ނެޓްބޯޅައިގެ ތެރޭގައި ހަރަކާތްތެރިވަމުން އަންނަ ހުނަރުވެރި ޒުވާން ކުޅުންތެރިންގެ އަދަދު އަންނަނީ އިތުރުވަމުންކަމަށާއި، މިއީ އުންމީދީ މަންޒަރެއްކަމަށް ނެޓްބޯޅައިގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ އަދި މިހާރު ކޯޗެއްގެ އިތުރުން ނެޓްބޯޅަ ކުރިއެރުވުމަށް ކުރިއަށްގެންދާ ފިއޯންޓީ އެކަޑަމީގެ ރައީސްކަންވެސް ކުރަމުން އަންނަ އާއިޝަތު ނާޒިމާ ބުނެފިއެވެ.
ފިއޯންޓީ އެކަޑަމީއިން އިންތިޒާމުކޮށްގެން ރަމަޟާންމަހުގެ މުނާސަބަތުގައި ކުރިއަށްގެންދާ މައިލޯ ރަމަޟާން ހާފްކޯޓް ޗެލެންޖުގެ ތެރެއިން ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައެވެ.
ކުޅިވަރުގެ ދާއިރާގެ ޚިދުމަތްތެރިއެއްގެ ގޮތުގައިވެސް ފެންނަމުން އަންނަ ތަޖުރިބާކާރު ކޯޗު ބުނީ ނެޓްބޯޅައިގައި ގިނަ ކުރިއެރުންތަކެއް ހޯދަމުން އަންނަކަމަށް ގަބޫލުކުރާކަމަށެވެ. އެގޮތުން ގައުމީ ޓީމުތަކުންވެސް ޒުވާން ކުޅުންތެރިން ފެންނަމުންދާ އަދަދު އިތުރުވެއްޖެކަމަށާއި މިއީ ހެޔޮ ފާލެއްކަމަށް ދެކޭކަމަށެވެ.
ހުނަރުވެރި ޒުވާން ކުޅުންތެރިން އުފެދެމުން އަންނައިރު އެކުދިން ހޯދަމުންދާ ކާމިޔާބީތަކުން ދައްކުވައިދެނީ ރާއްޖޭގެ ނެޓްބޯޅައިގެ ކުރިމަގު އުޖާލާވެގެންދާނެކަންކަމަށް އޭނާވަނީ ބުނެފައެވެ.
"ކުޅިވަރުގައި މިހާރު ވަރަށް ރަނގަޅު ކުރިއެރުމެއްދަނީ ފެންނަމުން. ގައުމީ ޓިމުތަކުގައިވެސް ޔަންގު ކުދިން ފެނިގެން މިދަނީ. ވަރަށް ޅަ އުމުރުގައި ވަރަށް ރަނގަޅު ކާމިޔާބީތަކެއް ހޯދަމުންތާތަން ފެނޭ. އެހެންވީމަ އަޅުގަނޑު ބުނާނީ ކުޅިވަރުގެ ފިއުޗަރ ވަރަށް ބްރައިޓްއޭ މިހާރު" ނާޒިމާ ބުނެފަވެއެވެ.
ނެޓްބޯޅަ ކުރިއެރުވުމަށް އަދިވެސް އިތުރު މަސައްކަތްތައް ކުރަންޖެހޭކަމަށް ނާޒިމާ ފާހަގަކުރިއެވެ. އެގޮތުން ހުނަރުވެރި ކުޅުންތެރިން އުފެދިގެންދާނީ ވާދަވެރި މުބާރާތްތައް އިތުރުކުރެވި، ކުދިންނަށް ވީހާވެސް ގިނަ ފުރުސަތުތަކެއް ފަހިކޮށްދެވިގެންކަމަށް އޭނާ ދެކެއެވެ.
