ރާއްޖޭގައި އާންމު އިންތިޚާބުގެ ގޮތުގައި ބާއްވަނީ 3 އިންތިޚާބެކެވެ. އެއީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ އިތުރުން ލޯކަލް ކައުންސިލްްތަކާއި އަންހެނުންގެ ކޮމިޓީ އިންތިޚާބެވެ. މި މަގާމުތަކަކީ ތަފާތު މަގާމުތަކަކަށްވިނަމަވެސް ހުރިހާ މަގާމެއްގައި އެއްގޮތް ސިފައެއް އެބަހުއްޓެވެ. އެއީ ކޮންމެ މަގާމަކީވެސް ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ރައްޔިތުންގެ ތަމްސީލުކުރައްވާ މެންބަރުންނެވެ. އެހެންކަމުން ކޮންމެ އިންތިޚާބަކީވެސް ރައްޔިތުންނަށް މުހިންމު އިންތިޚާބެކެވެ. އެ އިންތިޚާބެއްގައި ވޯޓުލުމުގެ ޙައްގު ލިބޭ ކޮންމެ ރައްޔިތެއްގެވެސް އަޑު އިއްވުމަކީ މުހިންމު ކަމެކެވެ.
މިއަހަރު ބާއްވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބަށް ބާކީ މަހެއްހާ ދުވަސްވެސް ނެތެވެ. އަންނަ މަހުގެ 4ވަނަ ދުވަހު ބާއްވާ މި އިންތިޚާބު މިފަހަރު އިތުރު ގޮތްތަކުންވެސް ޚާއްސަވެގެން އެބަދެއެވެ. ސިޓީތަކާއި ރަށްރަށުގެ ރައްޔިތުންގެ ކުރިއެރުމާއި ތަރައްގީއަށް މަސައްކަތް ކުރާނެ މަންދޫބުން ހޮވުމުުގެ އިތުރުން ޤައުމުގެ ހުރިހާ ރައްޔިތުންގެވެސް މަސްލަހަތު ހުރި ވޯޓެއް މިފަހަރު ނެގުމަށް ހަމަޖެހިފައިވާތީއެވެ. އެއީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބާއްވައި މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ކުރުކުރަން ޤާނޫނުއަސާސީއަށް ގެނައި އިސްލާހު ތަސްދީގުކުރަން ރައްޔިތުންނަށް ފެންނަ ގޮތެއް ބެލުމަށް ނަގާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 އެވެ.
ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަނީ އެފަދަ މުހިންމު ކަމެއްގައި މުޅި ޤައުމުގެ ވޯޓުލުމުގެ ޝަރުތު ފުރިހަމަވާ ހުރިހާ ރައްޔިތުންގެވެސް ބަސް އޭގައި ހިމެނުމަކީ މުހިންމު ކަމަކަށްވާތީއެވެ. ޑިމޮކްރަސީގެ ރިވެތި ނަމޫނާއާ އެއްގޮތަށް އެ ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ބޭނުންވާ ގޮތަށް ގޮތް ނިންމައި، ޤައުމުގައި ހަމަޖެހުން ގާއިމުކުރުމަށެވެ.
ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން އަދިވެސް ބައެއް ފަރާތްތަކުން މިފަދަކަންކަން ދެކެނީ ވަރަށް އާދައިގެ ކަންކަމުގެ ގޮތުގައެވެ. ތިމާ އަމިއްލައަށް ވޯޓުގެ ނަތީޖާ ނިންމައި، ތިމާ ބޭނުންވާ ގޮތަށް ވޯޓުގެ ނަތީޖާ ނުދާނެކަމަށް ދެކި ވޯޓުލުމުގެ ޙައްގު އަދާނުކޮށް ދޫކޮށްލައެވެ. ނަމަވެސް މި ދޫކުރެވޭނީ ކިހާ ބޮޑު ޙައްގެއްކަން ނޭނގެއެވެ. އެހެން ބައެއް ޤައުމުތަކުގައި މިފަދަ ކަންކަމުގައި އަމިއްލަ އަޑު އިއްވުމަށް ރައްޔިތުން ތިބެނީ ކެތްމަދުވެފައެވެ. އެތައް ޤައުމެއްގައި ރައްޔިތުން ދަނީ މިފަދަ ބޮޑެތި ނިންމުންތަކުގައި އެ ރައްޔިތުންގެ ބަސް ހިމެނުމަށް އާދޭސް ކުރަމުންނެވެ.
