ކުޅިވަރު

ތްރީ އޮން ތްރީ ރަމަޟާން ނެޓްބޯލް ޗެލެންޖު ފަށައިފި


  • މުބާރާތުގެ ކުޅުން ކުރިއަށްދަނީ މާފަންނު ސްޓޭޑިއަމްގެ ސިންތެޓިކް ނެޓްބޯލް ކޯޓުގައި

  • މެޗުތައް ކުޅޭނީ ރޭގަނޑު 09:30އިން 0:00އަށް

  • 7 ކެޓަގަރީއަކުން ފޯރިގަދަ މެޗުތަކެއް

ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ތްރީ އޮން ތްރީ ރަމަޟާން ނެޓްބޯލް ޗެލެންޖު ފަށައިފިއެވެ.

7 ކެޓަގަރީއަކުން ވާދަކުރާ މިމުބާރާތުގެ ކުޅުން ކުރިއަށްދަނީ މާފަންނު ސްޓޭޑިއަމްގެ ސިންތެޓިކް ނެޓްބޯލް ކޯޓުގައެވެ. މުބާރާތުގައި ކޮންމެ ރެއަކުވެސް 16 މެޗު ކުޅުމަށް ތާވަލުކޮށްފައިވާއިރު މެޗުތަކުގެ ކުޅުން ކޮންމެ ރެއަކުވެސް 09:30 އިން 0:00 އާއި ހަމައަށް ކުރިއަށްދާނެއެވެ.

ފޯރި ގަދަ މި މުބާރާތުގައި ވާދަކުރަމުންދާ ކެޓަގަރީތަކުގެ ތެރޭގައި އަންހެނުންގެ އޯޕަންސް ކެޓަގަރީ، ފިރިހެނުންގެ އޯޕަންސް ކެޓަގަރީގެ އިތުރުން ވެޓެރަންސްއަށް ޚާއްސަ ކެޓަގަރީއެއް ހިމެނެއެވެ. އޭގެ އިތުރުން 11 އަހަރުން ދަށް، 13 އަހަރުން ދަށް، 15 އަހަރުން ދަށް އަދި 21 އަހަރުން ދަށުގެ އުމުރުފުރާގެ މެޗުތައްވެސް މިމުބާރާތުގައި ހިމެނެއެވެ.

މުބާރާތުގެ މެޗުތަކުގެ ދިގުމިނަށް ބަލާއިރު، 11 އަހަރުންދަށާއި 13 އަހަރުންދަށުގެ ކުދިން ކުޅެނީ 7 މިނިޓްގެ މެޗުތަކެކެވެ. ބާކީ ހުރި ކެޓަގަރީތަކުން ވާދަކުރާ ޓީމުތަކުން ކުޅޭނީ 10 މިނިޓްގެ މެޗުތަކެކެވެ.

މުބާރާތުގައި ބިދޭސީ ކުޅުންތެރިންނަށްވެސް ވާދަކުރުމުގެ ފުރުޞަތު އޮތް ނަމަވެސް ހަމައެކަނި އެކުޅުންތެރިންނަށް ވާދަކުރެވޭނީ އުމުރުފުރާތަކުގެ ޓީމުތަކުގައި އެކަންޏެވެ. އަދި ކޮންމެ ކުޅުންތެރިއަކަށްވެސް އެއް ކެޓަގަރީއަށްވުރެ ގިނަ ކެޓަގަރީގައި ވާދަކުރުމުގެ ފުރުސަތު މިމުބާރާތުގައިވަނީ ހުޅުވާލާފައެވެ.

ތްރީ އޮން ތްރީ ރަމަޟާން ނެޓްބޯލް ޗެލެންޖުގައި ވާދަކުރާ ކޮންމެ ޓީމެއްގައި ހަތަރު ކުޅުންތެރިން ހިމަނެއެވެ. އެގޮތުން ސީނިއަރ ގައުމީ ސްކޮޑުގެ ކުޅުންތެރިއަކު ޓީމެއްގައި ހިމަނާނަމަ، އެ ފުރުސަތު ލިބިދެވޭނީ ކޮންމެ ޓީމަކުން ގިނަވެގެން ގައުމީ ސީނިއާ ޓީމުގެ ދެ ކުޅުންތެރިއަކަށެވެ.

މިފަދަ މުބާރާތެއް ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކުރިއަށް ގެންދިއުމުގެ މަޤްޞަދަކީ ރަމަޟާންމަހުގެ އުފަލުގައި ބައިވެރިވެ، އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް، ކުޅިވަރުގެ ރޫހާއެކު ޓީމު ވޯކު ވަރުގަދަކުރުމެވެ. އަދި މިފަދަ މުބާރާތްތަކުގެ ސަބަބުން އިޖްތިމާއީ ގުޅުންތައް ބަދަހިވެ، ދޭދޭ ފަރުދުންގެ މެދުގައި އޮންނަ އެއްބައިވަންތަކަން އިތުރުވާނެކަމަށް އެންއޭއެމްއިން ދެކެއެވެ.

ތްރީ އޮން ތްރީ ރަމަޟާން ނެޓްބޯލް ޗެލެންޖު ކުރިއަށްދާނީ މިމަހުގެ 26 އިން އަންނަމަހު 3 ގެ ނިޔަލަށް މާފަންނު ސްޓޭޑިއަމްގެ ސިންތެޓިކް ނެޓްބޯލް ކޯޓުގައެވެ.