އެގޮތުން ކުރެވިދާނެ އެންމެ މުހިންމު އެއްކަމެއްގެ ގޮތުގައި އޭނާ ގަބޫލުކުރަނީ ސްކޫލްކުދިންގެ މެދުގައި ބާއްވަމުން އަންނަ އިންޓަސްކޫލް ނެޓްބޯޅަ މުބާރާތް މިހާރަށްވުރެ ވާދަވެރި އަދި ފޯރި ގަދަ މުބާރާތެއްގެ ގޮތުގައި ބޭއްވުމެވެ. އެފަދަ ގޮތަކަށް މުބާރާތް ބޭއްވިއްޖެ ނަމަ ހުނަރުވެރި އެތައް ތަރިންނެއް މުބާރާތުން ވިދާލާނެކަމަށް އޭނާ ބުންޏެވެ. އެފަދަ މުބާރާތްތަކުން އުފެދޭ މޮޅެތި ކުޅުންތެރިންނާއިއެކު ރާއްޖޭގެ ނެޓްބޯޅައިގެ ރަން ޖީލު މުސްތަގުބަލުގައި ފެނިގެންދާނެކަމަށް އޭނާ ބުންޏެވެ.
"އިންޓަ ސްކޫލް އަޅުގަނޑަށް ހީވަނީ އަދިވެސް މިއަށްވުރެ ސްޓްރޯންގްކޮށްފިއްޔާ އަދިވެސް އަޅުގަނޑުމެންނަށް ކުޅިވަރުގެ ހަމަ ރަން ޖީލު ބޮޑަށް ފެނިގެންދާނެ" ނާޒިމާ ބުންޏެވެ.
ނެޓްބޯޅައިގެ ހުނަރުވެރި ޒުވާން ޖީލެއް އުފެއްދުމަށްޓަކައި ފިއޯންޓީގެ ނަމުގައި ނެޓްބޯޅަ އެކަޑަމީއެއްވެސް ހިންގަމުން އަންނަ ނާޒިމާ ދެކޭގޮތުގައި ރާއްޖޭގައި ކުޅިވަރު އެކަޑަމީތައް އިތުރުވީ ވަރަކަށް ކުޅިވަރުތަކުން މޮޅެތި އެތުލީޓުން އުފެދިގެންދާނެއެވެ. ކުޅިވަރުތަކުން ކުދިން ތަރައްގީވުމުގައި އެކަޑަމީތަކަކީ ފުރަތަމަ ބިންގާކަމަށް ނާޒިމާ ބުންޏެވެ.
އެތުލީޓުން އުފެދުމުގައި ގްރާސްރޫޓް މުހިންމު ދައުރެއް އަދާކުރާއިރު، ފެންވަރު ރަނގަޅު އެކަޑަމީތަކުން ތަރައްގީވެގެން ނުކުންނަ ކުދިން ވަރުގަދަ ކުޅުންތެރިންގެ ގޮތުގައި ފެންނާނެކަމަށް އޭނާވަނީ ބުނެފައެވެ.
ހުނަރުވެރި މޮޅެތި ކުޅުންތެރިން އިތުރުވީ ވަރަކަށް ސީނިއާ ޓީމުތަކުގެ ދުވަސްވީ ކުޅުންތެރިންނަށް އޮންނާ ލޯޑް ކުޑަވެ، ޓީމުތައް ޒުވާންވެގެންދާނެކަމަށް އޭނާ ފާހަގަކުރިއެވެ. އަދި އެކަމުގެ ސަބަބުން ކުޅިވަރު އެސޯސިއޭޝަންތަކުންވެސް ކުރަންޖެހޭ މަސައްކަތް ލުއިވެގެންދާނެކަމަށް އޭނާވަނީ ބުނެފައެވެ.
"އަސްލުގައި ހުރިހާ ކުޅިވަރެއްގައިވެސް ބިންގަލަކީ އެކަޑަމީތައް ކަންނޭނގެ. ގްރާސްރޫޓް ރަނގަޅުވީ ވަރަކަށް އެކަޑަމީތައް ފޯމްވެގެން އެކަޑަމީތައް ވަރުގަދަވީ ވަރަކަށް ހުރިހާ ކުޅިވަރެއްގައިވެސް ހަމަ ވަރަށް ރަނގަޅު ކުޅުންތެރިންތަކެއް އުފެދިގެންދާނެ. އޭރުން ހުންނަ ސީނިއާ ޓީމުތަކަށް ލޯޑް ކުޑަވެގެންދާނެ. އެއީ ކުރަންޖެހޭ މަސައްކަތްތައްވެސް އެސޯސިއޭޝަންތަކަށް ލުއިވާނެ. އެކަޑަމީތައް ސްޓްރޯންގްވެފައި ގިނަވީ ވަރަކަށް" ނާޒިމާ ބުންޏެވެ.
