތަނަކަށް ވިލާ ކޮލެޖު ވެގެންދާނެ. އަދި ދަރިވަރުންގެ ހުނަރުތައް ތަރައްގީވެ ދިރާސާތައް ފުޅީކުރެވި ގެންދާ ހަރަކާތްތަކުގެ ފެނަވަރު ރަނގަޅުވެގެންދާނެ" ވިލާކޮލެޖުގެެ ވައިސް ރެކްޓަރ އަލީ ނަޖީބު ވިދާޅުވިއެވެ.
ވިލާ ކޮލެޖުގެ ބިޒްނަސް ސުކޫލަށް ލިބުނު ކާމިޔާބީ ނަޖީބު ސިފަކުރެއްވީ ބައިނަލްއަގުވާމީ ފެނަވަރުގައި ތައުލީމު ފުޅާކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައެވެ. އަދި މިއީ ދިވެހި ރާއްޖޭގެ ތައުލީމީ މުއައްސަސާއެއް މިގޮތަށް އެކްރެޑިޓުކުރެވޭ އެންމެ ފުރަތަމަ ފަހަރުކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ވިލާ ކޮލެޖުން ވިދާޅުވީ އެކްރެޑިޓޭޝަންގެ ސަބަބުން ކޮލެޖަކީއަކީ ދުނިޔޭގެ ފެންވަރުގައި ބަލައިގަންނަ ފަދަ ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދޭ، އަދި ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ އެންމެ ފެންވަރު ރަނގަޅު އެއް ކޮލެޖު ގޮތުގައި ވެގެން ގޮސްފައިވާކަމަށެވެ.
މި އެކްރެޑިޓޭޝަންގެ ދަށުން ކިއު.އައި.އެސް.ބީ އިން ހިންގާ ބިޒްނަސް އެންޑް މެނޭޖްމަންޓް ދާއިރާގެ މާސްޓަރސް ފެންވަރުގެ 5 ޕްރޮގްރާމާއި ބެޗްލަރސް ފެންވަރުގެ 8 ޕްރޮގްރާމާއިއެކު ޖުމްލަ 13 ޕްރޮގްރާމެއް ވަނީ ބައިނަލްއަޤްވާމީ ފެންވަރުގައި ބަލައިގަނެ އެކްރެޑިޓްކުރެވިފައެވެ. މި ކާމިޔާބީއާއެކު، ކިއު.އައި.އެސް.ބީ އަށް "އެސްއޭކިއުއެސް އެކްރެޑިޓެޑް" ކޮލިޓީ ލޭބަލް ބޭނުންކުރެވޭނެއެވެ.
އެސްއޭކިއުއެސް އަކީ 1989 ވަނަ އަހަރު އުފެދުނު އެސޯސިއޭޝަން އޮފް މެނޭޖްމަންޓް ޑިވެލޮޕްމަންޓް އިންސްޓިޓިއުޝަންސް އިން ސައުތު އޭޝިއާ (އެމް.ޑީ.ސާ) އިން ދެކުނު އޭޝިއާ ސަރަޙައްދުގެ ބިޒްނަސް ސްކޫލްތަކުގެ ފެންވަރު ވަޒަންކޮށް އެކްރެޑިޓް ކުރުމަށް ހިންގާ ބައިނަލްއަޤްވާމީ ކޮލިޓީ އެޝުއަރެންސް ޕްރޮގްރާމެކެވެ. އެމް.ޑީ.ސާ އަކީ ދެކުނު އޭޝިއާގެ 334 އަށްވުރެ ގިނަ މެނޭޖްމަންޓް އިންސްޓިޓިއުޓްސް ގުޅާލަދޭ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެކެވެ. އެސްއޭކިއުއެސް އެކްރެޑިޓޭޝަނަކީ މެންޓަރިންގ، ސެލްފް-އެސެސްމަންޓް، ޕިއަރ ރިވިއު، އަދި ސްޓްރެޓީޖިކް ގައިޑެންސް އެކުލެވޭ ކޮލިޓީ ކުރިއެރުވުމުގެ ނިޒާމެކެވެ. އެސްއޭކިއުއެސް ގެ ބައިނަލްއަޤްވާމީ ފެންވަރު ހާމަކޮށްދޭ އެއް ހެތްކަކީ، އިންޑިއާގެ އެސޯސިއޭޝަން އޮފް އިންޑިއަން ޔުނިވަރސިޓީސް އިން އެސްއޭކިއުއެސް އެކްރެޑިޓޭޝަން، އެ ޤައުމުގެ ނެޝަނަލް ބޯޑް އޮފް އެކްރެޑިޓޭޝަން އާއި އެއް ފެންވަރެއްގެ ގޮތުގައި ބަލައިގެންފައިވުމެވެ.
ދިވެހިރާއްޖޭގައި މަތީ ތަޢުލީމުދޭ މުއައްސަސާތަކުގެ ފެންވަރު ކަށަވަރުކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ޕްރޮގްރާމް އެކްރެޑިޓޭޝަން، އިންސްޓިޓިއުޝަނަލް ރިވިއު، އަދި ޕްރޮފެޝަނަލް ބޮޑީތަކުގެ ނިޒާމުތައް ޤާއިމުވެފައި އެބަހުއްޓެވެ. ނަމަވެސް ވިލާ ކޮލެޖުން ވަނީ އެ ނިޒާމުތަކުގެ ބޭރުން، ބައިނަލްއަޤްވާމީ ފެންވަރެއްގައި ވެސް ފެކަލްޓީތަކާއި، ސްޓާފުންނާއި، ޕްރޮގްރާމްތަކުގެ ފެންވަރު ސާބިތުކޮށްދީފައެވެ.