މިފަދަ ވޯޓުތަކަކީ އަބަދު ނަގާ ވޯޓުތަކެއް ނޫނެވެ. އެންމެފަހުން މިފަދަ ވޯޓެއް ނެގީ ރާއްޖޭގައި އޮންނަން ފެންނަ ނިޒާމަކާ ގުޅޭގޮތުންނެވެ. އެ ދުވަހު ރައްޔިތުން ނުކުމެ ރިޔާސީ ނިޒާމެއް ރާއްޖޭގައި އޮންނަން ފެންނަކަމަށް މެޖޯރިޓީ ރައްޔިތުން ވޯޓުދިނުމުން މިއަދާއަހަމަށްވެސް ޤައުމު ހިނގަމުންދަނީ އެ ދުވަހު އަޑު އިއްވި ރައްޔިތުންގެ ނިންމުމާ އެއްގޮތަށެވެ. ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ނަގާ ވޯޓަކީވެސް މިފަދަ ވޯޓެކެވެ. އޭޕްރިލް މަހުގެ 4ވަނަ ދުވަހު ރައްޔިތުންގެ ވޯޓުގެ ނަތީޖާ ނުކުންނަގޮތަކުން ޒަމާންތަކަށް ދެމިގެންދާނެ ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ.
ފެންނަ ނުފެންނަ ވޯޓުގެ އިތުރުން އޭޕްރިލް 4ގައި ނަގާ ކައުންސިލަރުންނާއި އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުން ހޮވުމަށް ނަގާ ވޯޓަކީވެސް އެހާމެ މުހިންމު ވޯޓެކެވެ. އެއީވެސް ކުރިއަށް އޮތް 5 އަހަރުގެ މުއްދަތަކަށް ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ރަށާއި ސިޓީތަކުގެ ތަރައްގީއާއި ކުރިއެރުމަށް މަސައްކަތް ކުރާނެ މެންބަރުން ހޮވުމަށް ނަގާ ވޯޓުތަކެކެވެ. އެ މެންބަރުން ޖަވާބުދާރީ ކުރުވޭނީ މިއަދު ތިމާގެ ޙައްގު އަދާކޮށްގެންނެވެ.
ކައުންސިލާއި އަންހެނުންގެ ކޮމިޓީ މެންބަރުންނަކީ އާދައިގެ މަގާމުތަކެއް ނޫނެވެ. އެއީ ރަށުގެ އެންމެ އިސް ފަރާތްތަކެވެ. އެއީ ސަރުކާރާ ގުޅިގެން ރަށުގެ ތަރައްގީއަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރުމުގެ ޒިންމާއާ ހަވާލުވާ މެންބަރުންނެވެ. އެ މަޤާމުތަކުގައި ކަމަށް ކުޅަދާނަ ގާބިލު މީހުން އިންތިޚާބުކުރުމަށް މަސައްކަތް ކުރުމަކީ ރަށުގެ ކުރިމަގަށް އެ ރައްޔިތެއްގެ ޒިންމާއެކެވެ.
އަންނަ މަހުގެ 4ވަނަ ދުވަހު ބާއްވާ އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު 140،000 އަށްވުރެ ގިނަ މީހުންނަށް ލިބެއެވެ. ވަކި ތިން ކަމަކަމަށް ވޯޓުލާއިރު ކޮންމެ ނިންމުމެއްގައިވެސް ރައްޔިތުން ވިސްނަންވީ ގައުމާއި ރަށުގެ ކުރިއެރުމަށެވެ.