ނެޓްބޯޅައިން ގައުމީ ފެންވަރުގައިވެސް ފާހަގަކޮށްލެވުނު ނާޒިމާގެ މޭސްތިރިކަމުގެ ދަށުން އުފައްދާފައިވާ ފިއޯންޓީ އެކަޑަމީގައި މިހާރު 450 އަށްވުރެ ގިނަ ކުދިން އަންނަނީ ތަމްރީނުވަމުންނެވެ. މިފަދަ އެކަޑަމީއެއް ހިންގުމަކީ އޭނާ އަބަދުވެސް ދެކެމުން އައި ހުވަފެނެއްކަމަށް އޭނާ ފާހަގަކޮށްފައިވާއިރު މި އެކަޑަމީގައި ކުދިން ޓްރޭން ކުރުމަށް ހަރަކާތްތެރިވަމުން އަންނަނީ ސެޓިފައިޑް ބިދޭސީ ކޯޗުންކަމަށް އޭނާވަނީ މައުލޫމާތި ދީފައެވެ.
ނެޓްބޯޅައިގެ އިތުރުން މިހާރު ހޭންޑްބޯޅަ އެކަޑަމީއެއްވެސް އުފައްދާފައިވާނެކަމަށާއި އެއެކަޑަމީގައި ކުދިން ތަމްރީނުކުރަމުން އަންނަނީ ބަންގްލަދޭޝް ހޭންޑްބޯޅަ ޓީމުގެ ކުރީގެ ކޯޗުކަމަށް އޭނާ ބުންޏެވެ.
"ފިއޯންޓީ އެކަޑަމީގައި މުޅިންވެސް ތަމްރީނުކޮށްދޭނީ ބޭރު ކޯޗުން. ހަމަ ސަޓިފައިޑް ބޭރުގެ ކޯޗުން ތިބޭނީ. އޭގެ އިތުރުން މިހާރު މިވަނީ ހޭންޑްބޯލް ވެސް ބަންގްލަދޭޝްގެ ކުރީގެ ގައުމީ ކޯޗު ގެނެސްގެން ހޭންޑްބޯލް އެކަޑަމީއެއްވެސް ފަށާފައި" ޏާޒިމާ ބުންޏެވެ.
ހުނަރުވެރި އެތައް ނެޓްބޯޅަ ކުޅުންތެރިންތަކެއް އުފައްދާ، އަދިވެސް އުފައްދަމުން އަންނަ ފިއޯންޓީ އެކަޑަމީއަކީ އޭނާގެ ޒަމާންވީ ހުވަފެނެއްކަމަށް ނާޒިމާ ބުންޏެވެ.
"އަޅުގަނޑު ޑްރީމް މި ރަނގަޅު އެކަޑަމީއެއް އުފައްދާ މޮޅެތި ކުޅުންތެރިން ބިނާކުރުން. އިރާދަކުރެއްވިއްޔާ ނެޓްބޯޅައިގައި ވަރަށް ބްރައިޓް ކުދިންތަކެއް އަޅުގަނޑުވާނީ އުފައްދަދީފަ" ނާޒިމާ ބުންޏެވެ.
ފިއޯންޓީ ސްޕޯޓްސް އެކަޑަމީއިން އިންތިޒާމުކޮށްގެން މުބާރާތްވެސް ބާއްވަމުން އަންނައިރު، ރަމަޟާންމަހުގެ މުނާސަބަތާއި ގުޅުވައިގެން ކުރިއަށްގެންދާ މައިލޯ ރަމަޟާން ހާފްކޯޓް ޗެލެންޖުގެ ކުޅުން މިހާރުވަނީ ފަށާފައެވެ. މިއީ މިމުބާރާތް ކުރިއަށްގެންދާ ހަތަރު ވަނަ އަހަރަށްވާއިރު، މިއަހަރުގެ މުބާރާތުގައި ތިން ކެޓަގަރީއަކުން 20 ޓީމަކުން ވާދަކުރެއެވެ. މިމަހުގެ 5 ވަނަ ދުވަހު މިމުބާރާތުގެ ފައިނަލް މެޗުތައް ކުޅުމަށް ތާވަލުކޮށްފައިވާއިރު، ޖުމްލަ 77 މެޗު މުބާރާތުގައި ފެނިގެންދާނެއެވެ.